ބޭސް ސިޓީގައި އޮންނަ ބްރޭންޑުގެ ބޭސް ފިޔަވައި އެހެން ބްރޭންޑެއްގެ ބޭހަށް އާސަންދަ ނުލިބޭ ގޮތް ހަދަން އެ ކުންފުނިން ނިންމުމާއި ގުޅިގެން ގިނަ އަދަދެއްގެ ރައްޔިތުން ޝަކުވާ ކުރަން ފަށައިފިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި އެންމެ މުހިންމު ވައުދަކީ އާސަންދަ ނިޒާމުން ރައްޔިތުންނަށް ލިބޭ ބޭސްފަރުވާގެ އެހީ އިތުރަށް ފުޅާކޮށް ފަސޭހަ ކޮށްދިނުމެވެ.
އެހެންނަމަވެސް އާސަންދަ ކުންފުނިން އާސަންދަ ހިދުމަތްދޭ މަރުކަޒުތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ އާސަންދަ ސްކީމް ތެރެއިން ޑޮކްޓަރުން ބޭސް ލިޔެދޭއިރު، ބަލި މީހާއަށް ވަކި ބްރޭންޑެއްގެ ބޭހެއް ދޫކުރަން ބޭނުންނަމަ، ބޭހުގެ އިންސްޓްރަކްޝާންސްގައި އެ ބޭހެއް ސަބްސްޓިޓިއުޓް ނުކުރުމަށް އަންގާފައެވެ.
އަދި މިފަދައިން ވަކި ބޭހެއް ނޫނީ ބަލި މީހާއަށް ދޫނުކުރުމަށް ޑޮކްޓަރު އެދޭ ހާލަތުގައި، ބޭސް ފިހާރައިން އެ ނޫން ބޭހެއް ބަލި މީހާއަށް ދޫކޮށްގެން ނުވާނެ ކަމަށް ބުނެފައި ވެއެވެ. އޭގެ އިތުރުން ހިދުމަތަށް އެދިދާ ބެސް ފިހާރައިގައި އެ ބޭހެއް ސްކީމްގެ ތެރެއިން ދޫކުރެވޭނަމަ، އެކަން ބަލި މީހާއަށް އޮޅުންފިލާ ދެވެން ވާނެ ކަމަށް ބުނެފައި ވެއެވެ.
އަދި ބޭހުގެ އިންސްޓްރަކްޝަންގައި ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރު ނުލިޔާ ހިނދަކު، ބޭސް ފިހާރައިން ބިލް ކުރަން ވާނީ އެ ފިހާރައިން ބަލި މީހާއަށް ދޫކުރި ބްރޭންޑަށް ކަމަށްވެސް ބުނެފައިވާއިރު، ޑޮކްޓަރު ވަކި ބްރޭންޑެއް ދޫކުރުމަށް އެދޭ ހާލަތެއްގައި، އެ ބެރޭންޑެއް އެއްވެސް ބޭސް ފިހާރައަކުންވެސް އެ ވަގުތަކު ލިބެންނެތްނަމަ، އެ ބްރޭންޑްގެ ބަދަލު ކުރުމަށް ބަލި މީހާ ޑޮކްޓަރު ކައިރިއަށް ދާންވާނެ ކަަމަށްވެސް އެ ސަރކިއުލާގައި ވެއެވެ.
އެހެންކަމުން ވަކި ބްރޭންޑެއް ދޫކުރުމަށް ޑޮކްޓަރު އެދޭ ހަލަތުގައި، ބޭސް ފިހާރައިން އެ ނޫން ބްރޭންޑެއް ބަލިމީހާއަށް ދޫކޮށްފިނަމަ، އެފަދަ ޓްރާންސެކްޝަންތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން ރިޖެކްޓް ކުރާނެ ކަަމަށް އެ ސަރކިއުލާގައި ވެއެވެ.