ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ މެންބަރުންނަށް އެކަނިވެސް ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަޤާމުން ވަކިކުރެވޭނެ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފިއެވެ.
އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީއަށް މި އިސްލާހުވަނީ ހުށަހަޅާފައެވެ. އަދި ކޮމިޓީން ނިންމާފައި ވަނީ، މަޖިލީހުގެ ގަވާއިދުގެ 49، 202 އަދި 203 ވަނަ މާއްދާއަށް އިސްލާހު ގެނައުމަށެވެ.
ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އިސްލާހު ހުށަހެޅީ، މަޖިލީހުގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައިވާތީ މަޖިލީހުގެ ޖުމްލަ އަދަދު ކަނޑައަޅާނެ ގޮތް ބަދަލުކުރުމަށެވެ. އެގޮތުން މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވައިރު، މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ވިދާޅުވެފައެވެ.
އެ ހަތް މެންބަރުން އިސްތިއުފާދެއްވުމުން މިހާރު ތިބި މެންބަރުންގެ އަދަދަކީ 80 އެވެ.
އަދި މަޖިލީހުގެ ޖުމްލަ މެންބަރުންނަކީ އެވަގުތު މަޖިލީހުގައި ދެމި ތިބި މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށް އެދި އޭނާ ވަނީ އާންމު ކޮމިޓީއަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ.
މިގޮތަށް ފާސްވެއްޖެނަމަަ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެ ވޭނީ 54 މެންބަރުންގެ ވޯޓާއެކީގައެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ތިބީ 56 މެންބަރުންނެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި ހިމަނާފައިވާ މާއްދާއަށް ބައެއް އިސްލާހުތަކެއް އިޖުތިމާއީ ކޮމިޓީން ފާސްކޮށްފައިވެއެވެ. އެގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވައި ކޮމިޓީން ފާސްކުރީ 19 ވަނަ މަޖިލީހުގެ ގަވައިދުގެ 202 ވަނަ މާއްދާ އާއި 203 ވަނަ މާއްދާއަށް ބައެއް ބަދަލުތައް ގެނައުމަށެވެ.
މިމާއްދާތަކަށް ގެނެވުނު އިސްލާހުގައި ބުނާގޮތުން މަޖިލީހުގެ ތިންބައި ކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކީ ހުށަހެޅުމުން ރައީސް ނުވަތަ ނައިބު ރައީސަށް 14 ދުވަހުގެ ނޯޓިސްއެއް ދެވޭނެއެވެ. އޭގެ ފަހުން އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހެޅި ގަރާރާއި މެދުގައިބަހުސް ކުރަން ފަށަން ޖެހޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅައިފި ނަމަ އެލިޔުމުގައިވާ ކަންކަމާމެދު މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރުމަށްފަހު އެއީ، ކުރިއަށްގެންދަން ފެންނަ މައްސަލައެއް ކަމުގައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ކަނޑައަޅައިފިކަމަށްވާނަމަ، އެ މައްސަލައެއް ތަހްގީގުކޮށް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހަތް މެންބަރުންގެ ކޮމިޓީއެއް ކަނޑައަޅައި، އެ ކޮމިޓީއަށް މި މައްސަލަ ފޮނުވާ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.
ކުރިން އެ އިސްހާލުގައި އޮންނަނީ 11 މެންބަރުންގެ ކޮމެޓީީއަކުން އެ މައްސަލަ ބެލުމަށެވެ. މައްސަލަ ތަހުގީގުކޮށް ހެކި ހޯދުމަކީ އެކޮމެޓީގެ ޒިންމާއެކެވެ. ކޮމެޓީއަށް ހާޒިރުވެ ދިފާއުގައި ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތާއި ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ފުރުސަތު ރައީސާއި ނައިބް ރައީސަށް ލިބިގެންވެއެވެ.
ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމަށް ހުށަހަޅޭނީ އަންނަނިވި ހާލަތްތަކުގެ ތެރެއިން ހާލަތެއް މެދުވެރިވުމުންނެވެ. އެގޮތުން:
- އިސްލާމް ދީނާއި ހިލާފުވުން
- ގާނޫނު އަސާސީ އާއި ގާނޫނަކާއި ކަނޑައެޅުގިގެން ހިލާފުވުން
- ރައީސް ނުވަތަ ނައިބް ރައީސްގެ މަގާމުގައި ހުރެ ކުރުން އެކަށިގެންނުވާ ކަމެއް ކުރުން
- ރައިސް ނުވަތަ ނައިބް ރައީސްގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ނާގާބިލް ވުން
މި ގަވާއިދު އަދި ތަޅުމަށް ފޮނުވާފައެއް ނުވެއެވެ. މިހާރު އޮތް ގޮތަށް ތަޅުމަށް ފޮނުވައިފިނަމަ ބޮޑު އަޣްލަބިއްޔަތެއް އޮންނަ އެމްޑީޕީއަށް އެކަނިވެސް ރައީސް އާއި ނައިބް ރައީސް ވަކި ކުރެވޭނެއެވެ.