ރައީސް މުއިއްޒު ވެރިކަމާ ހަވާލުވިތާ މަހެއް ނުވަނީސް މި ސަރުކަރުގެ ޑެޕިއުޓީ މިނިސްޓަރުންގެ އަދަދު ރައީސް ސާލިހުގެ ސަރުކާރުގެ 5 އަހަރުގެ މުއްދަތުގައި ތިބި ޑެޕިއުޓީ މިނިސްޓަރުންގެ އަދަދަށްވުރެ އިތުރުވެއްޖެއެވެ.
މިގޮތުން, ރައީސް މުއިއްޒު އެންމެ ފަހުން ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރި 9 ބޭފުޅުން ހިމެނޭގޮތުން މި ސަރުކާރުން ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރި ފަރާތްތަކުން އަދަދު މިހާރުވަނީ 70 އަށް އަރާފައެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ބުރުގައި ޑެޕިއުޓީ މިނިސްޓަރުކަމަށް 26 ފަރާތެއް އައްޔަން ކޮށްފައިވާއިރު, ދެވަނަ ބުރުގައި 18 ފަރާތެއް, ތިންވަނަ ބުރުގައި 17 ފަރާތެއް އަދި އެންމެ ފަހު ބުރުގައި އައްޔަން ކޮށްފައިވަނީ 9 ފަރާތެކެވެ.
ރައީސް ސާލިހުގެ ސަރުކާރު ނިމުނުއިރު ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިއްބެވީ 65 ފަރާތެކެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަތިލުއި ސަރުކާރެއް ހިންގަވާނެކަމަށް ވިދާޅުވަމުންނެވެ. އަދި ސިޔާސީ މަގާމްތައް ކުރީ ސަރުކާރަށްވުރެ އިތުރު ނުކުރާނެކަމަށްވެސް ވައުދުވެފައި ވެއެވެ.
ސަރުކާރުގެ އިސް ބައެއް އިސް ފަރާތްތަކުން ނަން ހާމަނުކުރުމަށް އެދި ބުނެފައިވަނީ, ސިޔާސީ ގިނަ މަގާމްތަކަށް އައްޔަން ކުރަމުންދަނީ ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ އާއީލީ ފަރާތްތަކާއި ރައްޓެހިންގެ އިތުރުން ދެން ރައީސް މުއިއްޒުގެ އާއިލީ ފަރާތްތަކާއި ގާތް ރައްޓެހިން ކަމުގައެވެ.
އެންމެފަހުން ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި އައްޔަންކުރި ފަރާތްތައް:
- ފޮރިން މިނިސްޓްރީއަށް: އަލީ ޖަނާހް
- ލޯކަލް ގަވަރުންމަންޓް މިނިސްޓްރީއަށް: މުހައްމަދު އާރިފް
- ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް: މަރްޔަމް ޝިފާނާ އަލީ ސަލީމް
- ފިނޭންސް މިނިސްޓްރީއަށް: ހަސަން މިރާސް
- އެޑިޔުކޭޝަން މިނިސްޓްރީއަށް: އާމިނަތު މުނާ
- ޓޫރިޒަމް މިނިސްޓްރީއަށް: އަހުމަދު މާއިސް
- ހައުސިން މިނިސްޓްރީއަށް: އިބްރާހީމް އަލީމް
- އެގްރިކަލްޗާ މިނިސްޓްރީއަށް: ފާތިމަތު ޒުހުރާ
- ޔޫތް މިނިސްޓްރީއަށް: އަބްދުﷲ މަހުޒޫމް މާޖިދު