ޒަމްޒަމް ފާރިޝްގެ މައްޗަށް ކުރާ ތުހުމަތު ތަކަކީ އޭނާ ފްރޭމް ކުރުމަށް ކުރާ ތުހުމަތެއް ކަމަށް އޭނާ ހާމަ ކޮށްފިއެވެ. ޒަމްޒަމް ފާރިޝް، އަރަބިއްޔާގެ ސްކޫލު ކުދިންތަކަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަ ބަލަން ފެށުމުން، އެއީ ފްރޭމް ކުރުމަށް ކުރާ ކަމެއް ކަމަށް ބުނަމުންދާއިރު، އޭނާއާއި މެދު ޝަކުވާ ކޮށްފައިވަނީ ކުޑަކުދިންނެވެ.
އަރަބިއްޔާ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ފުލުހަށް ހުށަހެޅީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީންނެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުން ބުނީ 39 އަހަރުގެ ފިރިހެނެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ މިދިޔަ މަހުގެ އަށް ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ގުޅިގެން ބަލަންޖެހޭ އިތުރު ކަންތައް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ބައެއް ދަރިވަރުންގެ ބަޔާންތައް ނަގާފައިވާއިރު، ޒަމްޒަމް ފާރިޝް އަށް އެ ދަރިވަރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ޒަމްޒަމް ފާރިޝް އަށް ތުހުމަތު ކުރަނީ އަންހެން ދަރިވަރުންނަށް އެކި ކަހަލަ ޖިންސީ ފުރައްސާރައަށްވާ ގޮތަށް އެކި ވާހަކަތައް ދައްކައި ގުޅުން ބަދަހިކުރަން އެކި ގޮތްގޮތުން މުއާމަލާތްކުރުމުގެ ތުހުމަތެވެ. ބައެއް ފިރިހެން ކުދިންނަށް ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ޒަމްޒަމް ފާރިޝް އަށް ކުރެ އެވެ.
ފުރާއްސާރައާ ކުރިމަތިވި ބައެއް ދަރިވަރުން ވަނީ ސްކޫލްގެ ޓީޗަރުންނާ ވެސް އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. ސްކޫލްގެ ސަމާލުކަމަށް އެކަން އައީ އެ ހިސާބުން ކަމަށާއި އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅުމުން، އެ މިނިސްޓްރީން ޖެންޑާ މިނިސްޓްރީއާ ގުޅިގެން މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހެޅީ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.