ޚަބަރު

އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ ރައީސް ބައްދަލުކުރައްވައި، ގުޅުން ބަދަހި ކުރަން ކޮމިޓީއެއް އުފައްދަން މަޝްވަރާ ކުރައްވައިފި

ދިޔަވަރު
އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ ރައީސް ބައްދަލުކުރައްވައި، ގުޅުން ބަދަހި ކުރަން ކޮމިޓީއެއް އުފައްދަން މަޝްވަރާ ކުރައްވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރަން މަތީ ފަންތީގެ ކޮމިޓީއެއް އުފައްދަން މަޝްވަރާ ކުރައްވައިފި އެވެ. 

ކޮޕް-28 ގެ ހަވާސާގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމުގެ މުހިންމުކަމާމެދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިގްތިސާދީ ގޮތުން ގުޅިގެން މަސައްކަތް ކުރުމާއި "ޕީޕަލް ޓު ޕީޕަލް ކޮންޓެކްޓް" ގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާއި އެކަމާ ގުޅޭ ގޮތުން ވެސް ރައީސް އާއި މޯދީ ވާހަކަ ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

އެ ގުޅުންތައް އިތުރަށް ބަދަހި ކުރުމަށް މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުމާމެދު ވެސް ރައީސް އާއި މޯދީ މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. 

އިންޑިއާގެ ބޮޑުވަޒީރު މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި، ތަފާތު ދާއިރާތަކުގެ ތެރެއިން އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމުގެ ގުޅުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި އިންތިޒާރު ކުރައްވަނީ ދެގައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރަން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށް ވިދާޅުވި އެވެ. 

ދުބާއީގައި މިހާރު ކުރިއަށް ދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް-28) ސަމިޓުގައި ރާއްޖޭގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސް ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. 

އެ ސަމިޓުގައި ރައީސް ވަނީ މިއަދު ތަގުރީރު ކުރައްވާފަ އެވެ. ރައީސްގެ ތަގުރީރުގައި ބައިނަލްއަގުވާމީ ލީޑަރުންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގަތީ ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި އިއާދަކުރުވަނިވި ހަކަތަ އުފައްދާ ނިޒާމުތައް ގާއިމުކުރަން ބޭނުންވާ ފަންޑު ހޯދުމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަމަށް މަދުވެގެން 600 މިލިއަން ޑޮލަރު ރާއްޖެއަށް ބޭނުންވެ އެވެ.