2020 ވަނަ އަހަރު އަދި 2019 ވަނަ އަހަރު އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން މަޑު ޖައްސާލުމުން، އޭރުގެ އޮތް ސަރުކާރުން ރާއްޖެއަށް އިންޑިޔާއިން ފިޔާ ލިބުމުގައި ދަތިކަމެއް ނެތް ކަމަށް ހާމަ ކުރިއެވެ. އަދި ދުނިޔޭގެ ޤައުމުތަކަށް ފިޔާ އެކްސްޕޯޓް ކުރުން އިންޑިޔާ އިން މަނާކޮށްފައި އޮތް އިރުވެސް، ރާއްޖެއަށް ދިޔައީ ފިޔާ ފޮނުވަމުންނެވެ. އެއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރި ގުޅުމުގެ ސަބަބުންނެވެ.
އިންޑިޔާއިން ފިޔާ އެކްސްޕޯޓް މަނާކުރުމާއި ގުޅިގެން، މުއިއްޒުގެ ސަރުކާރުގެ އެކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީ، އަސާސީ އެއްވެސް ބާވަތެއްގެ މުދަލެއް ރާއްޖެ އެތެރެކުރުމުގައި ހުރަހެއް ނެތް ކަމަށެވެ. ރައްޔިތުންގެ ކަންބޮޑުވުމަށް ސާފު ޖަވާބެއް ނުދެއްވިއެވެ. ރާއްޖެއަށް ކާބޯތަކެތި އިމްޕޯޓް ކުރުމުގައި ހުރަހެއް ނެތްކަން އެންމެނަށްވެސް އެނގެއެވެ. މައްސަލައަކީ ހެޔޮ އަގުގައި ރާއްޖެއަށް ފިޔާ ވިއްކާނެ އިތުރު ގޮތެއް ހޯދިފައިނެތް މައްސަލައެވެ. ރައްޔިތުންގެ ކަންބޮޑުވުން އޮތީ އެކަމާއެވެ،
އޭނާ އިތުރަށް އެކްސްގައި ލިޔުއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަންދެއްވާ ސިޔާސަތަކީ ރައްޔިތުންގެ "ފުޑް ސެކިއުރިޓީ" ގާއިމުކުރުން ކަމަށާއި އެކަން ކާމިޔާބު ކުރާނީ "ދެމެހެއްޓެނި ވަށާޖެހޭ ހައްލަކާއިއެކު" ކަމަށެވެ. ނަމަވެސް، އެއްވެސް އިރެއްގައި މުއިއްޒުގެ ފަރާތުން "ފުޑް ސެކިޔުރިޓީ" އާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި އެފަދަ ވަށާޖެހޭ ސިޔާސަތެއް ގެންގުޅުމަށް ރާއްޖޭގައި ފިޔާ އަލުވި ފަދަ ކާބޯތަކެތި މުޑުވައް ކުރުމުގެ ސިޔާސަތެއް މުއިއްޒުގެ ސަރުކާރުން ހިންގަން ރާވާފައެއް ވެސް ނުވެއެވެ.
ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަންކަމުގައި ސާފު ޖަވާބު ނުދީ، ދޮގު ހެދުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިތުރުވާނެ ކަމެކެވެ. އަދި އެކަމަށް ސަރުކާރަށް އެއްވެސް ހައްލެއް ހޯދިފައި ނެތްކަން ދޭހަވާ ކަމެކެވެ.
އަވަށްޓެރި އިންޑިޔާއާއި ރާއްޖޭގެ ގުޅުމަށް ބުރު އަރާފައިވަނީ، ވެރިކަމަށް އައުމަށް އިންޑިޔާގެ އާއި މެދު ނަފްރަތު އުފައްދައި، ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއްގެ އިންޑިޔާއާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީ އިން ހިންގާފައިވާތީއެވެ.