މުއިއްޒުގެ އަނބިކަބަލުން ބޭނުންވެގެން، މުލިއާގެއިން 3 ދިވެއްސަކު ވަޒީފާއިން ކުއްލިއަކަށް ވަކިކުރުމުން އެފަރާތްތައް ހާލުގައި ޖެހިއްޖެއެވެ. އާންމުކޮށް ވަޒީފާއިން ވަކި ކުރަނީ އެކަށީގެންވާ މުއްދަތެއް ދީފައި ކަމަށް ވިއަސް، ވަޒީފާއިން އެފަރާތްތައް ވަކި ކޮށްފައިވަނީ ފަސްޓްލޭޑީ ސާޖިދާ ހިތްޕުޅާ ނުވެގެން ކުއްލިއަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
މިގޮތުން ވަޒީފާއިން ވަކިކޮށްފައިވަނީ އެއް ކައްކާއާއި، ބަނދިގޭގައި މަސައްކަތްކުރާ އަންހެން ކަނބަލަކާއި، ގޭތެރޭ ކަންކަން ބަލަހައްޓާ އެކަނިވެރި މަޔެކެވެ.
މިއީ ސިޔާސީ ގޮތުން އައްޔަން ކޮށްފައިވާ މަގާމްތަކަކަށް ނުވާއިރު، މުލިއާގޭގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރޭގައި، ރައީސް މައުމޫނުގެ ދައުރުން ފެށިގެން މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ. މީގެ ތެރޭގައި އެކި ސިޔާސީ ފިކުރުގެ މުއައްޒަފުން ތިބި ކަމުގައި ވީނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުގައި އެއްވެސް މީހަކަށް އެއްވެސް ފިޔަވަޅެއް އަޅައި، އެމީހުންގެ މަޤާމުން ވަކިކޮށް ކަމެއް ކޮށްފައެއް ނުވެއެވެ.
މުއިއްޒު ކުއްލިއަކަށް ވަކިކޮށްލި މީހުންގެ ތެރޭގައި ހިމެނޭ އެކަނިވެރި މަޔަކީ، ލޭ އަޅާ ތެލަސީމިޔާ ބަލި ކުއްޖަކު ގެންގުޅޭ ފަރާތެކެވެ. އަދި އެއަންހެންމީހާ މުލިއާގޭގައި މަސައްކަތް ކުރާކަން އޭނާގެ އެންމެ ގާތް އެކުވެރިންނަށްވެސް ނޭނގެއެވެ. އަދި އެއީ އެއްވެސް ވަރަކަށް އެހެން މީހުންގެ ކަންކަމާއި ބެހި ހަދާާ މީހެއް ނޫންކަމަށް، ކުރީގެ ފަސްޓް ލޭޑީ ފަޒްނާ ފޭސްބުކް ގައި ކަންބޮޑުވުން ފާހަގަ ކުރަމުން ލިޔެފައިވެއެވެ.
ދިޔަވަރު ނޫހުން އިތުރަށް ބެލި ބެލުމުން، ވަޒީފާއިން ވަކި ކުރި ފަރާތްތަކަށް އިތުރު މަގެއް އަދި ވަނީ ނުފެނިފައެވެ. އަދި ލޭ އަޅާ ކުއްޖާއަށް ދޭ ފަރުވާ އަށް މިކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް އޮފީހުންވެސް މުއިއްޒު ވަނީ 20 އަށް ވުރެ ގިނަ ދާއިމީ މުއައްޒަފުން ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފައެވެ.
އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ، އެއްވެސް ސަބަބަކާއި ނުލާއި، އަނިޔާވެރި ކަމާއި އެކު ބަޔަކު ވަޒީފާއިން ކަނޑާލުމުންނެވެ. މީގެ އިތުރުން، ދައުލަތުން 16 މިލިއަން ހަރަދުކޮށް މުލިއާގޭގެ ހައިބަތު އިތުރު ކުރުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ.