ޚަބަރު

އެމްޑީޕީ ޕީޖީ ގްރޫޕްގެ ވޯޓުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް

ދިޔަވަރު
އެމްޑީޕީ ޕީޖީ ގްރޫޕްގެ ވޯޓުން މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އެމްޑީޕީގެ ފަރާތުން ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ގެ ނަން ހުށަހެޅުމަށް ފާސްކޮށްފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި ސަލީމަށް 26 ވޯޓު ލިބިވަޑައިގަތެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ. ރޮޒެއިނާއަށް 23 ވޯޓު ލިބިވަޑައިގަތެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅު ކުރެއްވި އެވެ. އޭނާ އަށް ހަތަރު ވޯޓު ލިބިވަޑައިގަތެވެ.

ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައި މިވަނީ ނައިބު ރައީސަކަށް ހުންނެވި އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.

އާ ނައިބު ރައީސަކު އިންތިހާބުކުރުމަށް މަޖިލީހުގެ ޖަލްސާ އެއް މިރޭ 8:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.