ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް, މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްއިން ކޮމިޝަނަށް ދީފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ. ޕޯޓަލްގެ އެކްސެސް ހޯދީ އެއްވެސް ވަރަކަށް ކަމުގެ ހަޤީގަތް ނުބަލައި އެތައް ބަދުނާމު ތަކެއް، ހައުސިންގ މިނިސްޓްރީގައި ކުރިން ތިއްބެވި ފަރާތްތަކުގެ ބޮލުގައި އަޅުވާފައެވެ. މިފަދައިން އަސްލެއް ނެތް ވާހަކަތައް އޭސީސީއިން ދައްކައި އެތައް ބަޔެއްގެ ހައްޤަށް މުއިއްޒާއި ގުޅިގެން އަރައިގަތުމަށް މަސައްކަތް ކުރުމުން އެ ކޮމިޝަނަށް އާންމުންގެ ފާޑުކިޔުން ވަނީ އިތުރުވެފައެވެ.
އެކްސެސް ދިނުމާއެކު، މި މައްސަލައިގެ ތަޙުޤީގުގައި އިތުރަށް ބަލައި ފުރިހަމަކުރުމަށް ކުރަންޖެހޭ ކަންކަން ފެށިގެން ކުރިއަށްދާކަމަށް ވެސް އޭސީސީން މައުލޫމާތުދެއެވެ.
މީގެ އިތުރުން މައްސަލައިގެ ތަޙުޤީގު ކުރިއަށްދާ މިންވަރަކުން ތަހުޤީގަށް ހުރަސްނޭޅޭގޮތަށް މި މައްސަލައާ ގުޅޭ މަޢުލޫމާތު ކޮމިޝަނުން މީޑިއާއަށް ޙިއްސާކުރަމުން ގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.
މި ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ 4000 ފްލެޓު ލިބޭ ލިސްޓަށް ބަދަލު ގެންނަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް އޭސީސީން ދޭ ލަފާގެ ދަށުން ރީ އިވެލުއޭޓް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް މިހާރުގެ ހައުސިންގ މިނިސްޓްރީން ބުނެއެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި ފްލެޓުތަކާ ގުޅިގެން 325 ރައްޔިތުންގެ 7000 އަށްވުރެ ގިނަ ޝަކުވާ ވަނީ އެ ކޮމިޝަނަށް ލިބިފައެވެ. އެހެންވެ ކޮމިޝަނުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އެ ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރަން ނިންމީ ކަމަށް ވަނީ ބުނެފައެވެ. މިހާރު ފެލްޓު ހަވާލުކުރުމުގެ ކަންކަން މަޑުޖައްސާލާފައިވާއިރު އެ މައްސަލަ ދިގުދެމިގެންދާތީ ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.