އިންޑިޔާ ސަރުކާރުން، އެގައުމުން އެހެން ޤައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން 2024 ވަނަ އަހަރު މާރޗް ނިޔަލާއި ހަމައަށް ހުއްޓާލައިފިއެވެ. މިދިޔަ އޮކްޓޯބަރ 29 އިން ފެށިގެން އިންޑިޔާއިން ވަނީ ފިޔާގެ އަގު ވަކި މިންވަރެއްގައި ހިފަހައްޓާފައެވެ. މިގޮތުން 800 ޑޮލަރަށް މެޓްރިކް ޓަނެއް ވަނީ ބޮޑު ކޮށްފައެވެ.
މިގޮތަށް ފިޔާގެ އަގު ބޮޑު ކޮށްފައިވަނީ އިންޑިޔާގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވެ، އޭގެ ދަތިކަން ކުރިމަތިވާން ފެށުމަށް ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓް ކޮށްފައެވެ. މި ގޮތުން ފިޔާގެ އަގު އިންޑިޔާގެ ބާޒާރުގައި މިހާރު ހުރީ %58 ބޮޑު ކޮށެވެ. މީގެ ސަބަބުން އިންޑިޔާގައި އުފައްދާ ކާބޯތަކެތީގެ އަގުވެސް ވަނީ އުފުލިފައެވެ، މީގެ އިތުރުން އިންޑިޔާގައި ޓޮމާޓޯގެ އަގުވެސް މިހާރު ވަނީ %35 އިތުރަށް ބޮޑުވެފައެވެ.
ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށް މިއަދު އިންޑިޔާއިން ނެރުނު ބަޔާނުގައި އިތުރަށް ވަނީ، އެހެން ގައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުމުގެ ހުއްދަ ދޭނީ އެ ގައުމުތަކުގެ ސަރުކާރުތަކުން އެދުމުން ކަމަށެވެ. އަދި މި އިއުލާން ކުރުމުގެ ކުރިން، ބަރުކުރަން ފަށާފައިވާ ބޯޓު ފަހަރަތަކަށް ފިޔާ ބަރުކުރެވޭނޭ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ރާއްޖެއަށް އާންމު ގޮތެއްގައި ފިޔާ ގެންނަނީ އިންޑިޔާއިންނެވެ. ދިވެހިންގެ ކެއިން ބުއުމުގައި ފިޔާއަކީ މުހިންމު ދައުރެއް އަދާ ކުރާ ބާވަތެކެވެ.
2020 ވަނަ އަހަރު ސެޕްޓެމްބަރ މަހުގައިވެސް، އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލިއެވެ. ނަމަވެސް، ރާއްޖެއަށް ދީފައިވާ ހުއްދަ އިންޑިޔާއިން ވަނީ އާކޮށްދީފައެވެ. އެހެންކަމުން މިދިޔަ ސަރުކާރުގައި ފިޔާގެ ދަތިކަމެއް ރާއްޖެއަކަށް ނާދެއެވެ.
މުއިއްޒު ރާއްޖޭގެ ވެރިކަމަށް އައީ އިންޑިޔާއާއި މެދު، ދޮގު ވާހަކަ ތަކެއް އޮޅުވާލައިގެން ދައްކައި، ރައްޔިތުންގެ މެދުގައި އިންޑިޔާއާއި މެދު ނަފްރަތުގެ ކެމްޕެއިނެއް 4 އަހަރު ވަންދެން ހިންގާފައެވެ. މިގޮތުން އިންޑިޔާގެ ހަތިޔާރު އެޅި ސިފައިން ތިބި ކަމަށާއި، އެތައް ހާސް ސިފައިންނެއް ތިބި ކަމަށް ބެލެވޭ ކަމަށް މުއިއްޒު ވަނީ އަލްޖަޒީރާއަށް އިންޓަވިއު ދެއްވާފައެވެ. ވެރިކަމަށް އަންނަން ކުރި ހައްދުފަހަނައެޅި، ޤައުމިއްޔަތުގެ ކެމްޕޭނުގެ ސަބަބުން އާ ސަރުކާރާއި އިންޑިޔާއާއި ދެމެދު އޮތް ގުޅުން އޮތީ ހީނަރުވެއެވެ.
ދިޔަވަރު ނޫހުން ބެލި ބެލުމުގައި، އިންޑިޔާއިން ފިޔާ އެކްސްޕޯޓްކުރުން ހުއްޓާލި ކަމެއް އަދި ސަރުކާރަށް އެނގިފައެއް ނުވެއެވެ. އެހެންކަމުން ފިޔާ އެކްސްޕޯޓް ކުރުން މަނާކޮށް އިންޑިޔާއިން ގެޒެޓް ކޮށްފައިވާ އެންގުން ތިރީގައި މިވަނީއެވެ.
