އެމަނިކުފާނާއި އެމަނިކުފާނުގެ ނައިބު ހުސެއިން މުހައްމަދު ލަތީފުވެސް ފަސްޓު ކުލާހުގައި ދަތުރު ނުކުރައްވާނެކަމަށް ރައީސް މުހައްމަދު މުއިއްޒު ވައުދުވެ ވަޑައިގެންފައި ވަނިކޮށް, ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ފަސްޓު ކުލާހުގަ ޖެނީވާއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް ރޭ ޖެނީވާއަށް ވަޑައިގެންނެވީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
"ދިޔަވަރު އޮންލައިން" އަށް ކަށަވަރު ވެފައިވާ ގޮތުގައި ނާއިބު ރައީސް ޖެނީވާއަށް ވަޑައިގެންނެވީ އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުރާހުގަ, ދައުލަތުގެ ޚަރަދުގައެވެ. އެމިރޭޓްސްގެ ފަސްޓު ކުލާހަކީ ދުނިޔޭގެ އެއަރަލއިންތަކުގެ ތެރެއިން އެންމެ އަގުބޮޑު ކުލާސްކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގެ ޓިކެޓް އާންމު ގޮތެއްގައި އަގު އުޅެނީ 12 ހާސް އެމެރިކާ ޑޮލަރަށްވުރެ މަތީގައެވެ.
"ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11-12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ތުރުކީއަށާއި އެމިރޭޓްސްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން މިމަހުގެ 3 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނާއި ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ދައުލަތުގެ ފައިސާއިން ޚަރަދުކުރެއްވުން ނޫންކަމަށެވެ. ނަމަވެސް އެމަނިކުފާނާ ނާއިބު ރައީސްގެ ދަތުރުފުޅުތަކުގެ މަޤުޞަދަކީ ރައްޔިތުންނަށް ރަނގަޅު ނަފާވަނިވި ކަންތައްތަކެއް ހާސިލުކުރުން ކަމުގައި ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ފަސްޓު ކުލާހުގައި ދަތުރުކުރާކަށް. ބިޒްނަސް ކުލާހަށްވުރެ މައްޗަށް ދާކަށް ބޭނުމެއް ނޫން. ނައިބުރައީސްވެސް ބޭނުމެއް ނޫން.،" ރައީސް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނާއިބު ރައީސް އެނބުރި ޜާއްޖެ ވަޑައިގަންނަވާނީވެސް އެމިރޭޓްސް އެއަރލައިންގެ ފަސްޓު ކުލާހުގައެވެ.