ޚަބަރު

ކޮންމެ ވަޒީރަކަށް އާ ކާރުކޮޅެއް ގެންނަން, ދައުލަތުގެ ބަޖެޓުން 140 މިލިއަން ރުފިޔާ ޚަރަދު ކުރަނީ

ދިޔަވަރު
ކޮންމެ ވަޒީރަކަށް އާ ކާރުކޮޅެއް ގެންނަން, ދައުލަތުގެ ބަޖެޓުން 140 މިލިއަން ރުފިޔާ ޚަރަދު ކުރަނީ

ރައީސް މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ ކޮންމެ ވަޒީރަކަށްވެސް މުޅިން އާ ކާރުކޮޅެއް ގެނައުމުގެ މަަސައްކަތް މިހާރު އެންމެ ފަހުގެ މަރުހަލާއާއި ހަމައަށް ގޮސްފައިވާކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ, ރައީސް މުއިއްޒުގެ ކެބިނެޓް ވަޒީރުންނަށް އާ ކާރުކޮޅުތައް ގެނައުމަށް ހަމަޖެހިފައިވަނީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ކަމުގައެވެ. އެގޮތުން ދުބާއީ ކުންފުނިން ވަޒީރުންގެ ކާރުކޮޅުތަކަށް ކޯޓު ކޮށްފައިވަނީ (އަގު ދީފައިވަނީ) ކާރަކަށް 6.5 މިލިއަން ރުފިޔާއަށް ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. އޭނާ ވިދާޅުވީ ވަޒީރުން ބޭނުން ކުރެއްވުމަށް ގެނައުމަށް ހަމަޖެހިފައިވަނީ މާސިޑޭޒް ބެންޒް މޭބެކް މޮޑެލް ކާރުކޮޅުތަކެއް ކަމަށާއި, މި މޮޑެލްގެ 22 އާ ކާރު ރާއްޖެއަށް އެތެރެކުރުމަށް ޖުމަލް 143 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކާރުކޮޅުތަކަށް ދައްކަންޖެހޭ އެޑްވާންސް ފައިސާ މިހާރު ދައްކާފައިވާކަންވެސް އޮފިޝަލް ވަނީ ޔަގީން ކޮށްދެއްވާފައެވެ.

އެހެންނަމަވެސް އެޑްވާންސް ފައިސާގެ ގޮތުގައި ދައްކާފައިވަނީ ކިހާ އަދަދެއްކަމެއް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

ވަޒީރުން ބޭނުން ކުރެއްވުމަށް ގަތުމަށް ހަމަޖައްސާ, އާ ކާރުކޮޅުތަކާއި ގުޅޭގުން މައުލޫމާތު އޮޅުންފިލުވުމަށް ސަރުކާރުގެ އާ ތަރުޖަމާން މުހައްމަދު ޝަހީބަށް ގުޅާލުމުން އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ އިތުރު މައުލޫމާތު ސާފު ކުރެވޭގޮތް ނުވެފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ ވަޒީރުން ބޭނުން ކުރެއްވުމަށް އާ ކާރުކޮޅުތައް ގެނައުމަށް 143 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ނިންމާފައިވާއިރު, ދައުލަތުގެ މާލިއަޔަތުން ބޭކާރު ގޮތުގައު ޚަރަދު ނުކުރައްވާނެކަމަށް ވަދުވެވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތައް ޖުމުހޫރީ މައިދާން ތައްޔާރު ކުރުމަށް އެކަނިވެސް ފާއިތުވި ނޮވެމްބަރުމަހުވަނީ ދައުލަތުގެ ބަޖެޓުން 23 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.

އޭގެ އިތުރުން ރައީސް މުއިއްޒުގެ ދެކަނބަލުން މުލިއާގެއަށް ބަދަލުވުމުގެ ކުރިން އެ އިމާރާތުގެ ހައިބަތު އިތުރުކުރުމަށް ދައުލަތުގެ ބަޖެޓުން 16 މިލިއަން ރުފިޔާ ޚަރަދުކުުރުމަށް ނިންމާ މިހާރު ދަނީ މުލިއާގޭގެ އިންޓީރިއަރ އަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ.

ހަމައެއާއެކު މިމަހުގެ ކުރީކޮޅު މުއިއްޒު ދެކަނބަލުންވަނީ, ދައުލަތުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން ތުރުކީއަށް ވަޑައިގެން އެ ގައުމުގެ ޒީނަތްތެރި ސަހަރުތަކަށް ޒިޔާރަތްކޮށް އެތަންތަން ބައްލަވާލައްވާފައެވެ.

ރައީސް މުއިއްޒުގެ ވެރިކަމަށް އަދި އެންމެ ދެ މަހެެއްހާ ދުވަސް ފާއިތުވެފައިވާއިރު, ދައުލަތުގެ މާލިއްޔަތުން އިސްރާފުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ޚަރަދު ކުރަމުންދާ ދިއުމުގެ ކަންބޮޑުވުން ގިނަބަޔަކު ދަނީ ފާޅު ކުރަމުންނެވެ.