ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސްގެ ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް 9 އިންސައްތައިން 6 އިންސައްތައަށް 22 އޮކްޓޯބަރ 2023 ގައި ރައީސް ސޯލިހްގެ ސަރުކާރުން ކުޑަކޮށްފައިވަނިކޮށް، މިއަދު އާބަންކޯގެ އެމްޑީ ވަނީ، އިއްޔެ ކެބިނަޓުން ވިނަރެސް ފްލެޓްގެ އިންޓްރެސްޓް ރޭޓް %6 ކުޑަކުރި ކަމަށް މިއަދު ދެއްވި ޕްރެސްގައި ވިދާޅުވެ ދޮގު ހައްދަވާފައެވެ.
ވިނަރެސް ފްލެޓްތަކަށް ކުރިން ކަނޑައަޅާފައިއޮތީ 9 އިންސައްތައިގެ އިންޓްރެސްޓް ރޭޓެކެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ވިނަރެސްގެ ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން ފްލެޓް ލިބުނު ފަރާތްތަކުންވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. މިއާއެކު ރައީސް ޞާލިޙުވަނީ ވިނަރެސް ކުލީގެ އަގަށް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް ވިދާޅުވެފައެވެ. އެ ވިދާޅުވުމާއި އެކު، އެ ބަދަލު އޭރު އާބަންކޯއިން ވަނީ ގެނެސްފައެވެ.
ރައީސް ސޯލިހް ވިނަރެސް ފްލެޓްގެ ވެރިފަރާތްތަކަށް މި ދެއްވި ލުޔާއި ގުޅިގެން އެ ހަބަރު ދައުލަތުގެ މީޑިޔާ ޕީއެސް އެމް އިންވެސް ވަނީ ގެނެސް ދީފައެވެ.
މީގެ އިތުރުން، ސަރުކާރު ކުންފުންނެއްގެ ކަމެއް، ކެބިނެޓަށް ނުނިންމޭނެއެވެ. ކެބިނެޓުން ލަފާ ދެއްވާފިނަމަ، އެކަން ކުރަން ޖެހޭނީ، އާބަންކޯގެ ނުވަތަ އެ ނިސްބަތްވާ ކުންފުންޏެއްގެ ބޯޑަށް ހުށައަޅައި އެގޮތަށް އެކަން ނިންމުމުންނެވެ. އިއްޔެގެ ކެބިނެޓް ބައްދަލުވުމާއި ގުޅިގެން އާބަންކޯއިން ބޯޑު މީޓިންގއެއް ބާއްވާފައެއްވެސް ނުވެއެވެ.
އެހެންކަމުން، މުއިއްޒުގެ ސަރުކާރުން، ވިނަރެސް ފްލެޓްގައި ތިބި ފަރާތްތަކަށް އެއްވެސް ލުޔެއް ދީފައިނުވެއެވެ.