ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ސްޓޭޓް ވިޒިޓާއި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައްޗަށް ބަލާލައި ރާއްޖެއަށް ކާމިޔާބު ދަތުރެއް ކުރެއްވީ ކޮންބޭފުޅެއްތޯ ބަލާލުމަކީ ރައްޔިތުންނަށް މިވެރިކަން މިސްރާބު ޖަހާފައިވާ ދިމާ ސާފުކޮށް ފެނިގެންދާނެ ކަމެކެވެ.
ރައީސް ސޯލިހް ކުރެއްވީ، ސްޓޭޓް ވިޒިޓެކެވެ. ވަޑައިގަތީ ރަސްމީ ދައުވަތަކަށެވެ. ސްޓޭޓް ވިޒިޓާއި ރަސްމީ ދަތުރުތަކާއި ތަފާތުތަކެއް ހުރެއެވެ. މެހެމާންދާރީ އަދާ ކުރާ މިންވަރުން ފެށިގެން، ކަންތައްތައް ހާސިލް ކުރެވޭ މިންވަރު ތަފާތުވެގެން ދެއެވެ.
ރައީސް ސޯލިހް އަށް މަރުހަބާ ދެންނެވުމާއި މެހެމާންދާރީ އަދާ ކުރެއްވުން
މެހުމާން ދާރީ އަދާ ކުރުމުގައި ސްޓޭޓް ވިޒިޓެއްގައި ގައުމެއްގެ ވެރިއަކަށް ދޭނެ ހުރިހާ ޝަރަފެއް ރައީސް ސޯލިހަށް އިންޑިޔާ ސަރުކާރުން އެރުވިއެވެ. މިގޮތުން މެހެމާންދާރީ އަދާކުރުމުގެ ގޮތުން އިންޑިޔާއިން ކޮށްދެއްވި ބައެއް ކަންކަން ހިމަނާލާނަމެވެ.
- މި ގޮތުން ރާޝްތުރަޕަތީ ބަވަންގައި ރައީސް ސޯލިހަށް މަރުހަބާ ދެންނެވީ ސެރެމޯނިއަލް ގާޑް އޮފް އޮނާއަކާއި 21 ބަޑީގެ ސަލާމަކުންނެވެ.
- ރާޝްތުރަޕަތީ ބަވަންގައި ރައީސް ސޯލިހުގެ ޝަރަފުގައި ބޮޑު ރަސްމީ ޖާފަތެއް ދެއްވީ ރައީސް ރާމް ނާތު ކޯވިންދެވެ.
- އިންޑިއާގެ ސަގާފީ ނެށުމާއި ފަރިހަރަކާތްތައް ރައީސް ސޯލިހުގެ ޝަރަފުގައި ބޭއްވިއެވެ.
- ރައީސް ސޯލިހް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާއި އިންޑިއާގެ އެހެން އިއްޒަތްތެރިންނާ އެކު މުހިންމު ބައްދަލުވުންތަކެއް ބާއްވައިފަ އެވެ.
- ރައީސް ސޯލިހާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުންނަށް އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގައި ލަގްޒަރީ އެކޮމޮޑޭޝަންތަކެއް ވަނީ ހަމަޖައްސައިދީފަ އެވެ.
- ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ވަނީ ހާއްސަ މަތިންދާ ބޯޓަކާއި ސަލާމަތީ އިންތިޒާމުތައް ހަމަޖައްސަވައި، ފުރިހަމަ ޝަރަފު އަރުވާފަ އެވެ.
- ރައީސް ސޯލިހަށް ހަނދާނީ ފިލައެއް ރައީސް ކޯވިންދު އެރުވިއެވެ.
- ދެ ޤައުމުން ގުޅިފައިވާ ބަޔާނެއް (ޖޮއިންޓް ސްޓޭޓްމެންޓެއް) ދެއްވިއެވެ.
ރައީސް މުއިއްޒު އަށް މަރުހަބާ ދެންނެވުމާއި މެހެމާންދާރީ އަދާ ކުރެއްވުން
ރައީސް މުއިއްޒަށް އަށް މަރުހަބާ ދެންނެވުމާއި މެހެމާންދާރީ އަދާ ކުރެއްވުމަށް ތުރުކީއިން މާ ބޮޑު މަސައްކަތެއް ނުކުރެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ތުރުކީ ދަތުރަކީ، ސައުދީ ދަތުރު ކެންސަލް ވުމުން، މުއިއްޒު އެދިގެން ލަދުވެތިކަމުން ސަލާމަތް ވާން ބޭއްވި ދަތުރެކެވެ.
