ޚަބަރު

ދޮގާއި މަކަރުން ވެރިކަމަށް އައުމުން، މުއިއްޒުގެ ނޯކޮންފިޑެންސަށް މުޅި މަޖިލީސް ގޮވާލައިފި، މުއިއްޒާއި އެއްކޮޅަށް އެންމެ 4 މެމްބަރުން!

ދިޔަވަރު
ދޮގާއި މަކަރުން ވެރިކަމަށް އައުމުން، މުއިއްޒުގެ ނޯކޮންފިޑެންސަށް މުޅި މަޖިލީސް ގޮވާލައިފި، މުއިއްޒާއި އެއްކޮޅަށް އެންމެ 4 މެމްބަރުން!

އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން މި ސަރުކާރުގެ ވެރިން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގަ އާއި ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް "ހަގީގަތާ ހިލާފު، ދެކޮޅު ނުޖެހޭ" ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، މި ސަރުކާރު ވައްޓާލުމަށް އެމްޑީީޕީގެ މަޖިލިސް މެންބަރުން މިއަދު މަޖިލީހުގެ ތަޅުމުގައި ގޮވާލައްވައިފި އެވެ. މުޅި މަޖިލީހުން ސަރުކާރުގެ ދިފާއުގައި ތިބީ އެންމެ ހަތަރު މެންބަރުންނެވެ.

މުއިއްޒުގެ ނޯކޮންފިޑަންސް ވޯޓަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ގޮވާލެއްވީ އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީގެ މެންބަރުން ވިދާޅުވާ ގޮތުން، މި ސަރުކާރުން ރިޔާސީ ކެމްޕެއިންގެ ތެރޭގައި، ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ބުނެ، އެތައް ދޮގުތަކެއް ހެދި އެވެ. އަދި ސިފައިންނާ ގުޅޭ ގޮތުން ވެސް އެކި ދުވަހު އެކި ގޮތަށް ވާހަކަދައްކަވަމުން ގެންދަވާ ކަމަށް ވިދާޅުވެ، އޭގެ ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އެމްޑީޕީގެ މެންބަރުން ގޮވާލެއްވި އެވެ.

"ހަގީގަތަކީ، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ބޮޑެތި ދޮގާއި މަކަރާއި އޮޅުވާލުންތަކާ އެކު ވެރިކަމަށް އައި ބަޔަކަށް ވެރިކަން އޮލުވާލަން ނޭނގިގެން މި އުޅެނީ. އަޅުގަނޑުމެން، މި މަޖިލީހުގެ ޒިންމާއެއް އެބަ އޮތް. އަވަހަށް މި ވެރިކަން ނިންމާލަންވީ،" އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ، ދޮގާއި މަރަކަރުގައި ރައީސް މުހައްމަދު މުއިއްޒަށް ފަސް އަހަރު ހޭދަނުކުރެއްވޭނެ ކަމަށެވެ. އެގޮތަށް އެކަން ކުރެވޭނެ ކަމަށް "ރައީސަށް ހީކުުރެވުމަކީ ވަރަށް ބޮޑު ކުށެއް" ކަމަށް އޭނާ ވިދާޅުވި އެވެ.

"[މަޖިލިސް މެންބަރުންގެ ދައުރަކީ] އެއީ، ދޮގާއި މަކަރާއި އޮޅުވާލުން ކަމަށް ސާބިތުކޮށްދިނުމަށް ފަހު، ވެރިކަމުން ދުރުކުރުން،" ޝިފާއުގެ ވާހަކަ ނިންމާލައްވަމުން އޭނާ ވިދާޅުވި އެވެ.

ޝިފާއުގެ އިތުރުން، ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން ޖެހޭ ކަމަށް ގޮވާލެއްވި އެމްޑީޕީގެ މެންބަރުންގެ ތެރޭގައި ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު އާއި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްކަރީމް ހިމެނިވަޑައިގަންނަ އެވެ.

"މިއަދުގެ ސަރުކާރުން [އިންޑިއާ ސިފައިންއާ ގޫޅޭ ގޮތުން ދެއްކި ވާހަކަތައް] އެއީ ހަގީގަތެއްތޯ، ނޫންތޯ ސާފުކޮށް ނުދެއްވިއްޖެ ނަމަ، މި އިއްޒަތްތެރި މަޖިލީހުން އެ ބޭފުޅާގެ [ރައީސްގެ] ނޯ-ކޮންފިޑެންސަކަށް ދާން އެބަ ޖެހޭ. އަޅުގަނޑު ސޮއި ކުރާނެ ވާހަކަ ދަންނަވަން،" ޝަހީމް ވިދާޅުވި އެވެ.

ރާޝިދު ވެސް ވިދާޅުވީ، ރައީސަށް ރައްޔިތުން ވޯޓު ދިނީ އިންޑިއާ ސިފައިންނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް ގޮވާލައްވައި ސާބިތުކޮށްނުދެވިއްޖެ ނަމަ، އެ މަނިކުފާނުގެ އިސްތިއުފާއަށް އޭނާ ގޮވާލެއްވި އެވެ. އަދި ރައީސް އިސްތިއުފާ ނުދެއްވައިފި ނަމަ، "ފިޔަވަޅު އަޅާނެ" ކަމުގެ އިންޒާރު ވެސް ރާޝިދު ދެއްވި އެވެ.

"އެކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ، އަޅުގަނޑުމެން މި މަޖިލީހުން ފިޔަވަޅު އަޅަން ޖެހޭނެ. އެ މަނިކުފާނު ވެރިކަމުން، ބާލަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ދިފާޢުގައި ވާހަކަ ދައްކާފައިވަނީ އެމްޑީޕީއިން ޕީއެންސީއަށް ދިޔަ މޫސާ ސިރާޖާއި، އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް، މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އެމީހުންގެ ވާހަކާގައި ސަރުކާރަށް އިތުރު ފުރުޞަތު ދިނުމަށް އެދިފައިވެއެވެ.

އެމްޑީޕީއާއި، ދަ ޑިމޮކްރެޓްސް ބޭނުންވެގެން މަޖިލީހުގައި ވޯޓަކަށް ގޮސްފިނަމަ، މުއިއްޒުގެ ނޯކޮންފިޑެންސް ވޯޓަށް ބޭނުންވާ މިންވަރަށް ވޯޓު ހަމަވާނެއެވެ. ރާއްޖޭގެ އިސްތިޤްލާލައި، މިނިވަންކަމާއި ގުޅުވައިގެން އަވަށްޓެރި ޤައުމަކާއި މެދު ނަފްރަތު އުފައްދަން ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއް މުއިއްޒު ހިންގައި، އެތައް ހާސް ސިފައިންނެއް ތިބިކަމަށް ބުނެ އޮޅުވާލައި ވެރިކަމަށް އައިސް، އެތުހުމަތުތައް ސާބިތު ނުކުރެވޭނަމަ، މުއިއްޒާއި މެދު ނޯކޮންފިޑެންސް ވޯޓަކަށް ދިޔުމަކީ މިފަދަ ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ނުރައްކާތެރި ފިތުނަތަކުން ޤައުމު ކުރިއަށް އޮތްތާގައި ސަލާމަތް ކުރަން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.