ޚަބަރު

ސަރުކާރުގެ އިސް ވެރިންނަށް ފިޔާ ލިބޭނެ! ހާލުގައި ޖެހޭނީ އާންމުން!

ދިޔަވަރު
ސަރުކާރުގެ އިސް ވެރިންނަށް ފިޔާ ލިބޭނެ! ހާލުގައި ޖެހޭނީ އާންމުން!

ރާއްޖެއިން ފިޔާ ލިބުން ދަތިވެ، މާކެޓުގައި އަގުތައް އުފުލުމުން ރާއްޖޭގައި ފިޔާ ހުރިކަމަށް ބުނެ މިނިސްޓްރީއިން ވަނީ ދޮގު ހަދާފައެވެ. ސޯޝަލް މީޑިޔާގައި މުއިއްޒުގެ އެކްޓިވިސްޓުން ތެރޭ ހިމެނޭ އަޒާން ފަދަ ފަރާތްތަކުން ވަނީ ފިޔާ ހައްދަނީ އިންޑިޔާގައި އެކަނިހޭ؟ އަހައި ރައްޔިތުންނަށް އެ މަލާމާތް ރައްދުވާހެން ވާހަކަ ދައްކާފައެވެ.

ސަރުކާރުން ކުޑަމިނުން މާކެޓުގައި ފިޔާ ލިބުމުގެ ދަތިކަން ހުރި ކަމަށް ޤަބޫލެއްވެސް ނުކުރިއެވެ. ރާއްޖެއަށް ގެންނަ ގިނަ ކާބޯތަކެތި ގެންނަނީ އިންޑިޔާއިންނެވެ. ދުނިޔޭގައި ކާބޯތަކެތި ދުވަހަކުވެސް ބޮޑު ނުވާވަރަށް ބޮޑުވެފައިވާއިރު، އިންޑިޔާއިން ރާއްޖެއަށް ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދެވޭތީ، ރާއްޖޭގައި ތަރުކާރީ އާއި މޭވާ ބޭރުގެ ގިނަ ޤައުމުތަކަށް ވުރެ އަގުހެޔޮއެވެ.

ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން ރައްޔިތުންނާއި މެދު އެއްވެސް ކަންބޮޑުވުމެއް ނެތްކަން ވަރަށް ސާފުކޮށް އެނގެއެވެ.

އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލުމުން، ޕާކިސްތާނުންވެސް ވަނީ ފިޔާގެ އަގު ބޮޑު ކޮށްފައެވެ. އެހެން ކަމުން މިހާރު ފިޔާ ބަސްތާއެއް ރާއްޖޭގައި ހުރީ 800ރ އަށެވެ. ވަކި ވަކިން އާންމުންނަށް ފިޔާ ލިބެނީ އެއަށްވުރެވެސް ބޮޑުކޮށެވެ.

އިންޑިޔާއާއި މެދު ދޮގު ވާހަކަ ދައްކައިގެން ދެ ޤައުމުގެ ގުޅުމަށް ބުރު އަރާނޭހެން ހައްދުފަހަނައެޅި ޤައުމިއްޔަތުގެ ކެމްޕެއިނެއްގައި ވެރިކަމަށް އައިސް، ހެދި ދޮގުތަކުން ސަލާމަތް ނުވެވިގެން މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮންމެ ގޮތެއްވިޔަސް ވެރިން ތިބޭނީ ކައިގެންނެވެ. ފިޔާ ކޮޅުވެސް ނުލިބޭނީ އާންމު ރައްޔިތު މީހާއަށެވެ.