2010. ވަނަ އަހަރު މުހައްމަދު ނަޝީދު އިންޑިޔާގައި އެދިގެން އެއް ހެލިކޮޕްޓަރާއި އެ ދުއްވާ މީހުން ރާއްޖެ ގެނައީ އެމަޖެންސީ ގައި ފަރުވާދީ، ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ އެހީ ވަގުތުން ފޯރުކޮށްދިނުމުގެ ހެޔޮ ނިޔަތުގައެވެ. 2016 ގައި އިތުރު ހެލިކޮޕްޓަރަކާއި އެ ދުއްވާ މީހުން ރާއްޖެ ގެނައީ ރައީސް ޔާމީނެވެ. އަދި ޑޯނިޔަރ ބޭނުންވެގެން އެއަށް އެތައް ފަހަރަކު މަތިން ބޭރު ޤައުމެއްގައި އާދޭސް ކޮށްގެން ހޯދީވެސް ހަމަ އެންމެ ބޭނުމެއްގައެވެ. ދިވެހިންގެ ފުރާނަ ސަލާމަތް ކޮށް، އެމެޖެންސީ އެހީ ތެރިކަން ދިވެހިންނަށް ފޯރު ކޮށްދިނުމަށެވެ.
ފާއިތުވި 5 އަހަރު ގައި އެކަނިވެސް 500 އެތައް ބަޔަކަށް އެމެޖެންސީގައި އެހީތެރިކަން ސަރުކާރުން ފޯރުކޮށްދިނެވެ. އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެހީވެދިނެވެ. ނަމަވެސް، ދިވެހިންގެ ފުރާނަ ސަލާމަތް ކުރުމަށް، ދިވެހި ސަރުކާރުން އެދިގެން އެކުވެރި ދައުލަތަކުން މި ކޮށްދިން އަގުނުކުރެވޭ މަސައްކަތަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ބަދަލު ކޮށްލީ، ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއްގައި އިންޑިޔާއާއި މެދު ނަފްރަތު އުފައްދައި އެއްވެސް ހައްޤެއް ނެތި އިންޑިޔާ ބޮލުގައި ދޮގު ބަދުނާމު އަޅުވައިގެން ވެރިކަމަށް އައުމަށެވެ.
18 ނޮވެމްބަރ 2023 އަކީ ހާލު ދެރަވެފައިވާ 36 އަހަރުގެ ދިވެހި އަންހެނަކު، ތ. އަތޮޅު ހޮސްޕިޓަލުން ދެވޭނެ އިތުރު ފަރުވާއެއް ނެތިގެން، އެމެޖެންސީގައި މާލެ ގެނައި ދުވަހެވެ. އެކަން ކޮށްދިނީ ޑޯނިޔާ އިން، އިންޑީޔާ ސިފައިންނެވެ. އެއީ ދިވެއްސެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެންމެ ފަހުން ކުރި މިފަދަ ދަތުރެވެ.
އޭގެ ފަހުން އެމެޖެންސީ ހާލަތް ތަކުގައި، ދޭންޖެހޭ ފަރުވާ އަށް ބަލިމީހުން ގެނައުމުގައި، ސަރުކާރުން ވަނީ އަޅާ ނުލާ ދޫކޮށްލާފައެވެ. އެމަޖެންސީގައި ފަރުވާ ދިނުމުގެ ބަދަލުގައި، މަރުވުމަށް ދޫކޮށްލާފައެވެ. ދިޔަވަރަށް މައުލޫމާތު ލިބޭ ގޮތުގައި ކިތަންމެ ބޮޑު އެމަޖެންސީ ހާލަތެއް ކުރިމަތި ވިއަސް، އިންޑިޔާ އިން ދީފައިވާ، ހެލިކޮޕްޓަރާއި، ޑޯނިޔާ ބޭނުން ކޮށްގެން ބަލިމީހުން ނުއުފުލުމަށް މުއިއްޒު ވަނީ އަންގާފައެވެ. މިކަމުގެ ސަބަބުން އެތައް ސަތޭކަ ދިވެހިންގެ ފުރާނަ ގެއްލިގެން އެބަދެއެވެ. ނަމަވެސް އެއީ މުއިއްޒަކަށް މުހިންމު ކަމެއް ނޫނެވެ.
މުހިންމީ، ދޮގާއި މަކަރުން އައި ވެރިކަމެއް އެ ދޮގުމަތީ ދެމެހެއްޓޭތޯ ބެލުމެވެ. އޭގެ އަގަކީ ނިކަމެތި ދިވެހިންގެ ފުރާނައާއި، ލެއެވެ. މިއީ ހައްދުފަހަނަ އެޅި ޤައުމިއްޔަތު އިސްކޮށް އަނިޔާވެރި، ހުދުމުހުތާރުކަމުގައި ރައްޔިތުން ފަނާ ކޮށް ނިކަމެތިކޮށްލުމެވެ. ޤައުމުގެ އިސްތިޤްލާލޭ ކިޔާ ހެދި ދޮގުތަކުގެ އަގު ދައްކަން މިޖެހުނީ ދިވެހިންގެ ފުރާނައިންނެވެ.