ރާއްޖޭގައި ޒަކާތާ ގުޅޭ އެންމެހާ ކަންތައްްތައް ކުރިއަށް ގެންދަން "ޒަކާތު ހައުސް"ގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ސަރުކާރުން މިއަދު ނިންމައިފި އެވެ.
ޒަކާތުގެ ހައުސްގެ ނަމުގައި ވަކި އިދާރާއެއް އުފައްދަން ނިންމީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގަ އެވެ. މިއަދުގެ ކެބިނެޓް މީޓިންގައި ނިންމި ނިންމުންތަކުގެ މައުލޫމާތު ދޭން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ވިދާޅުވީ ވަކި އިދާރާއެއްގެ ގޮތުގައި ޒަކާތު ހައުސް އުފެއްދުމުގެ އެއް ބޭނުމަކީ ޒަކާތުގެ ގޮތުގައި އެކި މީހުން ދައްކާ ފައިސާ މިހާރަށް ވުރެ އިތުރުކުރުން ކަމަށެވެ.
ޒަކާތު ހައުސެއް ހަދަން ކަމަށް ބުނެ ޒަކާތު ފައިސާގެ %12 އާއި، %15 އާއި ދެމެދުގެ އަދަދެއް އެކި ޚަރަދު ތަކަށް ޝަހީމަށް ނެގޭނެއެވެ. މި ކަމުގެ ސަބަބުން ޒަކާތު ފައިސާ ޝަހީމުގެ ބާރުދަށުން، ނާޖާއިޒު ގޮތުގައި ބޭނުންކުރަން ފުރުޞަތު ލިބުމުގެ އިތުރަށް، ޒަކާތް ހައްޤުވެގެންވާ ފަރާތްތަކަށް ލިބޭ %15 ފައިސާ މަދުވެގެން ދާނެއެވެ. މިހާތަނަށް ޒަކާތުގެ ބެހުމުގެ އިންތިޒާމު ހަމަޖައްސަން، ކުރަންޖެހޭ ހަރަދެއް ކުރަމުންދަނީ ދައުލަތުންނެވެ. އެއީ އެކަމުގައި އެންމެ އިސްރާފު ކުޑަ ރަނގަޅު ގޮތެވެ.
ރައީސް ވަހީދުގެ ސަރުކާރުގައި، އޭރު އިސްލާމިކް މިނިސްޓަރގެ ގޮތުގައި ހުންނަވައި، ޝަހީމުގެ މަސްލަހަތަށް ޒަކާތުގެ ފައިސާ ބަހާފައިވާ ލިސްޓެއް ލީކްވިއެވެ. ޝަހީމު ބަހާފައިވާ ފައިސާ ތެރޭގައި، ޝަހީމުގެ ގާތްކަން އޮންނަ ކްލަބް ޖަމިއްޔާތަކަށް ފައިސާ ދޫކޮށްފައިވެއެވެ. މީގެ އިތުރުން ޝަހީމު އާއި ގާތް ފަރާތްތަކަށް ލައްކައިން ޒަކާތު ފައިސާ ދީފައިވާކަން އޭރު ހާމަ ވިއެވެ. އޭގެ ތެރެއިން %35 މީހުންނަކީ ޝަހީމުގެ އުފަން ރަށް ކަމުގައިވާ ގއ. މާމެންދޫ މީހުންނާއި އާއިލީ މީހުންނެވެ.