ޚަބަރު

ބޭއިންސާފުން ސާޖިދާއަށް މަޤާމު ހަމަޖައްސައި ކޮންޓްރެކްޓް ހަދައިފި! މިއީ މި މަގާމު ހައްޤުވާ އެހެން ދިވެއްސަކަށް ގެއްލޭ ފުރުޞަތެއް!

ދިޔަވަރު
ބޭއިންސާފުން ސާޖިދާއަށް މަޤާމު ހަމަޖައްސައި ކޮންޓްރެކްޓް ހަދައިފި! މިއީ މި މަގާމު ހައްޤުވާ އެހެން ދިވެއްސަކަށް ގެއްލޭ ފުރުޞަތެއް!

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއެކު ކޮންޓްރެކްޓް ހެދީ ފަންނީ ލަފާ ހޯދުމަށް ކަމަށާއި އެއީ ގަޑިއިރަކަށް 75ރ. ގެ ރޭޓުން ކަމަށް ކޮމިޝަނުން ބުނެފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ސީނިއާ ސައިންޓިފިކް އޮފިސަރުގެ ވަޒީފާގައި ދެމިހުންނެވުމަށް ފަސްޓް ލޭޑީ ސާޖިދާ ބޭނުންވެވަޑައިގަންނަވާތީ އެ ފުރުސަތު ދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާއްސަ އުސޫލެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ, އެ ކޮމިޝަންގެ މެމްބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މިއަދު ހާޒިރުކުރި އެވެ.

ސާޖިދާގެ ފިރިކަލުން ޑރ. މުހައްމަދު މުއިއްޒު، ރައީސްކަމާ ހަވާލުވެވަޑައިގަތުމާއެކު ފަސްޓް ލޭޑީގެ ޒިންމާތަކާއެކު ސިވިލް ސާވިސްގެ ވަޒީފާ އަދާކުރަން ބޭނުންވާ ކަމަށް ސާޖިދާ ހެލްތު މިނިސްޓްރީއަށް ރިކުއެސްޓް ކުރިކަމަށް ސީއެސްސީގެ މެމްބަރުން ކޮމީޓީގައި ބުންޏެވެ. އެ ކަމަށް އެދި ސީއެސްސީއަށް ހުށަހެޅީ ހެލްތު މިނިސްޓްރީން ކަމަށް ސީއެސްސީގެ މެމްބަރުން ކޮމެޓީގައި ބުނެފައިވެ އެވެ.

ސާޖިދާ އަކީ ގިނަ ދުވަހު މަސައްކަތްކޮށް، ދާއިރާގެ ތަޖުރިބާ ހުރުމާއެކު ސާޖިދާގެ އެހީތެރިކަމާއި ފަންނީ ލަފާ ހެލްތު މިނިސްޓްރީން ވެސް ބޭނުންވާ ކަމަށް މިނިސްޓްރީން ސީއެސްސީއަށް ފޮނުވި ސިޓީގައި ބުނެފައިވާ ކަމަށް ކޮމިޝަންގެ މެމްބަރުން ވިދާޅުވި އެވެ.

އެހެންނަމަވެސް, ސާޖިދާއަށް ހާއްސަކޮށް، ވަކި އުސޫލެއް ތައާރަފް ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ކޮމިޓީގައި މެމްބަރުން ދޮގުކުރެއްވި އެވެ.

ސީއެސްސީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވީ ގާނޫނުގައި އޮތް ގޮތުން ސީއެސްސީގެ ވަޒީފާއިން ވަކިވަނީ ރައީސަކު އައްޔަން ކުރާ ފަރާތްތައް އެކަނި ކަމަށާއި އޭގައި ފަސްޓް ލޭޑީ ނުހިމެނޭ ކަމަށެވެ. އެހެންކަމުން، ވަޒީފާއިން ފަސްޓް ލޭޑީ ވަކިވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން އެ ފުރުސަތު ސާޖިދާއަށް ފަހިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ރައީސްގެ އަނބިކަނބަލުންނަށް ވީތީ ވަޒީފާއިން ވަކިވާނެ ކަމަށް ގާނޫނަކު ނެތް، އިތުރު ގޮތެއް ނިންމޭނީ ގާނޫނަށް ބަދަލު ގެނެސްގެން، ފަސްޓް ލޭޑީއަށް ވީތީ ވަކިން "ހާއްސަ އުސޫލެއް" ނުވަތަ އިތުރު އުސޫލެއް ހަދާފައި ނެތް، މީ މިހާރު ވެސް ގެޒެޓުގައި އާންމު ކުރެވިގެން މިހާރު ވެސް ހިނގަމުންދާ ކަންކަން،" ސީއެސްސީގެ ނައިބު ރައީސް ވިދާޅުވި އެވެ.

ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވައި ވަޒީފާ އަދާ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާއިރު، މަޤާމުގައި ހުންނެވުމަކީ އެންމެ އެދެވޭ ގޮތަކަށް ނުވާއިރުވެސް، ސާޖީދާ ބޭނުންފުޅު ވަނީ މަޤާމުގައި ދެމިހުރުމަށެވެ. މަޤާމުގައި ކޮންމެ ފަދަ ގޯހެއް ސާޖިދާ ހެއްދެވިއަސް އޭނާގެ މަތިން ހުންނަ ފަރާތަކަށް އެއްވެސް ވަރަކަށް އެއްވެސް މިންވަރަކަށް އޭނާއާއި މެދު އުސޫލުގެ ތެރެއިން އަޅަން އޮންނަ ފިޔަވަޅެއް ވެސް ނޭޅޭނެއެވެ.

މިކަމަކީ އޭގައި އަމިއްލަ މަސްލަހަތު ހިމެނޭ ކަމަށްވެފައި، އަދި މަސްލަހަތު ފުށުއަރާ ކަމަކަށްވެ، ސަރުކާރު މުއައްސަސާގައި އޮންނަ ހައިރާކީ ގެއްލިގެން ދާ ކަމަކަށް ވާއިރު، ސިވިލް ސާވިސް އިން މިކަން ކޮށްފައިވަނީ މަޖުބޫރު ހާލަތެއްގައި ބެލެވެއެވެ.

"ގަވާއިދަކުން ތަން ނުދޭ ދާއިމީ ވަޒީފާއަކުން ލުއި ދޭކަށް އެހެންނަމަވެސް، ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރުމަށް ތަން ދޭ، އަދި ފަސް އަހަރު ދުވަހަށް ނޯ ޕޭ އަށް ދިޔުމަށް ވެސް ގާނޫނުން ތަނެއް ނުދޭ، އެންމެ ގިނަވެގެން ދެވެނީ ހަތަރު އަހަރަށް، އެހެންވީމަ ސީއެސްސީގެ ގަވާއިދުގެ ދަށުން ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބޭނުންވާ ކަންކަން ވޭޖް އެމްޕްލޯއީމަންޓްގެ ދަށުން ސާޖިދާއަށް ކޮށްދެވޭނެ،" ނާސިހު ވިދާޅުވި އެވެ.

މިއިން އެނގިގެން ދަނީ ގަވާއިދުގެ ތެރެއިން މަގާމު ދެމެހެއްޓޭނެ އިތުރު ގޮތެއް ނެތުމުން، މަޤާމުގެ ދިފާޢުގައި ސާޖިދާ އަށް ހާއްސަ ކޮށް މިކަން މިގޮތަށް ކޮށްދިނުމަށް ސިވިލް ސާވިސްއިން އަމަލު ކޮށްފައި އޮތްކަމެވެ.

ފަސްޓް ލޭޑީއަށް އިނާޔަތުގެ ގޮތުގައި ރައީސްގެ މުސާރައިގެ ތިން ބައިކުޅަ އެއް ބައި ލިބޭނެ އެވެ. އެހެންކަމުން ސާޖިދާއަށް 33،330ރ. ގެ އެލަވަންސެއް ލިބޭނެ އެވެ.

ސާޖިދާ ވަނީ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒުގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވާފަ އެވެ. އޭނާ ކެމްޕެއިންގައި ހަރަކާތްތެރިވީ ނޯ ޕޭ ލީވް ނަންގަވައިގެންނެވެ.