- މުއިއްޒު އަށް މަރުހަބާ ދެންނެވުމަށް ވަޑައިގަތީ ފެތިޔޭ އަދި ބެޝްކާޒަށް ކަނޑައަޅާފައި ހުންނެވި ސިވިލް އެޑްމިނިސްޓްރޭޓިވް އޮފިސަރެކެވެ.
- ތުރުކީގެ ރައީސް އުރުދުގާންއާ ބައްދަލު ކުރެއްވިއެވެ.
- ބައެއް ވަޒީރުންނާއި ބައްދަލު ކުރެއްވުން ހަމަޖެހުނެވެ.
- ތުރުކީގެ މިލިޓަރީ އެއަރކްރާފްޓް ތައް ބަލާލުން ވަޑައިގެންނެވިއެވެ. (މިކަން ވަނީ ރާއްޖޭގެ މީޑިޔާތަކަށް ސިއްރު ކޮށްފައެވެ.)
މީގެ އިތުރުން، މުއިއްޒުގެ ޝަރަފުގައި، ތުރުކީ ސަރުކާރުން އެއްވެސް ކަމެއްް ކޮށްދީފައިވާ ކަމަކަށް ރައީސް އޮފީހުން ލިބެންހުރި މައުލޫމާތުތަކުން އެނގޭކަން ނެތެވެ. ކުޑަމިނުން ޖޮއިންޓް ސްޓޭޓްމެންޓެއްވެސް ނުދެއްވައެވެ.
ރައީސް ސޯލިހް އިންޑިޔާ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގަތީ
- މާލީ އެހީގެ ގޮތުގައި 1.4 ބިލިއަން ޔޫސް ޑޮލަރު ހަމަޖައްސައިގެންނެވެ.
- ބަޖެޓް އެހީގެ ގޮތުގައި 50 މިލިއަން ޔޫސް ޑޮލަރު ހަމަޖައްސައިގެންނެވެ.
- އިންޑިޔާ ސަރުކާރުން އަނބުރާ ސްޓޭޓް ބޭންކް އޮފް އިންޑިޔާ އަށް ދައްކާ ގޮތަށް ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ހޯދައިގެންނެވެ.
- 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޯޕް އެއްބަސް ވުމެއްގައި ސޮއެކުރެއްވައިގެންނެވެ.
- 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެއް ރާއްޖެއަށް ހޯދައި ދެއްވައިގެންނެވެ. އެއީ ރައިސް ސޯލިހްގެ އުމްރާނީ ތަރައްގީގެ 08 މަޝްރޫއެއްގެ ވައުދަށް ވާ ފައިސާއެވެ. (އޭގެތެރޭގައި އޭރު ހިންގަމުންދިޔަ 05 މަޝްރޫޢު - 34 ރަށެއްގެ ފެނާއި ނަރުދަމާ، އައްޑޫ ތަރައްޤީ - މަގުތަކާއި ބިން ހިއްކުމާއި، ހަނިމަދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ރީޑިވެލޮޕްމަންޓް، މިފްކޯގެ ވަސީލަތްތައް ފުޅާކުރުން، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ރީޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ވާ ފައިސާވެސް އޭގެ ތެރޭގައި ހިމެނުނެވެ.)
- އަދި ކުރިއަށް އޮތް ފަސް އަހަރަށް 1000 ތަމްރީން ޕްރޮގްރާމް އެކި ދާއިރާތަކުން ރާއްޖެއަށް ހަމަޖައްސައިދީގެންނެވެ.
- "ބައިލެޓަރަލް އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމަންޓްސް" ގައި ސޮއިކުރައްވައި، ދިވެހިންނަށް އެ އެއްބަސްވުމުގެ ދަށުން، އިންޑިޔާއަށް ފަތުރުވެރިކަށާއި ބޭސް ފަރުވާއަށާއި އަދި ވިޔަފާރީގެ ބޭނުމަށް 90 ދުވަހުގެ މުއްދަތަށް ދަތުރު ކުރުމަށް، ވިސާ ނަގަން ނުޖެހޭ ގޮތް ހަމަޖައްސައި ދެއްވިއެވެ.
- ފުލުހުންނާއި، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް އެކި ދާއިރާއިން އެއްބާރުލުން ދިނުން ހަމަޖެހިގެން ދިޔައެވެ.
- އިންޑިއާ ސަރުކާރުން ވަނީ ދިވެހި ދަރިވަރުންނަށް ހާއްސަ ސްކޮލަޝިޕް ޕްރޮގްރާމެއް ވެސް އިއުލާނުކޮށްފަ އެވެ.
