ޚަބަރު

މަގުތައް ނާމާންވެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތީ، އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި 

ދިޔަވަރު
މަގުތައް ނާމާންވެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތީ، އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފި 

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުށްކުރުމާއި މާރާމާރީ އިތުރުވެފައިވާއިރު، މިއަދާ ހަމައަށް ވެސް އާ ސަރުކާރުން ފުލުހުންގެ މުއައްސަސާއަށް އިސްވެރިއަކު އައްޔަނު ކޮށްފައި ނުވާތީ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މަގުތަކުގެ އަމާންކަމާއި ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަން ކަށަވަރު ނުކުރެވުމަކީ އެމްޑީޕީން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި މިއަދާ ހަމައަށް ވެސް ގައުމުގެ އަމަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ، ފުލުހުންގެ ހިދުމަތަށް އިސްވެރިއަކު އައްޔަން ނުވުމަކީ ފުލުހުންގެ ޒިންމާ އަދާ ކުރުމަށް އޮތް ހުރަހެއް ކަމަށެވެ.

"މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެކެވެ. ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް ޕާޓީއިން ގޮވާލަމެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޑީޕީން ވަކާލާތު ކުރަމުން އަންނަ "އަބުރުވެރި" ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭންޖެހޭނެ ކަމަށާއި އަމާން ރާއްޖެއެއްގެ ހިޔާ ދަށުގައި، ފިކުރު ބޮޑު ނުވާ ދިރިއުޅުމެއްގެ އުފާ ހުރިހާ އެންމެންނަށް ވެސް ލިބެންވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގެ ހަނދާން އައު ކަރަމުން އެ ބަޔާނުގައި ވަނީ މި ސަރުކާރުގެ ވެރިކަން ވެސް ބައްޓަން ކޮށްފައި ވަނީ މަގުތައް ނާމާންވެ ގެދޮރުގެ ހަތަރު އިންފާރަކީ އަމިއްލަ ނަފުސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ތަންތަނަށް ވާނެ ފަދަ ގޮތަކަށް ކަމަށެވެ.

"ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް މި ޕާޓީން ގޮވާލަނީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ގާއިމުކޮށްދިނުމަށެވެ،" އެމްޑީޕީން ނެރުނު ބަޔާނުގައި ގޮވާލައިފައިވެ އެވެ.

އެ ބަޔާނުގައި އެމްޑީޕީން ވަނީ ނިމިދިޔަ ފަސް އަހަރަކީ ފާއިތުވި 15 އަހަރު ތެރޭގައި ވެސް ރާއްޖެ ދުށް އެންމެ ކުށް މަދު ފަސް އަހަރުކަން ފާހަގަކޮށްފަ އެވެ. އަދި އެއީ އަމާންކަން ނެގެހެއްޓުމަކީ ދައުލަތުގެ އެންމެ އިސް ޒިންމާ ކަމުގައި ދެކިގެން ގިނ މުއައްސަސާތަކެއް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް އެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.