މޮރިޝަސްގައި ބޭއްވި ކޮލަމްބޯގެ ސެކިއުރިޓީ ޑައިލޮގްގައި ރާއްޖެއިން ބައިވެރިނުވުމުން، އިންޑިއާ ކަނޑުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަރަހައްދީ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމުގައި ރާއްޖޭގެ އަހައްމިއްޔަތު ކަމެއް ނެތުމުން، ސަރަހައްދީ ޤައުމުތަކުގެ ފާޑުކިޔުން ވަނީ ރާއްޖެއަށް އަމާޒުވެފަ އެވެ.
ކޮލަމްބޯ ސެކިއުރިޓީ ޑައިލޮގްގައި އިންޑިއާ، ރާއްޖެ، މޮރިޝަސް އަދި ސްރީލަންކާ ހިމެނޭއިރު، މި ބައްދަލުވުން ބާއްވަނީ، އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ބޭނުމުގައެވެ. ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުން ނެވެ.
މި ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ބައްދަލުވުމަށް ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޗައިނާއަށް ވަޑައިގެންނެވި ދުވަހު އެވެ. ރާއްޖެއިން މިދިޔަ އަހަރު ޗައިނާއިން އިންތިޒާމު ކުރި މި ފޯރަމްގައި ބައިވެރިވެފައެއް ނުވެއެވެ. މިފަހަރު ރާއްޖެއިން ސަރަހައްދީ މިފަދަ މުހިންމު ބައްދަލުވުމެއްގައި ބައިވެރިވެފައި ނުވަނީ، ޗައިނާ ރުއްސަން ކަމަށް ބެލެވެއެވެ.
މޮރިޝަސްގައި ކުރިއަށްދާ ކޮލަމްބޯ ސެކިއުރިޓީ ޑައިލޮގްގައި ރާއްޖެއިން މިފަހަރު ބައިވެރިނުވާއިރު، މީގެ ކުރިން މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ބައިވެރިވެފައެވެ.
ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ދަށުން އެއްބާރުލުން ދިނުމުގެ މައިގަނޑު ފަސް ކަމެއްގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ އާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި ޓްރެފިކިން އެންޑް އޯގަނައިޒްޑް ކްރައިމް ހުއްޓުވުމާއި ސައިބާ ސެކިއުރިޓީ އާއި ކްރިޓިކަލް އިންފްރާސްޓްރަކްޗާ ހިމާޔަތްކުރުމާއި އިންސާނީ އެހީ އާއި ކާރިސާތަކުން އަރައިގަތުމެވެ.
މި ސަމިޓުގައި، އޮބްޒާވަރ ސްޓޭޓްސްގެ ގޮތުގައި ބަންގްލަދޭޝް އާއި ސީޝެލްސް ބައިވެރިވެފައިވެއެވެ.