ޚަބަރު

ސޯޝަލް މީޑިއާއިން އޮރިޔާން މަންޒަރު ބެލުން މަނާނުކޮށް, އޮރިޔާން މަންޒަރު ފެންނަ ބައެއް ވެބްސައިޓްތައް ބްލޮކް ކޮށްފި

ދިޔަވަރު
ސޯޝަލް މީޑިއާއިން އޮރިޔާން މަންޒަރު ބެލުން މަނާނުކޮށް, އޮރިޔާން މަންޒަރު ފެންނަ ބައެއް ވެބްސައިޓްތައް ބްލޮކް ކޮށްފި

ސޯޝަލް މީޑިއާއިން އޮރިޔާން މަންޒަރުތަކާއި, އަދި އޮރިޔާން ވީޑިއޯތައް ބެލުމުގެ ފުރުސަތު ހުޅުވާފަ ބޭއްވުމަށްފަހު, އޮރިޔާން މަންޒަރުތައް ފެންނަ ބައެއް ވެބްސައިޓްތައް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ނުވަތަ މުވާސަލާތީ ކަންކަން ރެގިއުލޭޓްކުރާ އިދާރާއިން ބްލޮކް ކޮށްފިއެވެ.

"ދިޔަވަރު އޮންލައިން" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި ބަރަހަނާ ސައިޓުތަކަށް ނުވަދެވޭ ގޮތަށް ހަދާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

އެހެންނަމަވެސް އަދިވެސް ސޯސަލް މީޑިއާގެ ވަސީލަތްތަކުން އޮރިޔާން ފިލްމާއި އޮރިޔާން ފޮޓޯތައް ބަލާލުމަށް އެއްވެސް ހުރަހެއް ނެތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި, އޮރިޔާން މަންޒަރު ފެންނަ ބައެއް ވެބްސަައިޓްތައް ބްލޮކް ކުރިނަމަވެސް, ސޯޝަލް މީޑިއާގެ ވަސީލަތްތައް ކަމަށްވާ ޔޫޓިއުބު, ޓުވިޓަރ, ޓިކްޓޮކް އަދި ފޭސްބުކްއިންވެސް އޮރިޔާން މަންޒަރު ނުބެލޭގޮތަށް ސަރުކާރުން ހަދާފައެއް ނުވެއެވެ.

ސޯޝަލް މީޑިއާއިން އޮރިޔާން މަންޒަރުތައް ބެލުން ސަރުކާރުން މަނާކޮށްފައި ނުވަނީ, ރާއްޖޭގައި އިންޓަރނެޓް ޚިދުމަތްދޭ ފަރާތްތަކަށް ބޮޑު ގެއްލުމެއް ލިބިގެންދާނެތީ އެފަރާތްތަކުގެ ކަންބޮޑުވުން ސަރުކާރާ ހިއްސާ ކުރުމުން, އެފަރާތްތަކުގެ އެދުމުގެ މަތިންކަމަށްވެސް "ދިޔަވަރު އޮންލައިން" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

ގިނަ ބަޔަކު ފާހަގަ ކޮށްފައިވާ ގޮތުގައި, ސޯޝަލް މީޑިއާގެ ވަސީލަތްތަކުން އޮރިޔާން މަންޒަރުތައް ބެލޭގޮތަށް ބޭއްވުމަށްފަހު, އޮރިޔާން މަންޒަރާ ފޮޓޯ ފެންނަ މަދު ވެބްސައިޓްތަކެއް ސަރުކާރުން ބްލޮކް ކޮށްފައިވަނީ, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަގުސަދުގައެވެ. އެއީ ކުޑަކުދިންނާއި ޒުވާނުން އޮރިޔާން މަންޒަރާ ވީޑިއޯތައް ބެލުމަށް މިހާރު އެންމެ ގިނައިން ބޭނުން ކުރަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް ކަމަށް ވާތީއެވެ.

އޮރިޔާން މަންޒަރާ ފޮޓޯ ސޯޝަލް މީޑިއާއިން ބެލުން މަނާނުކޮށް, ބައެއް ވެބްސައިޓްތައް ބްލޮކް ކުރުމާއި ގުޅޭގޮތުން ސަރުކާރާއި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.