ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ސައްލެ) އިންތިހާބުކޮށްފި އެވެ.
އެ މަގާމު ހުސްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެެ މަގާމަށް ސަލީމް އިންތިހާބުވެވަޑައިގަތީ 51 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
މިރޭ ބޭއްވި މަޖިލިސް ޖަލްސާގައި ސަލީމް ވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ވޯޓުން ވެސް އެމްޑީޕީއަކީ ޑިމޮކްރަޓިކް ޕާޓީއެއް ކަން ހާމަވެގެންދިޔަ ކަމަށާއި ކޮންމެ މީހަކަށް ވެސް އެ ޕާޓީގެ ތެރެއިން ކުރިއެރުން ހޯދޭނެކަން ހާމަވާކަން ވެސް އޭނާ ވިދާޅުވި އެވެ.