އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއާއި އެޕާޓީގެ ވާދަވެރި ޑިމޮކްރެޓްސް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ސިއްރު މަޝްވަރާތަކެއް މިރޭ ކުރިޔަށް ގެންދާން ފަށައިފިއެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މި މަޝްވަރާތައް ކުރިޔަށް ގެންދަނީ މާލެ ކައިރި ރިސޯޓެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް، ހެންވޭރު ހުޅަނގު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު، ހަސަން ލަތީފް، ޑިމޮކްރެޓްސްގެ ނައިބު ރައީސް، މުހައްމަދު ޝިފާޒް (ޝިއްޕެ) ބައްދަލު ކުރައްވަމުން އަންނަނީ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމްއާއި ނައިބު ރައީސް އަހުމަދު ސަލީމް އާއެވެ.
ޑިމޮކްރެޓްސް އާއި އެމްޑީޕީގެ ބައެއް ބޭފުޅުން މިފަދަ ބައްދަލުވުމެއް ކުރިއަށް ގެންދާއިރު، ކުރިއަށް އޮތް ހަފްތާގައި މިސަރުކާރުން ވަޒީރުންގެ ގޮތުގައި އައްޔަން ކޮށްފައިވާ ބޭފުޅުންނަށް ރުހުން ދިނުން މަޖިލީހުގައި ތާވަލު ކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފު މަގާމުން ދުރު ކުރުމާއި ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ބަދަލު ގެންނަން މަޖިލީހުގެ އާންމު ކޮމިޓީން ނިންމި ނިންމުމަށް ވެސް އަންނަ ހަފްތާގައި ވޯޓެއް ނަގާނެ ކަަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އާންމު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އެ ވަގުތަކު މެންބަރުންގެ ގޮތުގައި ދެމި ތިބި މެންބަރުންގެ އަދަދު އެއީ ޖުމްލަ އަދަދު ކަމުގައި ބެލުމަށެވެ. ކުރީން އޮތް ގޮތުން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނުމުގައި އަމަލު ކުރަނީ މަޖިލީހުގެ ޖުމްލަ އަދަދަށެވެ.
މި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ، އެމްޑީޕީގައި މިހާރު އޮތް މެޖޯރިޓީން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރެވޭނެއެވެ. މައްސަލަ ފާސްކުރަން މީގެ ކުރިން 58 މެމްބަރުންގެ ވޯޓު ބޭނުން ނުވި ނަމަވެސް އިސްލާހު ފާސްވެއްޖެނަމަ ބޭނުންވާނީ 54 މެމްބަރުންގެ ވޯޓެވެ. އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގައި މިވަގުތު ވެސް 56 މެމްބަރުން ތިއްބަވައެވެ.