ސިޔާސީ

ހިޔާ ފްލެޓް މީހުންނަށް ނަގުދު ފައިސާއިން ދެލައްކަ ރުފިޔާ ބޭނުންވަނީ ކީއްވެ؟

ދިޔަވަރު
ހިޔާ ފްލެޓް މީހުންނަށް ނަގުދު ފައިސާއިން ދެލައްކަ ރުފިޔާ ބޭނުންވަނީ ކީއްވެ؟

ހިޔާ ފްލެޓް ބައެއް މީހުން ތިބީ ދަރަނިވެރިންގެ ގޮތުގައެވެ. ދެން ތިބީ ޖެހިދާނެ މުހިންމު ކަމަކަށް މުޅި އުމުރު އެއްކުރި ފައިސާ ކޮޅު ހޭދަ ކުރި މީހުންނެވެ. ބައެއް މީހުންނަކީ ހައްޖުގެ މަތިވެރި އަޅުކަން ލިބި ގަތުމަށް ފައިސާ އެއްކުރި މީހުންނެވެ. ދެންތިބީ، ތަން ނިންމާނެ ކަމަށް ބުނެ ލަނޑު ލިބި، އަނެއްކާ މީހުން ކުރެ، އާދޭސް ކޮށްގެން ތަން ހެދި މީހުންނެވެ.

ހިޔާ ފްލެޓް މީހުން މިހާލުގައި ޖެހުނީ ކީއްވެ؟

ހިޔާ ފްލެޓް މީހުން މިހާލުގައި ޖެހުނީ، 5 ފަރާތަކުން ހިޔާ ފްލެޓް ހެދުމަށް ބިޑް ހުށައެޅުމުން، އެންމެ އަގުބޮޑު، އަދި ފިނިޝިންގ ނުހިމަނައި ބިޑު ކުރި ފަރާތަށް ޕްރޮޖެކްޓް ދިނުމުންނެވެ. ހިޔާ ފްލެޓް ހަދަން ހަވާލުކުރީ އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުގެ ގާތް ޗައިނާ ކުންފުންޏަކަށެވެ. ޕްރޮޖެކްޓް ދީފައިވަނީ ކޮރަޕްޝަނުގެ ތެރެއިންނެވެ. ހިޔާ ފްލެޓަކީ ކޮރަޕްޝަނުގެ ސަބަބުން އެތައް ހާސް ރައްޔިތުންތަކަކަށް ލިބެމުންދާ ގެއްލުމުގެ ދިރިހުރި މިސާލެކެވެ. އެތައް ބައެއްގެ ދިރިއުޅުމަށް އެއިން ކުރާ އަސަރު ފެންނަން އޮތް ހަޤީގަތެކެވެ.

ހިޔާ ފްލެޓަށް ދޭން ޖެހޭ ބަދަލު ނަގަން ޖެހޭނީ ދައުލަތުންތަ؟

ހިޔާ ފްލެޓަށް ނަގަންޖެހޭ ބަދަލު ހަޤީގަތުގައި ނަގަން ޖެހޭނީ ދައުލަތުންނެެއް ނޫނެވެ. އޭގެ ބަދަލު ދޭން ޖެހޭނީ 2018އާއި ޖެހެންދެން އޮތް ޔާމީނުގެ ސަރުކާރުގައި މި ކޮރަޕްޝަން ހިންގި ފަރާތްތަކެވެ. އޭރުގެ ފިނޭންސް މިނިސްޓަރާއި، ހައުސިންގ މިނިސްޓަރެވެ. އަދި ހިޔާ ފްލެޓްތައް އިމާރާތްކުރި ކުންފުންޏެވެ. އެކަން ފެށެން ޖެހޭނީ، އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްގެންނެވެ. ފައިސާ ދައުރުވި ގޮތުގެ ތަހުޤީގެއް ހިންގައިގެންނެވެ. ކުޑަ މިނުން އެންމެ ބޮޑަށް ބިޑު ކުރިފަރާތަށް ޕްރޮޖެކްޓް ހަވާލު ކުރީ ކީއްވެތޯ ވެސް އަހާލެވިގެންނެވެ. އެފަދަ އެއްވެސް ކަމެއް ރާއްޖޭގައި ނުހިނގަނީ ފުލުހުންގެ މުއައްސަސާގައި އޮތް ކޮރަޕްޝަން އަދި މާ ބޮޑުކަމުންނެވެ. އޭސީސީގެ ވާހަކަ ވަކި ރިޕޯޓެއްގައި ގެނެސްދޭނަމެވެ.

މުއިއްޒުގެ ދޮގު ވައުދު

މުއިއްޒު ވަދުވީ ދެލައްކަ ރުފިޔާ ކޮންމެ ހިޔާ ފްލެޓަކަށް ދިނުމަށެވެ. އެކަން އެގޮތަށް ނިންމީ ހިޔާ ފްލެޓުގެ ވެރިން ދަރަނިވެރިވެފައި ތިބުމުން، އެ ދަރަނި އަދާކުރުމަށް މަގެއް ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ. މުއިއްޒުގެ ވައުދަކީ ހަޤީގަތުގައި އެއީއެވެ. އެ ދެއްލައްކަ ރުފިޔާ އަކީ އެދަރަނި އަދާކުރަން ދޭން ނިންމި ފައިސާއެވެ. ނަމަވެސް، ވެރިކަން ލިބި ބާރުތައް އަތް މައްޗަށް ލިބުމުން، ވޯޓު ހޯދަން ގޮސް ދެއްކި ވާހަކަ މުހިންމެއް ނުވިއެވެ. ކަމަކަށް ކަމެއް ކޮށްލުމަކުން ވައުދު ފުއްދުނު ކަމަކަށް ނުވާނެއެވެ.

މިކަންކަމުގެ ހައްލު ލިބޭނީ، ސަރުކާރު ޒިންމާދާރު ކޮށްގެންނެވެ. މިހާރު މުއިއްޒު ދޭނަކަމަށް އެބުނާ ފައިސާވެސް ލިބޭނެ ކަމުގެ އުންމީދެއް ނެތެވެ. އެ އިތުބާރުވެސް ނެތެވެ. ހިޔާ ފްލެޓުގެ ފައިސާގެ ވާހަކަ މި ދެކެވުނީވެސް، މަޖިލީހަށް ހައުސިންގ މިނިސްޓަރ ހާޒިރު ކުރަން ނިންމުމުންނެވެ. ޕީޕީއެމް ޕީއެންސީ އަށް މަޖިލިސް ދީފި ނަމަ، މި ފައިސާ އެއީ ސަރުކާރުން ދޫކުރާނެ ފައިސާއެއް ނޫނެވެ. ސަރުކާރު ޒިންމާދާރު ކުރާނެ ފަރާތެއް ނެތިއްޔާ، ސަރުކާރު ހޯދައި ނުފެންނާނެއެވެ.