ކޮތަޅުން ޓެކްސް ނެގުމާއި ދެކޮޅަށް ވެރިކަމަށް އައިސް، ކޮތަޅުން ނަގާ ޓެކްސް ކުޑަ ނުކުރަން ސަރުކާރުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައި ވަނީ، ކޮތަޅުން ނަގާ ޓެކްސް ކަނޑާލުން ނުވަތަ ކުޑަކުރުމަކީ، ޕްލާސްޓިކާއި ދެކޮޅަށް ކުރާ މަސައްކަތުގެ މަޤުޞަދު އެންމެ ބޭނުންވާ ގޮތަށް ހާސިލްވުމަށް އެޅިދާނެ ހުރަހެއް ކަމަށް ބުނެ، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމް އެވެ. ކޮތަޅަށް ޓެކްސް ނެގުމާއި ދެކޮޅަށް ޕީޕީއެމް ޕީއެންސީއިން ވަނީ އެއްވުމެއް ބާއްވާފައެވެ. މި އެއްވުމް ފަހުން ވަނީ ޗާގޯސް މައްސަލައާއި ގުޅޭ ޖަލްސާއަކަށް ބަދަލު ކޮށްފައެވެ.
ސަރުކާރުން ކޮތަޅުގެ ޓެކްސް ކުޑަ ނުކުރަން އެދުނީ، ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ޚިޔާލު ހޯދުމަށް، ތިމާވެއްޓާއި ބެހޭ ވުޒާރާއާއި، މާލީ ވުޒާރާ އާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ،ވަނީ މުޅި މަޖިލީހުގެ ސަބް ކޮމިޓީއަށް ހާޒިރުކުށް މަޝްވަރާ ކުރުމުންނެވެ. މީގެ ކުރިން ޕީޕީއެމް ޕީއެންސީ އިން، ސަރުކާރަށް ގޮވަމުން ދިޔައީ ކޮތަޅު ސަރުކާރެވެ.
މުއިއްޒުވެސް ވަނީ ކޮތަޅު ނެގުމާއި ދެކޮޅަށް ކެމްޕެއިނުގައި ވާހަކަ ދައްކާފައެވެ. މިގޮތުން ކުނިތައް ވަކިކޮށް ބެހެއްޓުމަށް ބޭނުންވާ ކޮތަޅުތައް ސަރުކާރުގެ ހަރަދުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށް މުއިއްޒު ވަނީ ކުރިން ވިދާޅުވެފައެވެ.
ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ސަބް ކޮމިޓީގައިވަނީ ކޮތަޅުން ނަގާ ޓެކްސް މުޅިން ކަނޑާލުމަށް ނުވަތަ 50ލާރިއަށް ކުޑަ ކުރުމަށް މަޝްވަރާ ކޮށްފައެވެ.. އަދި ވިޔަފާރިވެރިން އަތުން ދެފަހަރަށް ކޮތަޅަށް ޓެކްސް ދައްކަން ޖެހޭ މައްސަލަ ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ. ކޮމިޓީގެ ގިނަ މެންބަރުގެ ވިސްނުން ހުރީ، ކޮތަޅަކީ ޓެކްސް ނުނަގާ(0 ރޭޓް ޓެކްސް) ބާވަތެއްގެ ގޮތުގައި ހަމަޖެއްސުމަށްކަމަށް ކޮމިޓީގައިވަނީ މަޝްވަރާކޮށްފައެވެ.
ނަމަވެސް، ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު ވިދާޅުވީ، ތިމާވެއްޓާއި ގުޅުންހުރި ކަންކަމުން ނަގާ ޓެކުހުން އެ ދާއިރާއިން މުހިންމު މަސައްކަތްތަކެއް ކުރައްވަން އޭނާ ރާއްވަވަމުން ދާކަމަށެވެ.
2 ރުފިޔާ ނަގައިގެން މެނޭޖުކުރަން ފަސޭހަވާނީ. 50 ލާރި ނަގައިގެން މިނިޒާމުގެ ކަންކަން މެނޭޖުކުރަން ދަތިވާނެ. އީޕީއޭ މެދުވެރިކޮށް، އެފައިސާއިން މުހިންމު ކަންތައްތަކެއް ކުރުމަށްދަނީ ރާވަމުން މިޓެކްސް ފައިސާ މުހިންމު ކަންތައްތަކަކަށް ހޭދަކުރަން. އެހެންވީމާ ޤާނޫނަށް ބަދަލުގެނައުމުގެ ކުރިން މަޝްވަރާ ކުރަން ވަގުތު ބޭނުންވޭ.
