ކޭ-ޕާކު ރެސިޑެންސްގެ އެޕާޓްމަންޓުތައް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި، ބޭނުންކުރުމުގެ ތުހުމަތުގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 225 އެއްހާ ދައުވާ ކުރަން އަންނަ ހަފުތާގެ ތެރޭގައި ފޮނުވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޭޕާކު އެޕާޓްމަންޓަކީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފައްދާފައިވާ ހަންބޯ މޯލްޑިވްސްއިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މަންޑޭއަކީ ހަމްބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރެވެ. އޭނާގެ މައްސަލަ ފެންމަތިވީ ކޭޕާކު އެޕާޓްމަންޓުތައް ނުނިމި ދިގުލައިގެންދާ މައްސަލައިގައި އެޕާޓްމަންޓު ގަތް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށެވެ.
މިކަމާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެމުން ޝަމީމް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި މަންޑޭގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. އޭނާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ:
ސައްހަ ނޫން ލިޔުމެއް އުފެއްދުން
އޮޅުވާލުން
ޓެކުން
މަނީ ލޯންޑަރިން
މި ދައުވާތަކުގެ ތަފުސީލުތައް ދެއްވަމުން ޝަމީމް ވިދާޅުވީ ދައުވާތައް އެހާ ގިނަވީ މަންޑޭގެ ސްކޭމްގެ ޝިކާރައަކަށްވީ ހުރިހާ އެންމެންގެ މައްސަލަތަކުގައި ވަކި ދައުވާތައް ކުރަން ނިންމުމާ ގުޅިގެންނެވެ. މިހާތަނަށް ލިބުނު މައުލޫމާތުން މި ސްކޭމްގެ ތެރެއިން 41 އެޕާޓްމަންޓެއް 107 މީހަކަށް ވިއްކާފައިވާ ކަމަށް ބެލެވޭއިރު، ދައުވާ ކުރަނީ ނިމިފައިވާ މީހުންގެ މައްސަލަތަކުގައި އެކަނި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަންޑޭގެ ޕެންޓްހައުސްގައި ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ!
މި މައްސަލައިގެ ތެރެއިން މަންޑޭގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކުރާ ސަބަބު ވަރަށް ތަފްސީލުކޮށް ޝަމީމް ކިޔައިދެއްވި އެވެ.
މަނީ ލޯންޑަރިންގެ ދައުވާ މަންޑޭއަށް ކުރަނީ ހުޅުމާލޭގައި ހުންނަ އެފްޑަބްލިޔު ރެސިޑެންސްއިން ގަނެފައިވާ ޕެންޓްހައުސްއެއްގެ މައްސަލައިގަ އެވެ. ތަހުގީގުގެ ހޯދުންތަކާ ހަވާލާދީ ޕީޖީ ޝަމީމް ވިދާޅުވީ ގޮތުގައި 7.8 މިލިއަން ރުފިޔާގައި އަގުކުރެވިފައިވާ މި ޕެންޓްހައުސް ގަނެފައި ވަނީ، ކޭޕާކުގެ ދެ އެޕާޓްމަންޓެއް ހަތަރު މީހަކަށް ވިއްކާލައިގެން ލިބުނު ފައިސާއިންނެވެ.
ޝަމީމް ވަނީ ޕެންޓްހައުސްގެ ތެރެއިން ހަތް މިލިއަން ރުފިޔާގެ އަގުހުރި މުދާ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެތަނުން ނެގި އަގުހުރި މުދަލުގެ ތެރޭގައި ނުކަނޑާ ހުރި 200 ސެންޓުފުޅި، 90،000ރ. ގެ އަގުބޮޑު އަތްދަބަހާއި 10،000 ޑޮލަރާއި 25،000 ޑޮލަރުގެ އަގުހުރި ގަހަނާ ވެސް ހިމެނެ އެވެ.
ޕެންޓްހައުސް އާއި އެތަނުން އަތުލައިގަތް ތަކެތީގެ ޖުމްލަ އަގު 14.8 މިލިއަން ރުފިޔާއަށް އަރަ އެވެ.