ސިޔާސީ

ޗައިނާ-އިންޑިއަން އޯޝަން ފޯރަމް - އިންޑިޔާ ކަނޑުގެ ޤައުމުތަކަށް ހުރި ބޮޑު ނުރައްކަލެއް!

ދިޔަވަރު
ޗައިނާ-އިންޑިއަން އޯޝަން ފޯރަމް - އިންޑިޔާ ކަނޑުގެ ޤައުމުތަކަށް ހުރި ބޮޑު ނުރައްކަލެއް!

ޗައިނާއިން މަސައްކަތް ކުރަމުން ދަނީ އިންޑިޔާ ކަނޑުގެ ޤައުމުތަކުގެ މައްޗަށް ބާރު ފޯރުވުމަށެވެ. އިންޑިޔާ އަށް ދައުވަތު ނުދީ، އިންޑިޔާ ކަނޑުގައި ހުރި ހުރިހާ ޤައުމުތަކަކަށް ދައުވަތު ދީގެން ބާއްވާ ޗައިނާ އިންޑިއަން އޯޝަން ފޯރަމަކީ، އިންޑިޔާއާއި ޗައިނާއާއި ދެމެދު އޮތް ނުތަނަވަސްކަމުގެ ތެރެއަށް، އިންޑިޔާ ކަނޑުގައި އޮތް ޤައުމުތައް ވެއްދުމަށް ކުރާ ނުރައްކާތެރި މަސައްކަތެކެވެ.

އިޤްތިޞާދީ ތަނަވަސްކަން އިންޑިޔާ ކަނޑުގެ ގައުމުތަކަށް ގެނައުމުގެ ނަމުގައި ހިންގާ މި ފޯރަމުގެ އަސްލު ގުޅިގައިވަނީ، އިންޑިޔާ ކަނޑުގައި ޗައިނާގެ އަސްކަރީ ބާރު ގަދަކުރުމަށެވެ.

އިންޑިޔާއާއި އަވަށްޓެރި ޤައުމުތަކާއި، އަސްކަރީ ގުޅުންތައް ޗައިނާއިން ޤާއުމު ކުރުމާއި، ނޭޓޯއިން ޔޫކްރެއިންނާއި، އަސްކަރީ ގުޅުން ގާއިމު ކުރަން އުޅުމާއި މާބޮޑު ތަފާތެއް ނެތެވެ. އެކަމާއި ނުރުހިގެން ރަޝިޔާއިން ވަނީ ޔޫކްރެއިން އާއި ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. ޗައިނާއިން މަސައްކަތް ކުރަމުން ދަނީ އިންޑިޔާގެ މިނިވަންކަމާއި، އިސްތިޤްލާލަށް ބިރުދެއްކުމަށް ރާއްޖެ ފަދަ، އިންޑިޔާގެ އަވަށްޓެރި ޤައުމުތައް ބޭނުން ކުރުމަށެވެ.

މި ގޮތުން ކަންބޮޑުވާ އެތައް ކަމެއް މިހާރުވެސް ދަނީ ހިނގަމުންނެވެ. ޕާކިސްތާނާއި އެކު، އަރަބި ކަނޑުގެ އުތުރުގައި "ސީ ގާޑިއަންސް" ގެ ނަމުގައި އަސްކަރީ ހަރަކާތެއް ހިންގުމަށް ތައްޔާރުވަމުންނެވެ. ޗައިނާއިން ލޯނު ނަގައިގެން ލަންކާއިން ހެދި ޕޯޓުގެ، ލޯނު ނުދެއްކިގެން ޗައިނާ އިން ވަނީ އެމީހުންގެ ބާރުގެ ދަށަށް ޕޯޓް ގެނެސްފައެވެ. މި ޕޯޓަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން ދާ ޗައިނާގެ، ސަބްމެރިންތައް މަޑުކުރާ ބަނދަރެވެ. މީގެ އިތުރުން ޗައިނާގެ ޖާސޫސީ އުޅަނދެއް ކަމަށްވާ ޝީ-ޔާން 6 ވެސް ވަނީ ކޮލަމްބޯ ބަނދަރަށް ތަކުރާރުކޮށް ބަނދަރުކޮށްފަ އެވެ.

މީގެ އިތުރުން އިންޑިއާ ކަނޑުގައި ޗައިނާގެ ޖިއޯސްޓްރެޓެޖިކް މަސްލަހަތުތަކުގެ ތެރޭގައި ހަކަތަ ފޯރުވުމަށް ކަނޑުމަގުން ދަތުރުކުރާނެ ރޫޓު (މަގުތައް) ގާއިމު ކުރުމާއި ވިޔަފާރީގެ މަގުތައް ކަށަވަރުކުރުމާއި، އިންޑިޔާ ކަނޑުގައި ނުފޫޒު އިތުރުކުރުން ހިމެނެ އެވެ. އަދި އިންޑިޔާ ކަނޑުގެ މައްޗަށް ބާރު ފޯރުވުމަށް 1982 އިން ފެށިގެން ޗައިނާއިން ވަނީ ބޮޑު މަޝްރޫއެއް އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ރާވާފައެވެ.

