ތުރުކީގެ މިލިޓަރީ އެއަރކްރާފްޓް ތައް ހުރި މިލިޓަރީ މަރުކަޒުތަކަށް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ވަޑައިގެންނެވިއެވެ. މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ރައީސް އޮފީހުން ގެނެސް ދީފައި ނުވާއިރު، ރައްޔިތުންނާއި ބައްދަލުކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް މިލިޓަރީ އެއަރކްރާފްޓްތައް ބެލުމާއި، މިލިޓަރީ މަރުކަޒު ތަކަށް މުއިއްޒު ޒިޔާރަތްކުރި ވާހަކަ ހާމަ ހާމަކޮށްފައެއް ނުވެއެވެ.
މިކަން ރައީސް އޮފީހުން ސިއްރު ކޮށްފައިވާއިރު، ދިޔަވަރު ނޫހަށް ވަނީ މިކަމާއި ގުޅުން ހުރި ބައެއް ފޮޓޯތައް ލިބިފައެވެ.

މިލިޓަރީ މަރުކަޒުތަކުގައި ހުރި، މިލިޓަރީ އެއަރކްރާފްޓް ތައް ބަލާލުމަށްފަހު، މިލިޓަރީ އެއަރކްރާފްޓަކާއި އެކު ފޮޓޯއަކަށް ހުއްޓިގެން
ރައީސް އޮފީހުން މުއިއްޒު އެކި ފަރާތްތަކާއި ބައްދަލު ކުރެއްވި ފޮޓޯއާއި ވީޑިޔޯ މީޑިޔާއަށް ހާމަ ކޮށްފައި ވާއިރު، އެއްވެސް ވަރަކަށް މިލިޓަރީ ފަރާތްތަކާއި އެކު ދެއްކި ވާހަކަތައް ހާމަ ކޮށްފައި ނުވުމަކީ ކަންބޮޑުވުން އޮތް ކަމެކެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ތިމަންނާ ފޮރުވާނެ ކަމެއް ނޯންނާނެ ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތް ކުރުމުގެ ވާހަކަ ހަރު އަޑުން ދައްކައި، އެ ވާހަކަ ތަކާއި ގުޅުވައިގެން ވެރިކަމަށް އައި ބަޔަކު، ބޭރު ޤައުމެއްގެ މިލިޓަރީ މަރުކަޒުތަކަށް ޒިޔާރަތްކޮށް، މިލިޓަރީ ޔުނީފޯމުގައި ތިބި ބަޔަކާއި ބައްދަލުކޮށް ދެއްކި ވާހަކަ ސިއްރު ކުރުމަކީ، ޤައުމުގެ ސަލާމަތާއި މެދު ސުވާލު އުފެދޭ ފަދަ އަމަލެކެވެ. މިފަދަ ކަންކަމުގައި ހާމަކަން ބޮޑު ކޮށް ކަންކަން ކުރުމަކީ ދިވެހި ޤައުމަށް އެންމެ ފައިދާ ހުރި ގޮތެވެ.

ތުރުކީގައި، މިލިޓަރީ ޔުނީފޯމުގައި ހުރި މިލިޓަރީ އިސްފަރާތަކާއި މުއިއްޒު ބައްދަލު ކުރައްވަނީ
އެހެންކަމުން، މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވުނު ކަންކަން ރައްޔިތުންނަށް ހާމަ ކުރުމަށް ޤައުމުގެ މިނިވަން ކަމާއި ސިޔާސަތަށްޓަކައި ގޮވާލަމެވެ.