ޚަބަރު

ހޯމް މިނިސްޓްރީގެ ޑެޕިއުޓީއަކަށް ގޭންގް ލީޑަރެއް އައްޔަންކޮށްފައި، ގާޒީންގެ ސެކުއިރިޓީއާ ގުޅޭ ގޮތުން ގާޒީންނާއި، ހޯމް މިނިސްޓަރު މަޝްވަރާކޮށްފި

ދިޔަވަރު
ހޯމް މިނިސްޓްރީގެ ޑެޕިއުޓީއަކަށް ގޭންގް ލީޑަރެއް އައްޔަންކޮށްފައި، ގާޒީންގެ ސެކުއިރިޓީއާ ގުޅޭ ގޮތުން ގާޒީންނާއި، ހޯމް މިނިސްޓަރު މަޝްވަރާކޮށްފި

ކްރިމިނަލް ކޯޓުގައި ފުނިޖެހިފައިވާ މައްސަލަތައް އަވަސް ކުރުމަށް ހުރި އިދާރީ ގޮންޖެހުންތަކާއި ކޯޓުގެ ގާޒީންގެ ރައްކާތެރިކަމާއި ސެކިއުރިޓީއާ ގުޅޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނާއެކު، އެ ކޯޓުގެ ފަރާތުން މިއަދު މަޝްވަރާކުރައްވައިފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އެ ބައްދަލުވުމުގައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ބައިވެރިވެވަޑައިގަތީ ކޯޓުގެ އިސް ގާޒީ އާދަމް މުހައްމަދާއި، ގާޒީ އަލީ ނަދީމާއި، ގާޒީ އިސްމާއީލް ޝަފީއު އެވެ.

ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ ތަސައްވުރާއި މަސައްކަތް ގެންދާނެ ގޮތުގެ ޕްލޭން ގާޒީންނާ ވަނީ ހިއްސާ ކުރައްވައިފަ އެވެ.

ކްރިމިނަލް ކޯޓާ ގުޅޭ އިދާރީ ކަންކަން ކުރިއަށް ގެންދިއުމުގައި މަސައްކަތް އަވަސްކޮށް އެހީތެރިވެވޭނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެ ކޯޓުން ބުންޏެވެ.

އޭގެ އިތުރުން ކޯޓުގެ ގާޒީންގެ ސެކިއުރިޓީއާ ގުޅޭ ކަންކަމާއި، ކޯޓުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ތެރެއިން އިދާރީ ކަންކަމުގައި ހޯމް މިނިސްޓްރީއާ ގުޅުން ހުރި މުއައްސަސާތަކުގެ ކަންކަން އަވަސް ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.

ކްރިމިނަލް ކޯޓުގައި ފުނިޖެހިފައިވާ މައްސަލަތައް އަވަހަށް ހިންގައި ނިންމުމަށް ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ ޖިނާއީ އަދުލުގެ ނިޒާމާ ގުޅުން ހުރި އިދާރާތަކުން ވެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށް ކޯޓުން ބުންޏެވެ.

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން؛

އިމާރާތުގެ ހާލަތު ވަޒަން ކުރުމަށް ފަހު 2017 ވަނަ އަހަރު ފެޑޯ ޕްރައިވެޓު ލިމިޓެޑުން ތައްޔާރުކުރި ރިޕޯޓެއްގައި ވެސް އެ އިމާރާތް ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ލިޔެފައިވެ އެވެ. އެއަށްފަހު ވެސް އައި އެތައް ޝަކުވާތަކަށް ފަހު މި އަހަރު ކުރީކޮޅު އެ ތަން ބަންދު ކުރަން ޖުޑިޝަރީން ނިންމީ އެވެ.

އެއާއެކު، ކްރިމިނަލް ކޯޓުގައި ހަލުވިކަމާއެކު ހިނގަމުންދިޔަ ޝަރީއަތްތައް މަޑުޖެހި، ކޯޓުގެ މަސައްކަތް ގާތްގަނޑަކަށް ހުއްޓުމަކަށް އައެވެ.

މިހާރުގެ ވަގުތީ އިންތިޒާމުތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގައި ބޭނުން ކުރަނީ އެންމެ ފަސް ކޯޓު ރޫމެވެ. ޝަރީއަތް ކުރާ 10 ސެކްޝަން އޮންނަ އިރު، މިހާރު ސެކްޝަނަކަށް މަހެއް މައްޗަށް ބޭއްވެނީ ގާތްގަނޑަކަށް 11 އަޑުއެހުމެކެވެ. މީގެ ކުރިން ކޯޓު ހުޅުވާ ކޮންމެ ދުވަހަކު ކޮންމެ ސެކްޝަނަކަށް ވެސް އަޑުއެހުން ބޭއްވެ އެވެ.

ކޯޓުން ވެސް ބުނެފައިވަނީ ކުރިން އަޑުއެހުންތައް ބޭއްވޭ ނިސްބަތަށް ވުރެ 50 އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

މީގެ ސަބަބުން ކޯޓުގެ މައްސަލަތައް ހިނގާ ދުވެލި ލަސްވެގެން ކޯޓު ރެސެސްއަށް ވެސް ނުދެ އެވެ. އެހެން އަހަރުތަކުގައި އަހަރުގެ މެދުތެރެއިންނާއި އަހަރުގެ ފަހުކޮޅު ކޯޓު ރެސެސްއަށް ދެ އެވެ. ނަމަވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން ކޯޓުގެ މައްސަލަތައް ނުނިމި ދިގުލައިގެންދާތީ ރެސެސްއަށް ނުދިޔުމަށް ނިންމީ އެވެ.