ޕީޕީއެމްގެ ކުރީ ސަރުކާރަކީ އާންމުކޮށް މާލެއިން ކަރަންޓު ކެނޑުނު ސަރުކާރެކެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ފެނާއި ކަރަންޓު ކެނޑުމުގެ މައްސަލަ މެނޭޖް ކުރެވުނެވެ. ކަރަންޓު ކެނޑޭ މައްސަލަ ހައްލު ކުރުމަށް ސެޓެލްކޯއަށް ގެންނަން ޖެހުނު ޓެކްނިކަލް ހައްލު ތައް ރައީސް ސޯލިހްގެ ސަރުކާރުން ގެނައީ، ޕީޕީއެމްގެ 5 އަހަރުގެ ސަރުކާރަށް އެކަން ނުވެ އޮތުމުންނެވެ.
ފެނަކައިންނާއި، އަދި ޔޫޓިލިޓީއާއި ގުޅޭ އެހެން ކުންފުނިތަކުގައި ތިބި އެކި ފަރާތްތައް މަޤާމުތަކުން ވަކިކޮށް، އާ ވަޒީފާތައް އުފައްދައި، އެ ވަޒީފާތަކަށް ކަމާއި ނުގުޅޭ ނަމަވެސް، މުއިއްޒަށް ތާޢީދުކުރާ މީހުން ހަމަ ޖައްސަމުން ދާ ދިޔުމަކީ، މިފަދަ މައްސަލަތަކުގެ ފެށުމެވެ. ގާބިލު ނޫން މީހުން، ކަންކަން ކުރަން ތިބި އިލްމީ މީހުންގެ މައްޗަށް އިސްކުރުމުން ކަންތައްތައް ދާނީ ގޯހުން ގޯހަށެވެ.
އައްޑޫ ފެނަށް ޖެހިފައި އޮންނަތާ ތިން ދުވަސް ވެއްޖެއެވެ. މީހުންތައް ކަނޑާލުމުން، މައްސަލަ ހައްލު ކުރެވޭވަރުގެ ބަޔަކު، ފެނަކާގައި ނެތިގެން، ޓެކްނިކަލް އެހީތެރިކަން މިހާރު ހޯދަމުން ދަނީ އެމްޑަބްލިއުއެސްސީން ނެވެ. މައްސަލަ ހައްލު ކުރަން ބޭނުންވާ ސާމާނުވެސް ފެނަކާގައި ނެތެވެ. އެވެސް ހޯދީ އެމްޑަބްލިއުއެސްސީން ނެވެ.
މުއިއްޒުގެ މުޅި ސަރުކާރު އޮތީ އެގޮތަށެވެ. ރައީސް އޮފީސް ހިންގަން ހުރީ، އަބްދުއްރަހީމު (އަދުރޭ) އެވެ. ރައީސް އިފީހުގައި ތިބި ޤާބިލު މީހުންނަށް ބަސް ކިޔަން ހުރީ، ގްރޭޑް 7ގެ ތައުލީމީ ފެންވަރުވެސް ނެތް މީހެކެވެ.
އެހެންކަމުން ކުރިއަށް އިތް 5 އަހަރު ކަރަންޓު ކެނޑޭނެއެވެ. ކުރިއަށް އޮތް 5 އަހަރު ވެގެން ދާނީ 48 އިރަށް ވުރެ ގިނައިން ފެނުގެ ޚިދުމަތް އައްޑޫ ފަދަ އެކި ރަށްރަށުން ކެނޑޭނެ 5 އަހަރަށެވެ.
މިއީ ދިވެހިންގެ ރާއްޖެ ހޯދަން ދިވެހިން ގެނައި، އަދުރޭގެ ސަރުކާރެވެ. ކަން ހިނގާނީ އަދުރޭގެ އިލްމީ ހުނަރާއި ޤާބިލު ކަން ހުރި މިންވަރަށެވެ.