ހިޔާ ފުލެޓުތައް ނިންމަން ދިޔަ ހަރަދު އަނބުރާ ދިނުމަށް މި ސަރުކާރުން ވީ ވައުދު ފުއްދުމުގެ ގޮތުން ހިޔާ ކޮންމެ ފުލެޓެއްގެ ކުލިން 110,544ރ. އުނި ކުރަން ސަރުކާރުން ނިންމައިފި އެވެ. މީގެ ކުރިން ވިދާޅުވެފައިވަނީ ހިޔާ ފްލެޓް ފިނިޝިންގ އަށް ޚަރަދުވި ފައިސާގެ އެވްރަޖަކީ 200000ރ ކަމަށް ބަލައި އެ ދެލައްކަ ރުފިޔާ ދޭނެ ކަމަށެވެ.
ވަޒީރުންގެ ބައްދަލުވުމަށް ފަހު މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހިޔާ ފުލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު އަނބުރާ ދިނުމުގެ ގޮތުން ފުލެޓުތަކުގެ ކުއްޔަށް ގެންނަން ނިންމި ބަދަލާއެކު ކުރިޔަށް އޮތް ހަތް އަހަރު ދުވަހުގެ ތެރޭގައި ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 3،984ރ. ކަމަށެވެ. ހިޔާ ފުލެޓުތަކަށް ކުލީގެ ގޮތުގައި މިހާރު ދައްކަމުންދަނީ 5300ރ. އެވެ.
ހިޔާ ފުލެޓުތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު އަނބުރާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އެ ފައިސާ އަންނަ އަހަރަށް އެކުލަވާލި ބަޖަޓުގައި ހިމަނާފައި ނުވާތީ ސަރުކާރަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވެސް އަމާޒުވެފައިވެ އެވެ.
އެ ނިންމުމުގެ އިތުރުން ރަށްރަށުގައި އަޅާފައި ހުރި ރޯހައުސްތަކާއި ފުލެޓުތަކާއި ގެދޮރުވެރިކަމުގެ ހައުސިން ޔުނިޓުތަކަށް ކޮންމެ މަހަކު ދައްކަންޖެހޭ ކުލި ވެސް ރައީސް ވަނީ 3330ރ. އަށް ބަދަލު ކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ހައުސިން ޔުނިޓުތަކުގެ އަގަށް ބަދަލު ގެންނަން ނިންމެވީ ކެމްޕޭނު ތެރޭގައި ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ ގޮތުން ކަމަށެވެ.
"އެގޮތުން ހުށަހެޅުނު ޕޭޕަރު މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެން ނިންމީ ހުރިހާ ރަށެއްގައި ވެސް އަޅާފައި ހުރި ގެދޮރުވެރިކަމުގެ ހައުސިން ޔުނިޓުތައް މިދެންނެވި ގޮތަށް 5000ރ. ނޫނިއްޔާމުން އެކި އަގުތަކަށް ބޮޑުކޮށްފައި ހުރި ޔުނިޓުތަކުގެ އަގު 3330ރ. އަށް ކުޑަ ކުރާގޮތަށް، ހަމަ މިހާރުވެސް އެ އޮންނަ 20 އަހަރުގެ މުއްދަތުގައި،" ރައީސް ވިދާޅުވި އެވެ.
ނަމަވެސް ކުރިން ދޫކޮށްފައި ހުރި ހައުސިން ޔުނިޓުތަކުގެ ތެރެއިން 2000ރ. އަށް ހުރި ހައުސިން ޔުނިޓުތަކުގެ އަގަށް ބަދަލެއް ނާންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.