ޚަބަރު

ރައީސްގެ ގެކޮޅު، ދިމްޔާތު ކައިރީ ހުރި ޕެޓްރޯލްޝެޑު ބަންދުކޮށްފި

ދިޔަވަރު
ރައީސްގެ ގެކޮޅު، ދިމްޔާތު ކައިރީ ހުރި ޕެޓްރޯލްޝެޑު ބަންދުކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތު، ކައިރި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑު އެ ކުންފުނިން ބަންދުކޮށްފި އެވެ.

އެ ޕެޓްރޯލް ޝެޑު ބަންދުކޮށްފައިވާކަން އެފްއެސްއެމްގެ މީޑިއާ އޮފިޝަލު ވަނީ "އަދަދު" އަށް ކަށަވަރުކޮށްދީފަ އެވެ. އެ އޮފިޝަލު ބުނި ގޮތުގައި އެ ޝެޑު ބަންދުކުރަން ނިންމީ ބޮޑެތި މަރާމާތުގެ މަސައްކަތަކަށެވެ.

ދިމްޔާތު އަދި އައިޖީއެމްއެޗު ކައިރި ހުންނަ މި ޝެޑުން ޕެޓްރޯލްގެ ވިއްކުމުގެ ހިދުމަތް ދިނުން ހުއްޓާލީ މިދިޔަ ބުދަ ދުވަހެވެ.

ރައީސުލްޖުމްހުރިއްޔާގެ ރަސްމީ ގެކޮޅު ކަމަށްވާ މުލީއާގެ މަރާމާތު ކުރާތީ ރައީސް މުއިއްޒު އަދިވެސް ދިރިއުޅުއްވަނީ ދިމްޔާތުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ގެކޮޅާ އިންވެގެން ކަހަލަ ގޮތަކަށް ހުންނަ މި ޕެޓްރޯލް ޝެޑު ދާއިމީކޮށް ނެގުމަށް މިހާރު ވަނީ ނިންމާފަ އެވެ. ނަމަވެސް އެފްއެސްއެމުން އެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މީގެކުރިން އަޑު ފެތުރުނު ގޮތުން އެމަނިކުފާނު މުލިއާގެއަށް ބަދަލުވެވަޑައިގަންނަވަން ހަމަޖެހިފައި އޮތީ މި މަހުގެ 15 ގަ އެވެ. ނަމަވެސް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު މިދިޔަ ހަފުތާގައި ވިދާޅުވީ ރައީސް މުލީއާގެއަށް ބަދަލުވާނެ ސީދާ ދުވަހެއް ނޭނގޭ ކަމަށެވެ.