ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން ވާދަކުރެއްވުމަށް ތިން މެމްބަރަކު ކުރިމަތިލައްވައިފި އެވެ. މަޖިލީހުގެ ނާއިބު ރައީސަކު ހޮވުން އޮތީ މިރޭގެ ޖަލްސާގައެވެ.
އެ މަގާމު ހުސްވީ މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
ހުސްވި ނައިބު ރައީސްގެ މަގާމަށް މައި އިދިކޮޅު ޕާޓީ, އެމްޑީޕީގެ ފަރާތުން ހުށަހަޅާ މެމްބަރަކަށް ވުމަށް ތިން މެމްބަރުން ކުރިމަތިލައްވާފައިވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
މަޖިލީހުގެ ނައިބް ރައީސްކަމަށް މިތިން ބޭފުޅުން ކުރިމަތިލާފައިވާއިރު، އަބްދުﷲ ޖާބިރުވަނީ، މަޖިލީހުގެ ރައީސް ކަމަށް ވެސް ކުރިމަތި ލައްވާފައެވެ. އަދި ގިނަ އަދަދެއްގެ ވޯޓު ޖާބިރަށް ލިބި ވަޑައިގަތުމުން، މަޖިލީހުގެ ނާއިބް ރައީސްކަން ޖާބިރަށް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ކުރެވެއެވެ.
އެއީ, އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި, ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު ކަމަށް ނިޔާޒް މައުލޫމާތު ދެއްވި އެވެ. އެ މެމްބަރުންގެ ތެރެއިން އެމްޑީޕީން ހުށަހަޅާ ނަމެއް ކަނޑައަޅާނީ ޕީޖީ ގްރޫޕްގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓު މިއަދު ނަގާނެ އެވެ.
މިރޭ 08:30 ގައި މަޖިލީހަށް ނައިބު ރައީސަކު އިންތިހާބު ކުރުމުގެ ޖަލްސާ ބާއްވާނެ އެވެ. މިހާތަނަށް އެހެން ޕާޓީއެއްގެ މެމްބަރެއް ޝައުގުވެރިކަން ފާޅުކޮށްފައި ނުވެ އެވެ.