ޚަބަރު

ޕީއެންސީ/ޕީޕީއެމްގައި ޔާމީނު ފުރުއްވި މަގާމު ވެސް މުއިއްޒަށް ދީފި! މިހާރު އެއީ ދެ ޕާޓީގެ ވެރި އިއްޒަތްތެރި މުއިއްޒު!

ދިޔަވަރު
ޕީއެންސީ/ޕީޕީއެމްގައި ޔާމީނު ފުރުއްވި މަގާމު ވެސް މުއިއްޒަށް ދީފި! މިހާރު އެއީ ދެ ޕާޓީގެ ވެރި އިއްޒަތްތެރި މުއިއްޒު!

ޕީޕީއެމް/ޕީއެންސީގެ ލީޑަރަކީ ރައީސް މުހައްމަދު މުއިއްޒު ކަމަށް ސެނެޓުން ފާސްކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމް ގެއްލިދާނެ ފަދަ ހާލަތެއް ކުރިމަތިވުމުން، "ބެކަޕް ޕާޓީ"އެއްގެ ގޮތުގައި އުފެއްދި ޕީއެންސީގެ ވެސް ލީޑަރަކަށް ކުރިން ހުންނެވީ ޕީޕީއެމްގެ ލީޑަރުގެ ހައިސިއްޔަތުން ކުރީގެ ރަައީސް އަބްދުﷲ ޔާމީނެވެ. ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި ނަމަވެސް ކޯލިޝަނެއްގެ ގޮތުގައި މަސައްކަތްކޮށް، ރައީސް މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި އިރު ވެސް އެ ދެޕާޓީގެ ލީޑަރަކީ ޔާމީނެވެ.

އެހެން ނަމަވެސް މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެބޭފުޅުންގެ ގުޅުން ގޯސްވެ، ޕީޕީއެމުން ޔާމީނު ވަކިވެވަޑައިގެންނެވީ އެވެ. އެމަނިކުފާނު މިހާރު އުޅުއްވަނީ އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތުގަ އެވެ.

ވެރިކަން ކުރާ ޕީއެންސީގެ އޮފީސް ރަސްމީކޮށް ހުޅުވައި، މިރޭ ބޭއްވި ޖޮއިންޓް ސެނެޓު ބައްދަލުވުމުގައި ނިންމީ ދެޕާޓީގެ ލީޑަރުކަން ވެސް ރައީސް މުއިއްޒަށް ދިނުމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމެރީގެ އަސާސީ ގަވައިދު ވެސް މިރޭ ފާސްކުރި އެވެ.

އަސާސީ ގަވައިދުގައި ބުނާ ގޮތުން ޕްރައިމެރީގައި ވާދަކުރެވޭނީ އަދި ވޯޓު ދެވޭނީ ވެސް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ދެ ޕާޓީއަށް ސޮއިކުރާ މީހުންނަށް އެކަންޏެވެ.

ކޯލިޝަން ބައިވެރިން ކަމަށްވާ އެމްޑީއޭ އާއި އެމްއެންޕީގެ މެންބަރުންނަށް ވެސް ޕްރައިމެރީގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެވޭނެ ކަމަށް މީގެ ކުރިން އެއްބަސްވެފައިވާނެ ކަމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑުވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެފަދަ އެއްބަސްވުމަކަށް އައުމަށް ޖުމްހޫރީ ޕާޓީއާ އެކު ވެސް މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި، ނަމަވެސް އެޕާޓީން ހުށަހެޅި ބައެއް ކަންތައްތަކާއި ޖޭޕީއިން އެއްބަސްވެފައި ނުވާތީ މަޝްވަރާތައް މެދުކެނޑިފައިވާކަމަށެވެ.

ޕީއެންސީ/ޕީޕީއެމްގެ ލީޑަރަކީ ރައީސް މުއިއްޒު ކަމަށް މިރޭ ފާސްކުރި އިރު، މީގެ ކުރިން އެ މަގާމުގައި ހުންނެވީ ރައީސް އަބްދުﷲ ޔާމީނެވެ. މި ސަރުކާރުން ވެރިކަމަށް އައީ ޔާމީނަށް އޮޅުވާލައި ބަގާވާތްކޮށްގެން ކަމަށާއި ވެރިކަން ލިބުމަށް ފަހު އެމަނިކުފާނު އެކަހެރިކުރެއްވިކަމުގެ ތުހުމަތުގައި އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގަތެވެ.

ރައީސް ޔާމީނު މިހާރު ގެންދަވަނީ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނާއި އެކު އިސްކޮށް އުޅުއްވަނީ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް އާއި އެމަނިކުފާނުގެ އިސް ލޯޔަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ.