ޚަބަރު

ކޮޕް28 ގެ ތެރެއިން ސިކުންތު ކޮޅަކަށް ޗާރލްސްއާއި ދިމާވުމުން، ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ރައީސް އޮފީހުން ދޮގު ހަދައިފި!

ދިޔަވަރު
ކޮޕް28 ގެ ތެރެއިން ސިކުންތު ކޮޅަކަށް ޗާރލްސްއާއި ދިމާވުމުން، ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ރައީސް އޮފީހުން ދޮގު ހަދައިފި!

ކޮޕް28 ސަމިޓަކީ ދުނިޔޭގެ ހުރިހާ ލީޑަރުން ބައިވެރިވެ ވަޑައިގަންނަވާ ސަމިޓެކެވެ. ރާއްޖޭގެ ފަރާތުން ރައީސް މުއިއްޒު މި ރަސްމިއްޔާތަށް ވަޑައިގެން އުޅުއްވަނިކޮށް، މި ސަމިޓް ބާއްވާ ސަރަހައްދުން، އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ފެނިގެން، ދުވެވަޑައިގެން ގޮސް އަރާ ހަމަ ކޮށް، ވަނީ ވާހަކަ ދައްކާފައެވެ. ރައީސް އޮފީހުން Xގައި ޕޯސްޓް ކޮށްފައިވާ ވީޑިޔޯއިން މުއިއްޒު އަމިއްލައަށް އިންޓްރޮޑިއުސް ވުމުން، ޗާރލްސް ބުމަ ކަހާލާތަން ފެނެއެވެ. 17 ސިކުންތު ނުވަނީސް، ޗާރލްސް ވަނީ އޭނާ ދާން ބޭނުންކަމަށް ސެކިޔުރިޓީއަށް ލޮލުން އިޝާރާތް ކޮށްފައެވެ. އެއްވެސް ވަރަކަށް މުއިއްޒާއި މެދު، ޝައުޤުވެރިކަމެއް ހުރި ނަމަ، ރަސްގެފާނު ގިނަވަގުތު ވާހަކަ ފުޅު ދެއްކެވުމަށް މަޑު ކުރައްވާނެއެވެ. ނުވަތަ ސައިޑްލައިން މީޓިންގ އެއް ހަމަ ޖެއްސުމަށް އަންގާނެއެވެ.

ޗާރލްސްއާއި އަލަށް ބައްދަލުވުމުން، މުއިއްޒު ހުންނެވީ އާދަޔާއި ޚިލާފަށް އުފާފުޅުވެފައެވެ. އަދި އަނގަފުޅާއި މޫނުމަތިން އެ އުފާވެރިކަން ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ.

އިޒްރޭލް އުފެއްދުމަށް ޑެކްލެރޭޝަންއެއް ހަދާފައިވަނީ އިނގިރޭސި ވިލާތުންނެވެ. އިނގިރޭސި ވިލާތަކީ، އެމެރިކާއެކޭ އެއްފަދައިން ފަލަސްތީނަށް ހަމަލާދީ އަނިޔާވެރިވުމުގައި ބައިވެރިވާ ފަރާތެކެވެ.

ރައީސް މުއިއްޒު ދަނީ، އެމަނިކުފާނު ވަޑައިގަންނަވާ ބޭރުގެ ކޮންމެ ހަފްލާއަކުން، ދިވެހިރާއްޖެއަށް ހުތުރު ނަން ލިބޭހެން އަމަލު ބަހައްޓަމުންނެވެ. ރައީސް އޮފީހުން މި ވީޑިޔޯ ޕޯސްޓްކޮށް، މިކަން މޮޅުކޮށް ޚަބަރު ހެދުމުން، އާންމުންގެ ފާޑު ކިޔުން ވަނީ އިތުރުވެފައެވެ.