ޗައިނާގެ މައިގަނޑު މަގްސަދަކީ އިންޑިއާ ފަދަ ބާރުތަކަށް ގޮންޖެހުންތައް ކުރިމަތިކޮށް، ޗައިނާއަކީ ވަރުގަދަ ބާރެއްގެ ގޮތުގައި ދާއިމީކޮށް ބެހެއްޓުމަށް ސަރަހައްދުގެ އެހެން ކުދި ގައުމުތަކާ އެކު އާ ބާރެއް އުފަންކުރުމެވެ. މިކަން ހާމަވީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޗައިނާއިން "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް އެންޑް ކޯޕަރޭޝަން" ބޭއްވުމުންނެވެ. ޗައިނާގެ މައިގަނޑު ޑްރައިވިން ފޯސްއަކީ އެކްސްޕެންޝަނިޒަމް އެވެ. އެހެން ގޮތަކަށް ބުނާނަމަ 21 ވަނަ ގަރުނައަށް ފެތޭހެން ހަންފެތުރުމެވެ.

މިގޮތުން ޗައިނާއިން ވަނީ އިންޑިޔާ ކަނޑުގެ ކައިރީ ޕާކިސްތާނުގައި އެމީހުންގެ އަސްކަރީ ބޭނުމަށް Gwadar ނަމަކަށް ކިޔާ ބަނދަރެއް ޤާއިމުކޮށްފައެވެ. ލަންކާގެ ހަމްބަންޓޯޓަރ ބަނދަރަކީ މިހާރު ޗައިނާގެ ތަނެކެވެ. މިޔަންމާގައި ނިންމަމުންދާ ބަނދަރު ހަދަމުންދަނީ ޗައިނާގެ ސަރުކާރު ކުންފުންޏަކުންނެވެ. އަދި ޕޯޓުގެ %70-80 ވެރި ފަރާތަކީ ޗައިނާ އެވެ. އަދި ރާއްޖޭގައި ޗައިނާއިވަނީ، ފޭދޫ ފޮނޮޅު ބޮޑު ކުރުމުގެ މަސައްކަތް ޔާމީން އިރުގައި ކުރިއަށް ގެންގޮސްފައެވެ. މި ސިއްރު ޕްރޮޖެކްޓުގެ ބޭނުމަކީ ކޮބައިކަމެއް އެއްވެސް ސަރުކާރަކުން ހާމަ ކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން ޗައިނާގެ ބާރު، އިންޑިޔާ ކަނޑުގެ ޤައުމުތަކަށް ފޯރުވުމަށް، އިންޑިއާ ކަނޑުގެ ހަ ޤައުމެއް ކަމަށްވާ ސްރީލަންކާ، ދިވެހިރާއްޖެ، މޮރިޝަސް، ސީޝެލްސް، މަޑަގަސްކަރަ އަދި ކޮމޮރޯސްގެ ތެރެއިން ކޮންމެ ޤައުމެއްގައި އެމްބަސީއެއް ގާއިމް ކޮށްފައި އޮތް ހަމައެކަނި ގައުމަކީ ޗައިނާ އެވެ. އެމެރިކާއިން ދާދިފަހުން ރާއްޖޭގައި އެމްބަސީއެއް ގާއިމުކުރަން ޖެހުނު މައިގަނޑު ސަބަބަކީވެސް މިއީ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ހާމަ ކުރެއެވެ. މީގެ އިތުރުން ޗައިނާއިން މިއިން ކޮންމެ ޤައުމެއްގައި އެމީހުންނަށް ސަޕޯޓްކުރާ ސިޔާސީ ލީޑަރުން އުފައްދައި އެމީހުންނަށް ވެރިކަން ހޯދަދިނުމަށް އެކި ނުފޫޒުތައް ފޯރުވަމުން ދާކަމަށް ތުހުމަތު ކުރެއެވެ. ޕީޕީއެމް އިން ޗައިނާއަށް ސަޕޯޓްކޮށް، ޗައިނާ ދިފާޢު ކުރަމުން ދަނީ އިއްތިފާގަކުން ނޫނެވެ.

ޗައިނާއިން ކުރަމުންދާ މި މަސައްކަތްތަކުން، އިންޑިޔާ ކަނޑުގެ އަސްކަރީ މަސްރަހު މިދަނީ ހޫނުވަމުންނެވެ. ޗައިނާއެކޭ އެއްފަދައިން، އިންޑިޔާއަކީވެސް ނިއުކުލިއަ ބޮޑު ބާރެކެވެ. އިންޑިޔާގެ އަވަށްޓެރި ޤައުމުތަކުގައި ޗައިނާއިން ޕޯޓް ހަދައި، އަސްކަރީ ހަރަކާތްތައް ގިނަކޮށް، އިންޑިޔާގެ އަސްކަނި ދޮށަށް ޗައިނާގެ ބާރުތައް އެއްކުރުމަކީ، މަސްރަހު ހޫނުވެ، ރާއްޖެއަށް އޭގެ ގެއްލުން ފޯރާނެ ނުރައްކާތެރި ކަމެކެވެ. އިންޑިޔާއާއި މެދު ނަފްރަތު އުފެއްދުމަށް ހިންގި ޕްރޮޕަގަންޑާތަކާއި، މުއިއްޒުގެ ފަރާތުން ހެދި ދޮގުތަކަކީ މި ފެށެން އުޅޭ ހަމަނުޖެހުންތަކުގެ ކުޑަ މިންވަރެކެވެ.