ސިޔާސީ

ހަރަދު ކުޑަކުރުމަށް އާޖެންޓީނާގެ އާ ރައީސް 9 މިނިސްޓްރީ އެއް އުވާލައިފި! ރާއްޖޭގައި މިނިސްޓްރީ އިތުރުކޮށް، ވަޒީރުންގެ މުސާރާގައި 41 "ވަޒީރުން"!

ދިޔަވަރު
ހަރަދު ކުޑަކުރުމަށް އާޖެންޓީނާގެ އާ ރައީސް 9 މިނިސްޓްރީ އެއް އުވާލައިފި! ރާއްޖޭގައި މިނިސްޓްރީ އިތުރުކޮށް، ވަޒީރުންގެ މުސާރާގައި 41 "ވަޒީރުން"!

ހަރަދު ކުޑަކުރުމަށް ޓަކައި، އާޖެންޓީނާގެ ރައީސް ކަމަށް 11 ޑިސެމްބަރ 2023ގައި ހުވާކުރެއްވި ޖެވިއަރ މިލޭރ ވަނީ 9 މިނިސްޓްރީއެއް އުވާލާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 9 މިނިސްޓްރީ އުވާލީ އެ ޤައުމުގެ ޚަރަދު ތައް ކުޑަކޮށް، ގައުމު ހަމަ މަގަށް އެޅުވުމަށް ކެމްޕެއިނުގައި ވި ވައުދާއި އެއް ގޮތަށެވެ.

ރާއްޖޭގެ ވެރިކަމަށް ޑރ މުއިއްޒު ވަޑައިގަތީވެސް، ޤައުމު ދަރުވާލާފައި ވާކަމަށް ބުނެ އެތައް ވާހަކަ އެއް ދައްކައިގެންނެވެ. ހަރަދު ކުޑަކުރާނެ ކަމުގެ ހުވަފެން ދައްކައިގެންނެވެ. ވަޑައިގެން އެމަނިކުފާނު ވަނީ، ވެރިކަމަށް އައުމަށް ވީ ވައުދުފުޅާއި ޚިލާފަށް، ކެބިނެޓުގައި ތިބި 18 ވަޒީރުންގެ ބަދަލުގައި އިތުރު މިނިސްޓްރީ ތައް އުފަންކޮށް، 22 ވުޒާރާ އުފައްދަވާފައެވެ.

ރައީސް ސޯލިހްގެ ސަރުކާރު އައީ 4 ޕާޓީއެއް އެކުލެވިގެން ވެއެވެ. ވަޒީފާ ދީފައިވަނީ 4 ޕާޓީގެ ފަރާތްތަކަށެވެ. މިނިސްޓްރީ ތައްވެސް ހުރީ ހަމަ އެ ހަމައިން ބަހާލާފައެވެ. ޕީޕީއެމް/ޕީއެންސީ އަކީ އެންމެ ޕާޓީއެކެވެ. އެންމެ ޕާޓީއަކަށް މިހާ ގިނަ ސިޔާސީ ވަޒީފާތަކެއް ބޭނުން ނުވާނެއެވެ. އެ ދެއްވާ ސިޔާސީ ވަޒީފާތައް ދެމުން އެދަނީ ރައްޔިތުންގެ ފައިސާއިންނެވެ. ނަހަމަ ގޮތުގައެވެ. އިސްރާފުންނެވެ.

ކުރީ ސަރުކާރުން ވަޒީރުންގެ ފެންވަރުގައި އައްޔަން ކޮށްފައިވަނީ ރައީސް އޮފީހަށް 7 ފަރާތެވެ. ނަމަވެސް މިސަރުކާރުން ފާއިތުވި 26 ދުވަސް ތެރޭ، 21 ފަރާތެއް ވަޒީރުންގެ ފެންވަރުގައި ރައީސް އޮފީހަށާއި، ސަރުކާރުގެ އެކި ވުޒާރާތަކަށް ވަނީ އައްޔަން ކޮށްފައެވެ. އެހެން ކަމުން ވަޒީރުންގެ މުސާރާއާއި އެލަވަންސް ލިބޭހެން، މިހާތަނަށް 41 ފަރާތެއް ވަނީ އައްޔަން ކުރެވިފައެވެ. މިއީ ރައްޔިތުންގެ ބޭނުންތަކަށް ހުރި ފައިސާއިން، ސަރުކާރުން ކުރާ ނުހަނު ބޮޑު އިސްރާފެކެވެ.

އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރ ލެވެލްގައި 39 މީހަކު އައްޔަން ކުރިއިރު، މިހާތަނަށް މުއިއްޒު ވަނީ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި 59 މީހުން އައްޔަން ކޮށްފައެވެ. ކުރިއަށް އޮތްތަނުގައި މިއަދުދު މިއަށްވުރެ އިތުރުވާނެ ކަމަށް ހަބަރު ލިބެއެވެ.

މިނިސްޓަރުންގެ ނައިބުގެ ފެންވަރުގައި 4 ޕާޓީގެ ސަރުކާރުން 48 މީހުންނަށް މަޤާމު ދީފައިވާއިރު، މުއިއްޒު ވަނީ އެންމެ ޕާޓީއެއްގެ 72 މީހަކު ނައިބުންގެ ގޮތުގައި މަޤާމުތަކަށް ހަމަ ޖައްސާފައެވެ.

މީގެ އިތުރުން ރައީސް އޮފީހުގައި 319 މުއައްޒަފުން ތިބި އިރު، އެއިން 100 އެތައް މުއައްޒަފުން ވަކިކޮށް ހާލުގައި ޖައްސާފައި، 343 ފަރާތެއް މިހާރު ރައީސް އޮފީހުގެ ވަޒީފާގައި 26 ދުވަސްތެރޭ އެބަ ތިއްބެވެ. ނަމަވެސް، ނަތީޖާ ސުމެކެވެ.

މުލިއާގެއިންވެސް 3 މުއައްޒަފަކު ކަނޑައި ހާލުގައި ޖައްސައި، އޭގެތެރެއިން ތެލަސީމިއާ ކުއްޖެއްގެ އެކަނިވެރި މަޔަކާއި ބެހޭ ގޮތުން ދޮގު ވާހަކަތައް ރައީސް އޮފީހުން ނޫސްތަކުގައި ލިޔުއްވާފައިވެއެވެ. މުއިއްޒާއި އޭނާގެ އާއިލާ މުލިއާގެއަށް ދިރިއުޅުން އަދި ބަދަލު ނުކޮށް އުޅޭއިރު، 65 މީހުން ތިބި ތަނަކަށް، އިތުރަށް ޚިދުމަތް ކުރުމަށް މީހުން ބޭނުންވެގެން އިތުރަށް މީހުން ވަޒީފާއަށް ނަގައި 69 މީހުން މުލިއާގެއަށް މުއިއްޒުގެ ޚިދުމަތަށް ވަނީ ލާފައެވެ. މުލިއާގެއަށް މުއިއްޒުގެ ޚިދުމަތަށް މުޅިއަކު 124 މީހުން ނެގުމަށް ހަމަޖެހިފައިވެއެވެ.

ހިލާލީގެއަށް 22 މީހުން ތިއްބާ އެއަދަދު މަދުވެގެން، ނައިބު ރައީސް އަށް ޚިދުމަތް ކުރުމަށް މިހާރު ވަނީ އެ އަދަދު ދެގުނަ އަށް ވުރެ ބޮޑު ކޮށް 43 މީހުން އައްޔަންކޮށް ވަޒީފާ ދީފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ބޮޑެތި ކޮންފަރަންސްތަކުގައި ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކާލަންވެސް މި ނާއިބް ރައިސް އަކަށް އެނގި ނުލައްވައެވެ.

މިއިން ފެނިގެން ދަނީ މުއިއްޒުގެ ކިބުރުވެރިކަމާއި، ރައްޔިތުންގެ މައްޗަށް އެއްވެސް ވަރެއްގެ ކުލުނެއް ނެތް މިންވަރެވެ. ރާއްޖޭގައި ދަރަނި އެބަހުއްޓެވެ. ހަމައެހެންމެ، ބޭރުގެ އެހީތައް އަދި ރާއްޖެއަށް ލިބުމުގައި ދަތި އެބަހުއްޓެވެ. ތަކެތީގެ އަގު ދުވަހަކަށް ފަހު ދުވަހެއް ދަނީ ބޮޑު ވަމުންނެވެ. ސަރުކާރު ފެންނަނީ މަތިބަރު، ކިބުރުވެރި ސަރުކާރެއްގެ ގޮތުގައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ޤައުމު މި މީހުންގެ އިއްޒަތާއި ލައްޒަތަށް ކުރާ އިސްރާފުގައި ބަނގުރޫޓުވެ ދިޔުމަކީ ދުރުކަމެއް ނޫނެވެ.