ރައީސް މުއިއްޒު ތުރުކީ ދަތުރުފުޅަށް ފަހު އެނބުރި ވަޑައިގަތީ
- 20 ސްކޯލަރޝިޕް (8 މިލިއަން ހަރަދު ކުރައްވައިގެން ދަތުރެއް ވަޑައިނުގަނެ، ރައީސް ފޯނު ކޯލެއް ކޮށްލުމުންވެސް މިއީ ހަމަ ޖެހޭނޭ ވަރުގެ ކަމެކެވެ.)
- ވިޔަފާރި އެއްބަސް ވުމެއްގައި ސޮއެ ކުރެއްވުން! ސޮއެ ކުރެއްވީ އާންމު ވިޔަފާރި އެއްބަސް ވުމެއްގައި ކަމުން އެއިން ގައުމަށް ލިބޭން އެއްވެސް ފައިދާއެއް ނެތެވެ. (ސޮއެ ކުރަން ހުރި ހުރާ އެއްބަސްވުމެއްގައި 2022 ވަނަ އަހަރު ތުރުކީގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެން ވަނީ ސޮއެ ކުރައްވާފައެވެ،)
- ދެން ވިދާޅުވީ ޔޫރަޕުން މަހަށް ނަގާ ޑިޔުޓީ ކަނޑާލާނެ ކަމަށް ތުރުކީ އިން ބުނި ވާހަކައެކެވެ. ނަމަވެސް، ޔޫރަޕިއަން ޔޫނިއަން އިން ނަގާ ޑިޔުޓީއަކަށް ތުރުކީއަކަށް ކޮށްދެވޭނެ ހަމަ އެއްވެސް ކަމެއް ނޯވެއެވެ. އަދި ރާއްޖެއިން، ތުރުކީއަށް 1 ޕަސެންޓަށް ވާވަރަށް ވެސް މަސް ނުފޮނުވައެވެ.
8 މިލިއަން ރުފިޔާ ޚަރަދު ކުރައްވާ ދަތުރެއް ނިންމާލުމަށްފަހު، ވަޑައިގެންނެވި އިރު ރާއްޖޭގެ ބަޖަޓަށް ބޭނުންވާ އެހީއެއް، ލޯނެއް ނުވަތަ މަޝްރޫއެއް ހިންގުމަށް ބޭނުންވާ އެއްމެ ފައިސާ ފޮއްޗެއްވެސް މުއިއްޒަށް ނުލިބުމަކީ ލަދު ގަންނަން ޖެހޭ ކަމެކެވެ.
ތުރުކީ އަށް ވަޑައިގެން ރަސްމީ ދަތުރުފުޅެއްގައި ކުރައްވާނެ އިތުރުކަމެއް ނެތިގެން، މުއިއްޒާއި އަނބިކަބަލުން ވަނީ ތުރުކީގެ ފިލްމު ކުޅޭ ބަޔަކާއި ބައްދަލުކޮށް އެކީ ފޮޓޯ ނަގާފައެވެ. މިއީ އިތުރަށް ރާއްޖޭގެ އަގު ބޭރު ދުނިޔޭގައި ގެއްލިގެން ދިޔަ ކަމެކެވެ. އިންޑިޔާގައިވެސް މަޝްހޫރު ފިލްމު ކުޅޭ ފަރާތްތައް އުޅެއެވެ. ނަމަވެސް އެއީ ރަސްމީ ދަތުރު ތަކުގައި ވެރިއަކު އުޅުއްވަން ވާނެ ގޮތެއް ނޫނެވެ.
ސައުދީއާއި ތުރުކީއަކީ ޚާރިޖީ ގުޅުން އެންމެ ރަނގަޅު ދެގައުމަށް ނުވާއިރު، ސައުދީގެ ދަތުރު ކެންސަލް ވުމުން، ތުރުކީއަށް ވަޑައިގަތުމަކީވެސް ހެއްދެވި ޚާރިޖީ ބޮޑު ގޯހެކެވެ. ދެ ދަތުރަށް ބަލާލާއިރު، ފެނިގެން ދަނީ އުންމީދެއް ނެތް ވެރިކަމެއްގެ ފެށުމެވެ. ޚާރިޖީ ސިޔާސަތުގައި ބާރެއް ނެތް މިންވަރެވެ. ޤައުމުތަކުން ދިވެހިން ދޫކޮށްލި މަންޒަރެވެ. އެހެންކަމުން ކާމިޔާބު ދަތުރެއް ކުރެއްވީ ރައީސް ސޯލިހް ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.