އަހަރަކު ދެފަހަރު އާސަންދައިގެ ދަށުން މެޑިކަޕް ޗެކަޕް ހެދޭ އުސޫލު ހަރުކަށިކޮށް, މެޑިކަޕް ޗެކަޕް ހެދޭނީ ސަރުކާރުގެ ހޮސްޕިޓަލުތަކާއި ސިއްޙީ މަރުކަޒުންތަކުން އެކަނިކަމަށް އާސަންދައިން ކަނޑައަޅައިފިއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ޢާންމުކުރި ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން އިތުރު ޚިދުމަތްތައް ފޮރުކޮށްދިނުމާ ގުޅޭ އުސޫލުގައި ބުނެފައިވަނީ، އާސަންދައިގެ ދަށުން ކޮންމެ ރައްޔިތަކަށް ވެސް އަހަރަކު ދެފަހަރު މިހާރު މެޑިކަލް ޗެކަޕް ހެދޭނެ ކަމަށާއި މި ޙިދުމަތަށް އާސަންދަ ލިބޭނީ ސަރުކާރުގެ ހޮސްޕިޓަލަކުން ނުވަތަ ސިއްޚީ މަރުކަޒަކުން ކަމަށެވެ.
މެޑިކަލް ޗެކަޕް ހެދުމާއި، ދަރިމައިވުމުގެ ފަރުވާއާއި، ރާއްޖެއިން ބޭރުގައި ފަރުވާ ހޯދާ ހޮސްޕިޓަލު އާސަންދައިގެ ތެރެއިން ބަދަލުކުރެވޭގޮތަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ. މިއާއެކު އާސަންދަ ޤަވާއިދަށާއި، އުސޫލަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.
އާސަންދައިން އާންމުކުރި އުސޫލުގައި ބުނާގޮތުން މެޑިކަލް ޗެކަޕްގެ ޚިދުމަތް ފޯރުކޮށްދެވޭނީ ވަކިވަކި ޢުމުރުފުރާތަކަށް ޚާއްޞަކޮށް އާސަންދަ ކުންފުނިން ކަނޑައަޅާފައިވާ މެޑިކަލް ޗެކަޕް ޕެކޭޖުތައް، އެ ޢުމުރުފުރާގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޑޮކްޓަރެއްގެ ލަފާގެދަށުން މެޑިކަލް ޗެކަޕް ހަދާފައިވާ ފަރާތްތަކަށް އަހަރުގެ ތެރޭގައި ދެވަނަ ފަހަރަށްވެސް މެޑިކަލް ޗެކަޕް ހެދޭނެ ކަމަށް ވަނީ ބުނެފައެވެ.
މި ޕެކޭޖު އާސަންދައިގެ ދަށުން ލިބިގެންދާނީ މެޑީކަލް ޗެކަޕްގައި ހިމެނޭ ހުރިހާ ޚިދުމަތްތައް ލިބިގަތުމުންނެެވެ. މެޑިކަލް ޗެކަޕްގެ ގޮތުގައި ފޯރުކޮށްދޭ ޚިދުމަތުގެ ނަތީޖާ އާސަންދަ ކުންފުނިން ކަނޑައަޅާ ގޮތެއްގެ މަތިން ޚިދުމަތްދޭ މަރުކަޒުތަކުން އެ ކުންފުންޏާ ހިއްސާކުރަންވާނެކަމަށްވެސް އުސޫލުގައިވެއެވެ.
އަދި ހަމައެއާއެކު އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމަށް ހިނގާ ޚަރަދު، ސްކީމް މެދުވެރިކޮށް ހަމަޖައްސައިދެވޭނީ އެކަމަށް އެދި ހުށައެޅުމަށްފަހު، އެކަމަށް ހުއްދަ ލިބިގެންވާ ފަރާތްތަކަށެވެ. އެގޮތުން ހޮސްޕިޓަލު ބަދަލުކުރުމަށް އެދޭ ޙާލަތުގައި އަގަށް އަންނަ ބަދަލު %10އަށް ވުރެ ކުޑަނަމަ، އިތުރު ޚަރަދަކާ ނުލައި އެ އިންތިޒާމް ހަމަޖައްސައިދެވޭނެކަމަށެވެ. ނަމަވެސް %10އަށްވުރެ ބޮޑުނަމަ އިތުރުވާ ޚަރަދު ހަމަޖައްސާނީ ޚިދުމަތް ލިބިގަންނަ ފަރާތުންކަމަށް އުސޫލުގައިވެއެވެ.