ކޮތަޅުން ޓެކްސް ނެގުމުން އެކަމާއި ދެކޮޅަށް މުޒާހަރާ ކުރި ޕީޕީއެމް/ޕީއެންސީގެ ސަރުކާރުގެ ތިމާވެއްޓާއި ބެހޭ މިނިސްޓަރ ޠާރިޤު ވިދާޅުވިއެވެ.
އަދި މި ސަރުކާރުގެ މާލީ ވުޒާރާއިންވެސް ވިދާޅުވީ، ކޮތަޅުގެ ޓެކުހުގެ އަގު ކުޑަކޮށްފިނަމަ ޕްލާސްޓިކް ބޭނުންކުރާ މިންވަރު އަނެއްކާވެސް އިތުރުވެ، ތިމާވެއްޓާއި ގުޅޭ ސިޔާސަތުތައް ހާސިލް ކުރުމަށް ހުރަހަކަށް ވާނެ ކަމަށެވެ.
ކޮތަޅުން ޓެކްސް ނެގުމާއި ގުޅޭގޮތުން މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ، ވިޔަފާރިވެރިޔާ އަތުން ދެފަހަރަށް ޓެކްސް ނެގޭ މައްސަލަ ހައްލުކުރެވޭނީ ޤާނޫނަށް ނުވަތަ އުސޫލަށް ބަދަލުގެނެސްގެންކަމަށެވެ. ކުންޏާއި ބެހޭ ޤާނޫނަށް މިހާރު ހުށައަޅާފައި އޮތީ، ހޯލްސޭލްކޮށް 50 ކޮތަޅަށްވުރެ އިތުރަށް ގަންނަ ނަމަ ކޮތަޅުން ޓެކްސް ނަގަން ނުޖެހޭގޮތަށެވެ. ނަމަވެސް ވަކިވަކިން ރީޓެއިލްކޮށް ކޮތަޅު ވިއްކާ ނަމަ އަގު ނެގުމަށެވެ. މިހެން ބަދަލު ގެނައުމުން، މީރާއަށް ވިޔަފާރިވެރިޔާ ދައްކަން ޖެހޭނީ ރައްޔިތު މީހާ ކޮތަޅަށް ދައްކާ 2 ރުފިޔާގެ ޓެކްސް އެކަންޏެވެ.
ވިޔަފާރި ވެރިޔާ ހޯލްސޭލްކޮށް 50 ކޮތަޅުގެ، ކޮތަޅު ބޮނޑި ގަތުމަށް ޓެކްސް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ.
"އާއްމުން އަތުން 2 ރުފިޔާ ނެގުމަށްފަހު، މީރާއަށް (ސަރުކާރަށް) އެފައިސާ ވިޔަފާރިވެރިޔާ ދެނީ. ކޮތަޅުން ނަގާ ޓެކްސް ލާރި ވިޔަފާރިވެރިޔާއަކަށް ނުލިބޭނެ. ޑަބަލް ޓެކްސޭޝަނާއި އަދި ޖީއެސްޓީ ފޯމާއެކު ކޮތަޅުން ޓެކްސް ނަގަން ޖެހޭގޮތަށް އޮތް އޮތުންވެސް ބަދަލުކުރަން އުސޫލަށް ބަދަލު ގެންނަންޖެހޭނީ." ފަތުޙުﷲ ޖަމީލް ވިދާޅުވިއެވެ.
ކޮތަޅުން ނަގާ ޓެކްސް ކުޑަކުރުމަށް ހުށައެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ވިޔަފާރީގެ މުއާމަލާތް ތަކުގައި ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީއެއް ނަގަން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ތަސްދީޤު ކުރެއްވި ކުނި މެނޭޖު ކުރުމުގެ ޤާނޫނުގެ ދަށުންނެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށައެޅުއްވި އިސްލާހެކެވެ.
ކޮމިޓީ ނިންމަވާލައްވަމުން ވަނީ، އެކަމުގައި މަޝްވަރާކޮށް، އައު ސަރުކާރުން އިސްލާހަށް ޚިޔާލު ހުށައެޅުއްވުމަށް އިތުރު ވަގުތު ދެއްވުމަށް ފުރުޞަތު ދެއްވާފައެވެ. މި މަސައްކަތް އިތުރަށް ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، އަންނަ އަހަރުގެ ފުރަތަމަ ދަޢުރުގައެވެ.