ނައިބު ރައީސް ހުުސައިން މުހައްމަދު ލަތީފް, "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހުގެރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.
ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ މި ފޯރަމް އޮންނާނީ ޑިސެމްބަރު 7-8 އަށް ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގަ އެވެ.
ރައީސް އޮފީހުން ބުނީ އެ ފޯރަމްގައި ނައިބު ރައީސް ތަގުރީރު ކުރައްވާނެ ކަމަށާއި ދަތުރުގެ ތެރެއިން ޗައިނާގެ ބައެއް އޮފިޝަލުންނާ ވެސް އެމަނިކުފާނު ބައްދަލު ކުރައްވާނެ ކަމަށެވެ.
މި ދަތުރުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސްގެ ޗައިނާ ދަތުރުފުޅަށް ފަހު ދެން ވަޑައިގަންނަވާނީ ޔުނިވާސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ޑިސެންބަރު 11 އިން 12 އަށް ޖެނީވާގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އަދި, ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އޭގެ ފަހުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.