އެޙާލަތުގައި ޚިދުމަތް ލިބިގަންނަ ފަރާތުން ކުރަންޖެހޭ ޚަރަދުގެ އަންދާޒާ ތަފްސީލު އާސަންދަ ކުންފުނިން ޚިދުމަތް ލިބިގަންނަ ފަރާތާއި ލިޔުމުން ހިއްސާކޮށް އެކަމަށް އެފަރާތުގެ ރުހުން ހޯދަންވާނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.
ފަރުވާ ފެށުމަށްފަހު ހޮސްޕިޓަލް ބަދަލުކުރާނަމަ، އަދި ކުރީގެ ހޮސްޕިޓަލުން ހަދާފައިވާ ތަހުލީލިތައް އަލުން ދެވަނަ ފަހަރަށް ހަދާނަމަ އެ ޚަރަދުތައް ހަމަޖައްސާނީ ޚިދުމަތް ލިބިގަންނަ ފަރާތުންނެވެ. ފަރުވާ ފެށުމަށްފަހު ބަދަލުކުރަން އެދޭ ހޮސްޕިޓަލަކީ އެއްސިޓީއެއްގައި ހުރި ހޮސްޕިޓަލެއްކަމުގައިވާނަމަ، ބަދަލުވުމަށް ކުރާ ދަތުރުގެ ޚަރަދު އާސަންދައިން ލިބިގެންދާނެއެވެ. ނަމަވެސް އެހެން ސިޓީއެއްގައި ހުރި ހޮސްޕިޓަކެއްކަމުގައިވާނަމަ ބަދަލުވުމަށް ކުރާ ދަތުރުގެ ޚަރަދު ހަމަޖައްސާނީ ޚިދުމަތް ލިބިގަންނަ ފަރާތުންނެވެ.
ރާއްޖެއިން ބޭރުން ފަރުވާކުރުމަށް ސްކީމުން ކަނޑައަޅާ ހޮސްޕިޓަލް ބަދަލުކުރުމަށް އެދެންވަނީ އާސަންދަ ސްކީމްގެ ޚިދުމަތްދޭ ހޮސްޕިޓަލުތަކުގެ ގޮތުގައި ހިމަނާފައިވާ ބޭރުގެ ހޮސްޕިޓަލަކަށެވެ. މިގޮތުން އާސަންދަ ސްކީމްގެ ޚިދމަތްދޭ ހޮސްޕިޓަލުގެ ގޮތުގައި ހިމަނާފައިވާ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތައް ގްރޭޑް ކުރެވިފައިވާ ގޮތުގެ ތަފްސީލް އެޖެންސީން އަންގާ ގޮތުގެމަތިން ކުންފުނިން ޢާންމުކުރަމުކުރާނެކަމަށް އެންސްޕާއިން ޢާންމުކުރި އުސޫލުގައިވެއެވެ.
މީގެއިތުރުން އަންހެނުންނަށް ދިމާވާ "އެންޑޮމެޓްރިއޯސިސް" އަދި ޕީސީއޯއެސް" ފަދަ ސިއްޙީ މައްސަލަތަކަށް ޚާއްޞަ ފަރުވާ އަދި ބޭސްތައް ކޮންމެ ޑައިގްނޯސިސްއެއްގެ ދަށުންވެސް އާސަންދަ ސްކީމުން ލިބޭނެއެވެ. "އެންޑޮމެޓްރިއޯސިސް" އަދި ޕީސީއޯއެސް"ގެ ޚިދުމަތްވެސް ލިބޭނީ އާސަންދަ ސްކީމްގެ ދަށުން ރަޖިސްޓްރީވެފައިވާ މަރުކަޒުތަކުންކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.