ޗާގޯސް ރަށްތަކަކީ 1814 ވަނަ އަހަރު އިނގިރޭސިވިލާތުން ޕެރިސްގެ މުއާހަދާގެ ދަށުން މޮރިޝަސް އަތްދަށުގައި އޮތް ފްރާންސްގެ އަތުން އިނގިރޭސީން ހޯދި ރަށްތަކެކެވެ. މި ރަށްތަކުގެ އަސްލު ހައްޤުވެރިންނަކީ، މޮރިޝަސް އެވެ. ބައިނަލްއަގުވާމީ ކޯޓުތަކުން، ޗާގޯސްގެ ރަށްތައް އަނބުރާ މޮރިޝަސްއަށް ދިނުމަށް ވަނީ ނިންމާފައެވެ. އަދި އދ. ގައި މިކަމަށް ނެގި ވޯޓުގައި ބައިނަލްއަގްވާމީ ނިންމުމަށް އދ ގައި ބައިވެރިވާ ޤައުމުތަކުން ވަނީ ތާޢީދު ކޮށްފައެވެ.
މޮރިޝަސް އަތުން ޗާގޯސް ނަގުމަށްފަހު، ކޮންމެވެސް ވަރެއްގެ ބަދަލެއް މޮރިޝަސް އަށް އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ. މޮރިޝަސްގެ ބައެއްގެ ގޮތުގައި ކުރިން އޮތް ޗާގޮސް، އިނގިރޭސި ސަރުކާރުން ގަތުމަށް ފަހު ޗާގޮސްގެ ރަށެއް ކަމަށްވާ ޑިއޭގޯ ގާސިއާ (ފޯޅަވަހި) އޮންނަނީ 2036 ވަނަ އަހަރާ ހަމައަށް އެމެރިކާ އަށް ކުއްޔަށް ދީފަ އެވެ.
މޮރިޝަސް އަށް ކުރިން، ޗާގޯސް ދޭން ނިންމާފައިވީނަމަވެސް، ޔޫކޭގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޑިފެންސްގެ މަގާމުގައި ހުންނެވި ގްރާންޓް ޝަޕްސް އެކުލަވާލަމުން އަންނަ އާ ޕްލޭންގެ ދަށުން ޗާގޮސް މޮރިޝަސްއާ ހަވާލެއް ނުކުރާނެ އެވެ.
ސަބަބެއް ކަމަށް ހާމަ ކޮށްފައިވަނީ، އެއީ މޮރިޝަސް އާއި ޗައިނާ އާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން ކަމަށެވެ. އެކަން އެހެން އޮއްވާ ޗާގޮސް ދޫކޮށްލައިފި ނަމަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ހާއްސަ ގުޅުމާއި އިންޑޯ ޕެސިފިކް ސަރަހައްދަށް ވެސް ނުރައްކާ ވެދާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.
ޗާގޮސް، މޮރިޝަސް އަށް ނުދޭން އިނގިރޭސީން ނިންމި އިރު ޗާގޮސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ޓްރައިބިއުނަލުން ވަނީ، އެ ރަށްތަކުގެ މައްޗަށް މޮރިޝަސް އަށް ސިޔާދަތީ ބާރު އޮތް ކަމަށް ކަނޑައަޅައިފަ އެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބައިކޮށްފަ އެވެ.
އިޓްލޮސްގައި ރާއްޖޭން ބުނަމުން އައީ ޗާގޮސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމެއް ނުވަތަ އިނގިރޭސި ވިލާތަށް ކަމެއް ނޭނގޭތީ މިކަމުގައި މޮރިޝަސް އަށް ދައުވާ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ ނިންމާފައި ނޫނީ އިޓްލޮސްގައި މައްސަލަ ނުބެލޭނެ ކަމަށް ރާއްޖޭން ވަކާލާތުކުރި އެވެ.
ޗާގޯސް އަކީ މޮރިޝަސް ގެ ބައެއް ކަމަށް ބަލައި، އެ ޤައުމާއި ރާއްޖެއާއި ދެމެދު، އިން ވަކި ކޮށްފައިވާއިރު، ވެރިކަމަށް އައުމަށްޓަކައި، މުއިއްޒުގެ ކެމްޕެއިން ޓީމުން ވަނީ ރާއްޖޭގެ ބައެއް ގެއްލިފައިވާ ކަމަށް ބުނެ ދޮގު ހަދާފައެވެ.