ޚަބަރު

ދަނޑިމޮކްރެޓްސްގެ ރައީސްކަންވެސް ނަޝީދު ބޭނުންވާ މީހަކަށް! އަމުރުއަށް އަބަދުވެސް ކޮޅުކެހި!

ދިޔަވަރު
ދަނޑިމޮކްރެޓްސްގެ ރައީސްކަންވެސް ނަޝީދު ބޭނުންވާ މީހަކަށް! އަމުރުއަށް އަބަދުވެސް ކޮޅުކެހި!

ފާއިތުވި ރިޔާސީ އިންތިޚާބުގެ ރިޔާސީ ކެންޑިޑޭޓްކަންވެސް ޑިމޮކްރެޓްސް ޕާޓީގެ ރޫހާނީ ލީޑަރު, ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާ ފަރާތްތަކަށް ހަމަޖައްސާފައި ވަނިކޮށް, އެންމެ ފަހުން ބޭއްވުނު އެޕާޓީގެ ރައީސްކަންވެސް ނަޝީދު ބޭނުންވާ ފަރާތަކަށް ދީފިއެވެ.

އެންމެ ތިންހާހެއްހާ މީހުން ވޯޓު ލީކަމަށް ދައްކާ މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ހަސަން ލަތީފު އިންތިހާބު ކާމިޔާބުކުރެއްވީ 1,704 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި، ނިމިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރުއަށް ލިބުނީ 1,300 ވޯޓެވެ. ޕާޓީގެ ރައީސް އިންތިޚާބު ކުރުމަށް ބޭއްވުނު ވޯޓުގައި 50 ވޯޓު ބާތިލް ވެފައި ވެއެވެ.

އިންތިޚާބުގެ ނަތީޖާއަށްފަހު އަމްރު ކުރެއްވި ޓުވީޓެއްގައި އޭނާ ވިދާޅުވެފައިވަނީ އިންތިޚާބުގެ ނަތީޖާއާމެދު ހިންހަމަ ނުޖެހޭ ކަމަށާއި އެހެންނަމަވެސް ޝަކުވާއެއްވެސް ކުރަން ބޭނުން ނުވާ ކަމުގައެވެ. ބެލެވޭ ގޮތުގައި އަމްރު އެއްވެސް ޝަކުވާއެއް ކުރަން ބޭނުން ނުވަނީ ނަޝީދު ނުފޫޒު އޮތް ޕާޓީގެ އޮނިގަޑުގެ ތެރެއިން ކާމިޔާބު ނުލިބޭނެކަން ޔަގީން ވާތީއެވެ.

އަމްރުގެ ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ ފާއިތުވި ރިޔާސީ އިންތިޚާބުގައި އެޕާޓީގެ ރިޔާސީ ޓިކެޓްވެސް އޭނާ ބޭނުންވި ކަމަށާއި, އެހެންނަމަވެސް އެފަހަރުވެސް އޭނާ ފަހަތަށް ޖެހިލީ ކަމުގައެވެ. ޑިމޮކްރެޓްސްގެ އިސް ފަރާތްތަކުން "ދިޔަވަރު އޮންލައިން" އަށް ކިޔައިދީފައިވާ ގޮތުގައި އެފަހަރުވެސް އަމްރު ފަހަތަށް ޖެހެން މަޖުބޫރުވީ ނަޝީދު ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓް އަމްރުއަށް ދޭން ބޭނުން ނުވެގެންނެވެ.

އަދި މިފަހަރުވެސް ޕާޓީގެ ރައީސްކަމަށް ގެންނަން ނަޝީދު ބޭނުންވީ ހަސަން ލަތީފުކަން ފާހަގަ ކުރައްވަމުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފަރާތުން ވިދާޅުވީ ހަސަން ލަތީފަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މާލޭ ސަރަހައްދުގެ ވޯޓު ފޮށިތައް އޮޅުވާލާފައިވާ ކަމުގައެވެ.

ހަމައެއާއެކު, ރައީސްގެ އިންތިޚާބުގެ ނަތީޖާ އިއުލާންކުރި އިރު, ވޯޓު ލީމީހުން އަދަދާއި އަދި އިއުލާންކުރި ބާތިލް ވޯޓުގެ އަދަދާ އެއްކޮށްލުމުން ދެ ކެނޑިޑޭޓުންނަށް ލިބުނުކަމަށް ބުނާ ވޯޓުގެ އަދަދާ ދިމާނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޑިމޮކްރެޓްސް ޕާޓީ އުފައްދާފައިވަނީ, އެމްޑީޕީގެތެރެއިން ނަޝީދުއާއެކީ ނުކުތް މަދު ބަޔަކު އެކުވެގެންނެވެ. އޭގެ ތެރޭގައި އެންމެ އިސްކޮށް ހުރެފައިވަނީ ހަސަން ލަތީފުކަން ފާހަގަ ކޮށްލެވެއެވެ. އަދި ފާއިތުވެދިޔަ ހުރިހާ އިންތިޚާބެއްގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު, އަމްރުއަކީ ނަޝީދުގެ ރުހުން އޮތް ފަރާތެއް ނޫންކަން ވަރަށްވެސް ރަގަޅަށް ފެންނާން އެބައޮތެވެ.