ޚަބަރު

މޯޑީއާއި ބައްދަލު ކޮށް އިންޑިއާ ސިފައިން ރާއްޖެއިން ބާލާ ވާހަކައެއް މުއިއްޒު ނުދެއްކެވި

ދިޔަވަރު
މޯޑީއާއި ބައްދަލު ކޮށް އިންޑިއާ ސިފައިން ރާއްޖެއިން ބާލާ ވާހަކައެއް މުއިއްޒު ނުދެއްކެވި

ޔޫއޭއީގެ ދުބާއީގައި މިހާރު ކުރިޔަށްދާ ކޮޕް28 ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީއާއި ބައްދަލުކޮށް, ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަންޖެހޭ ވާހަކަ މުއިއްޒު ވިދާޅެއް ނުވިއެވެ.

ރައީސް މުއިއްޒު މޯޑީއާއި ބައްދަލު ކޮށްފައިވަނީ ކޮޕް28 ސަމިޓުގެ ހަވާސާގައެވެ. މި ބައްދަލުވުމަށްފަހު މޯޑީ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މަޝްވަރާ ކުރެވުނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން އެކަނި ކަމުގައެވެ. އަދި އެއަށްފަހު ރައީސް އޮފީހުން ހާމަކުރި ގޮތުގައިވެސް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އިންޑިއާގެ ބޮޑުވަޒީރު ވަނީ، ދެޤައުމު ދޭދޭ ގުޅުންތައް ވަރުގަދަކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި ކަމުގައެވެ.

އަދި ރައީސް އޮފީހުން ބުނެފައިވަނީ އޭގެ އިތުރުންވެސް ދެބޭފުޅުން ވަނީ، އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ގުޅުންބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައި ކަމުގައެވެ. އަދި ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވާލުން ހިމެނޭހެން، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު މަޝްވަރާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މިގޮތުން އެކުލަވާލާ ކޮމިޓީގެ މެންޑޭޓުގައިވެސް ހިމެނޭ ކަންކަން ރައީސް އޮފީހުން ހާމަކުރެއްވި އިރު, ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމާމެދު މަޝްވަރާ ކުރުން ނުހިމެނޭކަންވެސް ފާހަގަ ކޮށްލެވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ, ރާއްޖޭގެ ތިބި އިންޑިއާ ސިފައިން ބާލާނެކަމަށް ވައުދު ވެގެންނެވެ. އަދި މުއިއްޒުވަނީ އެމަނިކުފާނުގެ 100 ދުވަހުގެ މަގުޗާޓުގައިވެސް އެންމެ ފުރަމަ ކަމެއްގެ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުން ހިމަނާފައެވެ.

ރައްޔިތުންގެ ގިނަ ބަޔަކު މިހާރު ބުނަމުންދަނީ ހުސް ގޮނޑި ދައްކައިގެން ރައީސް ޔާމިންގެ ނަން ބޭނުންކޮށް, ޑރ. މުއިއްޒު ރައްޔިތުންނަށް އޮޅުވާލި ބީދައިން, އިންޑިއާ ސިފައިން ބޭލުމުގެ ވާހަކައަކީވެސް މުއިއްޒު ވެރިކަން ހޯދުމަށް ހެއްދެވި ބޮޑު ދޮގެއް ކަމުގައެވެ.