ޚަބަރު

އިންޑިއާގެ އެހީއަށް ބަރޯސާވުން ހުއްޓާލަން ކަމަށް ބުނެ، ހަނޑޫ ހަކުރު، ފިޔާ އަލުވި ފަދަ ކާޑުގެ ބާވަތްތައް ތުރުކީން ރާއްޖެއަށް އެތެރެކުރަން މަޝްވަރާ ކޮށްފި

ދިޔަވަރު
އިންޑިއާގެ އެހީއަށް ބަރޯސާވުން ހުއްޓާލަން ކަމަށް ބުނެ، ހަނޑޫ ހަކުރު، ފިޔާ އަލުވި ފަދަ ކާޑުގެ ބާވަތްތައް ތުރުކީން ރާއްޖެއަށް އެތެރެކުރަން މަޝްވަރާ ކޮށްފި

ރާއްޖެއަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ކަމަށްވާ, ފިޔާ, އަލުވި, އަދި ހަނޑޫ ހަކުރު ފަދަ ކެއިންބުއިމަށް ބޭނުންވާ އެންމެ އަސާސީ ތަކެތު ތުރުކީއިން ގެންނަން ތުރުކީގެ ސަރުކާރާ ރައީސް މުއިއްޒު މަޝްވަރާ ކޮށްފިއެވެ.

މިމަޝްވަރާތަައް ރައީސް މުއިއްޒު ކުރައްވާފައިވަނީ މިހަފްތާގައި ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ ސަރުކާރުގެ އިސް ފަރާތްތަކާއި އަދި ވިޔަފާރި ވެރިންނާއެކީ ބޭއްވި މަޝްވަރާތަކުގައެވެ.

މުއިއްޒުގެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އިސް އޮފިޝަލަކު ނަން ހާމަ ނުކުރުމަށް އެދި "ދިވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި މިމަޝްވަރާތައް މުއިއްޒު ތުރުކީގެ އިސް ފަރާތްތަކާއި ކުރައްވާފައިވަނީ, އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް މަޖުބޫރުވެ އެކަން ތަންފީޒު ކުރަންޖެހޭ ހާލަތުގައި އިންޑިއާއިން ރާއްޖެއަށް ދަތިކޮށްފާނެކަމަށް ބަލާފައި ކަމުގައެވެ.

އޭނާ ވިދާޅުވި ގޮތުގައި, މުއިއްޒުގެ ބޭނުންފުޅަކީ އަސާސީ އެއްވެސް ޚިދުމަތަކަށް އިންޑިއާއަށް ބަރޯސާ ނުވެ އުޅެވޭނެ މަގެއް ފަހިކުރުން ކަމުގައެވެ. އެއީ ރާއްޖެއަށް އޮންނަ އިންޑިއާގެ ނުފޫޒު ތާއަބަދަށް ނައްތާލުމަކަށް ކަމަށްވެސް މައުލުމާތުދިން އޮފިޝަލް ވިދާޅުވިއެވެ.

އެނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ވިސްނަމުން ދަނީ, އެސްޓީއޯގެ ބޯޓުތަކުގައި ތުރުކީން ކާޑުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުން ކަމުގައެވެ. އެހެންނަމަވެސް އެކަމަށް ތުރުކީން ފެހި ސިގްނަލް ދީފައި ނުވާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވިއެވެ.

އޭގެ އެއް ސަބަބެއްގެ ގޮތުގައި އެނާ ފާހަގަ ކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކާބޯތަކެތީގެ އަސާސީ ބާވަތްތައް އެތެރެކުރާ އަގުގައި ތުރުކީން އެތެރެކުރެވޭނެ މަގެއް ފަހުވެފައި ނެތުމެވެ. އެހެންނަމަވެސް ދެގައުމުގެ ދެމުދުގައި ފްރީ ޓްރޭޑް އެގްރީމަންޓެއް ގާއިމް ކޮށްގެން, އިންޑިއާއަށް ބަރޯސާ ނުވެ, ތުރުކީން އަސާސީ ކާބޯތަކެތީގެ ބާވަތްތައް އެކަށީގެންވާ އަގެއްގައި ރާއްޖެއަށް އެތެރެކުރިވިދާނެކަމުގެ އިޝާރާތެއް ލިބިފައިވާކަމަށްވެސް މައުލޫމާތުދިން އޮފިޝަލް ވިދާޅުވެފައި ވެއެވެ.

އެހެންނަމަވެސް ތުރުކީއާއި ރާއްޖެއާދެމެދު ފްރީ ޓްރޭޑް އެގްރީމަންޓެއް އެކުލަވާލާނަމަ މަޖިލިހުގެ ރުހުން ހޯދަން ޖެހޭތީ އެއީ މިވަގުތަށް ކުރެވެން އޮތްކަމެއް ނޫންކަން ސަރުކާރުގެ އިސް އޮފިޝަލް ފާހަގަ ކުރެއްވިއެވެ. އަދި ފްރީ ޓްރޭޑް އެގްރީމަންޓަކަށްދާން ތުރުކީންވެސް ފެހި ސިގްނަލް ނުދޭކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ވައުދު ވެގެންނެވެ. އެހެންނަމަވެސް އިންޑިއާ ސިފައިން ރާއްޖެއިން ބާލާއިރު, އިންޑިއާގެ ސިޔާސަތަށް ބަދަލު އައިސް, ބޭފަރުވާއަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް އިންޑިއާ ސަރުކާރު ދަތި ކޮށްފާނެކަމުގެ ބިރުވަނީ ހީވެފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް އިމްޕޯޓުކުރާ ކާޑުގެ ބާވަތްތައް އިމްޕޯޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވެއްޖެނަމަ އޭގެ ނޭދެވޭ އަސަރު ދިވެހީންގެ އާންމު ދިރިއުޅުމަށާއި ވިޔަފާރިތަކަށްވެސް ވަރަށް ބޮޑަށް ކޮށްފާނެކަމުގެ ބިރުވެސް ވަނީ ހީވެފައެވެ.