ޚަބަރު

އިސްރާއީލުގެ އުދުވާން ހުއްޓާލުމަށް ގޮވާލާ ގަރާރު އެމެރިކާއިން ވީޓޯކުރި ކުރުން ރާއްޖެއިން ކުށްވެރިއެއް ނުކުރި

ދިޔަވަރު
އިސްރާއީލުގެ އުދުވާން ހުއްޓާލުމަށް ގޮވާލާ ގަރާރު އެމެރިކާއިން ވީޓޯކުރި ކުރުން ރާއްޖެއިން ކުށްވެރިއެއް ނުކުރި

އިސްރާއީލުން ޢައްޒާއަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ޔޫއެންގެ ސެކިއުރިޓީ ކައުންސިލުގެ 13 ގައުމުން ތާއީދުކޮށްގެން ފާސްކުރި ގަރާރު އެމެރިކާއިން ވީޓޯކުރި ކުރުން ރާއްޖެއިން ކުށްވެރިއެއް ނުކުރިއެވެ.

15 މެމްބަރުންގެ މައްޗަށް އެކުލެވޭ ޔޫއެންގެ ސެކއިއުރިޓީ ކައުންސިލްގައި ނެގި މި ވޯޓުގައި ގަރާރަށް ތާއީދުކޮށް 13 ގައުމަކުން ވޯޓު ދީފައިވާއިރު ގަރާރު ފާސްނުވެ ދިޔައީ އެމެރިކާއިން މިގަރާރު ވީޓޯ ކުރުމުގެ ސަބަބުންނެވެ. އިނގިރޭސިވިލާތުން އެ ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.

އިސްރާއީލުން އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 17،400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޔޫއެންގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާރު އެމެރިކާއިން ވީޓޯ ކުރުމާއި ގުޅިގެން ދުނިޔޭގެ އެތައް ގައުމަކުން ދަނީ އެގައުމު ކުށްވެރިކޮށް, އެމެރިލާއަކީ އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމުގެ ބައިވެރިއެއްކަމަށް ބުނަމުންނެވެ.

އެގޮތުން ރަޝިއާއިން ބުނެފައިވަނީ މިއަދަކީ މެދިއިރުމަށްޗަށް އަނދިރު ދުވަހެއް ކަމުގައެވެ. އަދި ތުރުކީގެ ރައީސް އެރެދޮގާންވަނީ ސުލްހައަށް ގޮވާލާ ގަރާރެއް އެމެރިކާއިން ވީޓޯ ކުރުމުން, އެއީ އިންސާފުގެ ގޮތުގައި ބަލައިގަނެވޭނެ އެއްވެސް ހަމައެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ. އަދި އެރެދޮގާންވަނީ ޔޫއެން ސެކިއުރިޓީ ކައުންސިލް އިސްލާހުކުރުމަށްވެސް ގޮވާލާފައެވެ.

އޭގެ އިތުރުންވެސް ޕާކިސްތާންއާއި ނޯވޭއިންވެސް ވަނީ އެމެރިކާގެ އަމަލު ކުށްވެރިކޮށްފައެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ސެކްރެޓަރީ ޖެނެރަލް އެގްނެސް ކަލަމާޑް ވަނީ އިޒްރޭލުގެ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދިނުމުގެ މަސައްކަތް އެމެރިކާއިން ކުރިއަށް ގެންދާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އދ.ގެ ހިއުމަން ރައިޓްސް ވޮޗްގެ ޑިރެކްޓަރު ވިދާޅުވެފައިވަނީ, އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދީ އެމެރިލާއިން އިސްރާއީލަށް ޑިޕްލޮމެޓިކް ހިމާޔަތް ފޯރުކޮށްދެމުން ދާނަމަ, އިސްރާއީލުން ހިންގާ ގަތުލުއާންމުގައި އެމެރިކާއިން ބައިވެރިވަމުންދާކަމުގައި ބެލެވެން އެބައޮތް ކަމުގައެވެ.

ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރު ދުނިޔޭގެ އެތައް ގައުމުކުން ކުށްވެރި ކޮށްފައިވާއިރު, މިހާތަނަށްވެސް ރާއްޖެއިން އެމެރިކާގެ މިއަމަލު ކުށްވެރި ކޮށްފައެއް ނުވެއެވެ. މި ސަރުކާރު ވެރިކަމަށް އައުމަށްފަހު އިސްރާއިލުގެ އަނިޔާކަމާއި ގުޅޭގޮތުން ރައީސް މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސްވެރިންވެސް ހަނު ތިބޭއިރު, ރައީސް މުއިއްޒު ހުވާކުރެއްވި ރަސްމިއްޔާތުގައި ދެއްވި ޚިޡާބުގައިވެސް އިސްރާއީލު ކުށްވެރިކޮށް އަދި ފަލަސްތީނަށް ރާއްޖޭގެ ތާއީދު އޮތްކަން ހާމަކޮށްފައި ނުވާތީ ރައީސް މުއިއްޒުއަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވެއެވެ.

އޭގެ އިތުރުން ފާއިތުވި ކޮޕް28 ސަމިޓުގައި ވާހަކައްދަވަމުންވެސް ރައީސް މުއިއްޒު އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށްފައެއް ނުވެއެވެ. އަރަބި ގިނަ ވެރިންވަނީ, ކޮޕް28 ސަމިޓުގައި ވާހަކަ ދައްކަވަމުން އިސްރާއީލުން ޢައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ކުށްވެރި ކޮށްފައެވެ.