ޚަބަރު

ސަރުކާރަށް 2 ހަފްތާ: 6 ވަނަ މާރާމާރީ ހިނގައި ޒުވާނަކު އައްޑޫގައި ޒަހަމްކޮށްލައިފި

ދިޔަވަރު
ސަރުކާރަށް 2 ހަފްތާ: 6 ވަނަ މާރާމާރީ ހިނގައި ޒުވާނަކު އައްޑޫގައި ޒަހަމްކޮށްލައިފި

އައްޑޫ ހިތަދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީތަކާ ގުޅިގެން ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި ވަނިކޮށް އަނެއްކާ ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމަކޮށްލައިފި އެވެ. މުއިއްޒު ވަނީ ސަރުކާރުގެ އިސް މަޤާމުތަކަށް ކުށްވެރިންނާއި، ގޭންގް ތަކުގެ މީހުންތައް އައްޔަންކޮށްފައެވެ. މިކަމުގެ ސަބަބުން ކުށްވެރިންނަށް ވަނީ މިނިވަން ކަން ލިބިފައެވެ.

މުއިއްޒުގެ ކެމްޕެއިންގައި މާލޭގައި ބޮޑު ދައުރެއް އަދާކޮށްފައިވަނީ މަސްތުވާތަކެތި ވިއްކާ ގޭންގް ތަކުންނެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިއަދުގެ މާރާމާރީ ވެސް ހިނގީ ހިތަދޫގެ ދެ ގްރޫޕެއްގެ މެދުގަ އެވެ. އަދި, އެ މާރާމާރީގައި 20 އަހަރުގެ ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެ ޒުވާނާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު މި މައްސަލައިގެ ތަހުގީގު ފުލުހުން މިހާރު ވަނީ ފަށާފަ އެވެ.

އައްޑޫގައި ހިނގި މާރާމާރީއާ ގުޅިގެން މާލެ އަދި އައްޑޫ ސިޓީގައި ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގަ އެވެ.

މިއީ ފާއިތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭ އައްޑޫގައި ހިނގައިދިޔަ މިފަދަ ބޮޑު ދެވަނަ މާރާމާރީ އެވެ. ފުރަތަމަ މާރާމާރީގައި ޒަހަމްވީ 30 އަހަރުގެ ޒުވާނެކެވެ.

އައްޑޫ ސިޓީގެ ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކާ މާލެއިން ފުލުހުންގެ ޓީމުތައް އައްޑޫއަށް ފޮނުވަމުން އަންނަ ކަމަށް ފުލުހުން ރޭ ބުނެފައިވެ އެވެ.