ގައުމެއްގެ ފަސްޓްލޭޑީއެއް އެކަމަނާ ކުރިން އުޅުއްވި ވަޒީފާ ދޫކޮށް ނުލެވިގެން އުޅޭ އުޅުމަކީ އާދައިގެ ކަމެއް ނޫނެވެ. ދުނިޔޭގެ ތާރީހުގައިވެސް، ސަރުކާރުގެ ވަޒީފާގައި ފަސްޓްލޭޑީއެއް އެއްވެސް ގައުމެއްގައި އުޅެފައެއް ނުވެއެވެ. ނަމަވެސް ވަރަށް މަދު ފަހަރަކު ސަރުކާރު ނޫން އެހެނިހެން ވަޒީފާތަކުގައި އުޅުއްވާފައި އެބަހުއްޓެވެ.
ސަންގު ނޫހަށް ދިން އިންޓަވިއުގައި ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، އޭނާ އެ އަދާ ކުރާ މަސައްކަތަކީ ވަރަށް ކުޑައިރުންވެސް ކުރައްވަމުން އައި މަސައްކަތެއްކަމުން ވަރަށް ބޮޑަށް އެކަމަށް ޝައުގުވެރިކަން ހުންނަވާކަމަށެވެ. އަދި އެކަމަނާ ވަޒީފާގައި ހުންނެވުމުގެ މުހިންމު ކަން ފާހަގަ ކުރަމުން ވިދާޅުވީ، މައްސަކަތުގެ ތެރެއަށް އަލަށް ވަދެފައިވާ ކުދިންނަށްވެސް މަގުދައްކައިދިނުމަށް މަސައްތަކުގެ ތަޖުރިބާ ހުރި ބޭފުޅަކު ހުންނެވުން މުހިންމު ކަމަށެވެ. އިތުރަށް ސާޖިދާ ވިދާޅުވީ އެ މަސައްކަތަކީ 24 ގަޑިއިރު ކުރައްވާނެ މަސައްކަތެއް ނޫންކަމަށާއި ދުވާލެއްގެ ދެތިން ގަޑިއިރު ތެރޭގައި ގިނަ މަސައްކަތް ތަކެއް ކުރެއްވޭނެ ކަމަށެވެ.
އެކަމަނާގެ ވާހަކަ ތަކުގެ މައްޗަށް ބަލައި، ނަފްސާނީ ޑޮކްޓަރެއްގެ އެހީގައި މިކަމުގައި ދިމާވެގެން އުޅޭ ހަޤީގީ މައްސަލަ ސާފުކުރުމަށް ދިޔަވަރު ނޫހުން ކުރި މަސައްކަތުން ފާހަގަ ކުރެވިފައިވާ ކަންކަން ތިރީގައި މިވަނީއެވެ.
ލަވް ތިއަރީ: ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް އެކަމަނާގެ ވަޒީފާއިން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދެއެވެ. ދިރިއުޅުމަށް ބޭނުންވާ ސަބަބެއް އެއިން ފޯރު ކޮށްދެއެވެ. އަދި އެ މަސައްކަތާއި، އެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި އޮންނަ ގާތްކަން އޭނާ އަށް މުހިންމެވެ. މީގެ ސަބަބުން ވަޒީފާ ދޫކޮށްލުމަކީ އޭގެ ގެއްލުމާއި ހުސްކަމުގެ އިހުސާސްތަކަށް މަގުފަހިވާނެ ކަމެކެވެ. އެހެން ކަމުން މިކަމުން އަރާގަތުމަށް އެކަމަނާއަށް ބޭނުން ވަނީ ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަމެވެ.
ކޮމިޓްމަންޓް ތިއަރީ: އެކަމަނާގެ ވަޒީފާއާއި، އެކަމަނާ ޚިދުމަތްކުރައްވާ ފަރާތްތަކަށް މަސައްކަތް ކޮށްދިނުމަކީ، އެކަމަނޭގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް ކަމުގައި ދެކިވަޑައި ގަންނަވަނީ ކަމުގައި ވެދާނެއެވެ. އަދި ވަޒީފާ ދޫކޮށްލުމަކީ އަމިއްލަ ނަފްސާއި އެކުވެރިންނަށް ދެވޭ ނިކަމެތި ކަމެއް ކަމުގައި ވިސްނިފައި އޮވެދާނެއެވެ. މަސައްކަތުގައި ދެމިހުރުމަކީ އެކަމަނާގެ ހިތްވަރާއި އަޒުމް ދައްކުވައިދޭނެ މަގެއް ކަމުގައި އެކަމަނާއަށް ހީވެފައި އޮވެދާނެއެވެ. މިހާލަތުގައި ވެސް އެކަމަނާ އަށް ބޭނުންވަނީ އެހީތެރިކަމެވެ. ނަފްސާނީ ފަރުވާއެވެ.
އައިޑެންޓިޓީ ތިއަރީ: ފަސްޓް ލޭޑީގެ ވަޒީފާއަކީ އެކަމަނާގެ އަމިއްލަ ނަފްސާއި އިތުބާރު އޭގެ މައްޗަށް ބަރޯސާ ވެފައިވާ ބޮޑު ވަސީލަތަކަށް ވެދާނެ އެވެ. އެއީ އަމިއްލަ ނަފްސާއި އަދި މުޖުތަމައުގައި އޭނާގެ ދައުރު އެހެންމީހުން މާނަކުރާ ގޮތަކީ އޭނާގެ ވަޒީފާ ކަމުގައި ހީވެފައި އޮވެދާނެއެވެ. ވަޒީފާ ދޫކޮށްލުމުން ބޭކާރުކަމުގެ އިހުސާސްތަކާއި އެކު، އަމިއްލަކަން ގެއްލިދާނެ ކަމަށް ބިރު ހީވެދާނެއެވެ. މިކަމުގައި ވެސް ބޭނުންވަނީ ނަފްސާނީ ޑޮކްޓަރެއްގެ އެހީތެރިކަމެވެ.
ކުރުކޮށް ބުނާނަމަ، އެކަމަނާއަށް ދިމާވެފައިވާ މައްސަލަ އަކީ، ސިވިލް ސާރވިސް ކޮމިޝަނަށް ހައްލު ކުރެވޭނެ މައްސަލައެއް ނޫނެވެ. އެކަމަނާގެ އުޅޭނީ އޮބްސެސިވް ނަފްސާނީ މައްސަލަ އެކެވެ. އެކަމަށް ހައްލު ހޯދޭނީ ނަފްސާނީ ފަރުވާއިންނެވެ. ސިވިލް ސާރވިސް ކޮމިޝަނުން އުސޫލުން ބޭރުން އެދޭ ވަގުތީ ހައްލުން، އެކަމަނާގެ ނަފްސަށް ވަގުތީ ލުޔެއް ލިބިދާނެއެވެ. ނަމަވެސް އެއީ ދިރިއުޅުމަށް ދިމާވެފައިވާ މި ނަފްސާނީ މައްސަލައަށް އޮތް ހައްލެއް ކަމުގައި ނުވާތީ، ސިންގަޕޫރުން ނުވަތަ ތުރުކީއިން ނަމަވެސް، ނަފްސާނީ އެހީތެރިކަން ހޯއްދަވައި، އެކަމަނާގެ ދައުރު ފަސްޓްލޭޑީއެއްގެ ގޮތުގައި ފެނިގެން ދިޔުމަކީ އަޅުގަނޑުމެން އެންމެންވެސް އެދޭ ގޮތެވެ.