ޚަބަރު

ފައިސާ ނެތްކަމަށް ބުނުމަށްފަހު، ތުރުކީގައި އާ އެމްބަސީއެއް ހުޅުވައި، އެތައް ބަޔަކަށް ސިޔާސީ މަޤާމު ދިނުމަށް މުއިއްޒު ނިންމައިފި

ދިޔަވަރު
ފައިސާ ނެތްކަމަށް ބުނުމަށްފަހު، ތުރުކީގައި އާ އެމްބަސީއެއް ހުޅުވައި، އެތައް ބަޔަކަށް ސިޔާސީ މަޤާމު ދިނުމަށް މުއިއްޒު ނިންމައިފި

ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާފުޅާއެކު މިއަދު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ތުރުކީއަކީ ރާއްޖެއަށް އާންމުކޮށް މުދާ އެތެރެކުރާ ޤައުމެއް ނޫނެވެ. އަދި ތުރުކީ މީހުންނަކީ އެ މީހުންގެ އަމިއްލަ ބަހުން ވާހަކަ ދައްކާ މީހުން ގިނަ ތަނެއް ކަމުން، ވިޔަފާރީގެ ގުޅުންތައް ބާއްވަން އުނދަގޫ ޤައުމެކެވެ. ތުރުކީ ވަނީ މިހާރު އިޤްތިޞާދީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. އެހެން ކަމުން ތުރުކީއިން ރާއްޖެއަށް އިންވެސްޓްމެންޓް ކުރިއަށް އޮތް ފަސްއަހަރު ގެނައުމަކީ ނާދިރު ކަމެކެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ދިވެހި ގިނަބަޔަކު ތުރުކީގައި ތައުލީމު ހާސިލުކުރާ ކަމަށް ބުނެފައިވާއިރު، އެތާގައި ތައުލީމު ހާސިލު ކުރަމުން ދަނީ 12 ވަރަކަށް ދިވެހިންނެވެ.

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1979 މޭ 28 ގައެވެ.