ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާ ގުޅުގައި، މުޅިން އާ ދޮގެއް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ނަސީމު ހައްދަވާފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން، އެކަމުގެ އެއްބަސްވުން ހާމަކުރަން ގޮވައިލައި ކުއްލި މައްސަލައިގެ ބަހުސްގައި ޕީއެންސީ މެންބަރު ނަސީމު ވިދާޅުވީ؛
އިންޑިއާ ސިފައިން ނުވަތަ އެހެން ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭ މިންވަރު މި ސަރުކާރުން ހާމަކުރާނެ. ހާމަ ނުކުރެވިގެން އުޅެނީ ޑޮކިއުމަންޓްތައް ހަމައަށް ނެތީމާ. މުއައްސަސާތަކުން މައުލޫމާތު ދެއްވަނީ އެކި އަދަދު. އަދި އެއްވެސް ލިޔުމަކާ ނުލައި ވެސް ބައެއް ބޭބޭފުޅުން ތިބިކަމަށް ވޭ!
ނަމަވެސް ހަޤީގަތަކީ އިމިގްރޭޝަނަށް ރާއްޖެއަށް ވަދެ ނުކުމެ ހަދާ އެންމެންގެ މައުލޫމާތު ލިބިފައި ހުންނަ ކަމެވެ. އަދި ރާއްޖެއިން ބޭރުން އެއްވެސް މަސައްކަތެއްގައި އައިސް ތިބޭ ބައެއްގެ ވިސާ ހަމަޖެހިގެން ދަނީ އިމިގްރޭޝަން މެދުވެރިވެގެން ކަމުން، މިއީ ކަނޑައެޅިގެން އިމިގްރޭޝަނަށް އެނގޭނެ މައުލޫމާތު ތަކެވެ. ލިޔެކިޔުމާއި ނުލައި ބަޔަކު ތިބިނަމަ، އެތިބި ބަޔަކުވެސް، އިމިގްރޭޝަނަށް ކަނޑައެޅިގެން އެނގޭނެއެވެ. އަދި އެއްވެސް ލިޔުމަކާއި ނުލައި، އިންޑިޔާ ސިފައިންގެ އެއްވެސް މީހަކު ރާއްޖޭގައި ނޫޅެއެވެ.
ރާއްޖޭގައި ހަތިޔާރު އެޅި ސިފައިން ނެތުމުން، އަދި ތިބީ ހަމަ އެކަނި، ޔާމީނާއި، ނަޝީދު އެދިގެން ހެލިކޮޕްޓަރު ދުއްވަން ގެނައި ބަޔަކު ކަމަށް ވާތީ، ކެމްޕެއިނުގައި ހަދާފައިވާ ދޮގުތަކުން ސަލާމާތް ނުވެވިގެން އިތުރު ދޮގުތައް ދަނީ ހަދަމުންނެވެ. ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ނުރައްކާތެރި ކެމްޕެއިނެއްގައި އިންޑިޔާ އާއި މެދު ނަފްރަތު އުފައްދަން ތަފާތު ގިނަ ދޮގުތައް ޕީޕީއެމް ޕީއެންސީ އިން ވަނީ ހަދާފައެވެ.