ޚަބަރު

ސާޖިދާގެ ވަޒީފާގެ ކުއްލި މައްސަލައެއް ހުށަހަޅައިފި

ދިޔަވަރު
ސާޖިދާގެ ވަޒީފާގެ ކުއްލި މައްސަލައެއް ހުށަހަޅައިފި

ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހެލްތު މިނިސްޓްރީގައި އަދާކުރައްވަމުން އަންނަ ވަޒީފާއިން ހަތަރު އަހަރުގެ މުއްދަތަކަށް މުސާރަ ނުލިބޭ ގޮތަށް ނޯ-ޕޭ ލީވްއެއް ދިނުމަށް ފަހު، ވޭޖް-އެމްޕްލޯއިމެންޓް އުސޫލުގެ ދަށުން ހަދާފައިވާ ކޮންޓްރެކްޓު ބާތިލް ކުރަން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރުގެ މަގާމުގައި ހުންނެވި ސާޖިދާއަށް: މުސާރަ ނުހިނގާ ގޮތަށް ހަތަރު އަހަރުގެ މުއްދަތަކަށް ނޯ-ޕޭ ލީވްއެއް ދީފައިވެއެވެ. އެއާ އެކު، މި މަހުގެ 7 ވަނަ ދުވަހު، ހެލްތު މިނިސްޓްރީން ވަނީ ސާޖިދާއަށް ވޭޖް-އެމްޕްލޯއިމަންޓް ކޮންޓްރެކްޓެއް ދީފައެވެ.

އެކަން ކޮށްފައިވަނީ އޭނާއަށް 'ހާއްސަ އުސޫލެއް' ހަދައިގެން ކަމަށް ބުނެ، އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ބަލަން ފަށާފަ އެވެ. އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުން ކޮމިޓީއަށް ވެސް ހާޒިރުކޮށްފައިވެ އެވެ.

ވޭޖް-އެމްޕްލޯއިމަންޓް އުސޫލުން ހެލްތު މިނިސްޓްރީން ސާޖިދާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލް ކުރަންެ ގޮވާލާ، މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުއްލި މައްސަލަ ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ އެވެ.

މައްސަލަ ހުށަހަޅުއްވާ ސަބަބުތަކުގެ ތެރޭގައި އޭނާ ވިދާޅުވީ:

ސާޖިދާއަށް ހަތަރު އަހަރުގެ ނޯ-ޕޭ ލީވް އެއް ދިނުމަށްފަހު ވޭޖް-އެމްޕްލޯއިމެންޓް ކޮންޓްރެކްޓް ހަދާފައިވަނީ ސިވިލް ސާވިސް ގަވައިދާ ހިލާފަށް

އެކަމާ ގުޅިގެން ސިވިލް ސާވިސްގެ ގިނަ މުވައްޒަފުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ގާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީވެސް ހަމަހަމަ ވެގެންވާ މީހެއް ކަމާއި، ގާނޫނުން ލިބިދޭ މަންފާތައް ލިބިގަތުމަކީ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަން ޔައުގޫބު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، ސާޖިދާ ހަތަރު އަހަރަށް ނޯ-ޕޭ ލީވްގައި ހުންނަވާ ގޮތަށް ހަމަޖެއްސީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ކަމަށެވެ. އަދި އެއީ ސިވިލް ސާވިސްގައި މަސައްކަތް ކުރަމުންދާ 28،000 މުވައްޒަފުންނަށް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 21 މެމްބަރުންގެ ވޯޓުން މި މައްސަލައިގައި ބަހުސްކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.