ޚަބަރު

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހަށް ފަސްކޮށްފި 

ދިޔަވަރު
ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީ އަންނަ މަހަށް ފަސްކޮށްފި 

2024 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމް/ޕީއެންސީން ބާއްވާ މަޖިލިސް ޕްރައިމަރީ އަންނަ ޖެނުއަރީގައި ބާއްވާ ގޮތަށް ފަސްކޮށްފިއެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ މީގެ ކުރިން ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެކޯލިޝަނުން ބުނި ގޮތުގައި ދެން ޕްރައިމަރީ ބާއްވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުއެވެ.

އެ ކޯލިޝަނުން ބުނާގޮތުން ޕްރައިމަރީ ލަސްކުރީ ކުރިން ޕްރައިމަރީ ބާއްވަން ނިންމި ތާރީޚު މިޑްޓާމް ސްކޫލް ބަންދާ ދިމާވާތީ ގިނަ އަދަދެއްގެ ރައްޔިތުން އުމުރާ އަށާއި ގައުމުން ބޭރަށް ފުރަން ނިންމާފައިވާތީ ޕްރައިމަރީގައި ވާދަކުރާ ގިނަ ކެންޑިޑޭޓުންނާއި، އިއްތިހާދުގެ ގިނަ އަދަދެއްގެ މެންބަރުން ޕްރައިމަރީ ލަސްކޮށްދޭން އެދުމުން ކަމަށެވެ.

އެ ޕްރައިމަރީގައި ވާދަކުރުމުގެ ސުންގަޑި ހަމަވިއިރު ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުން ތަރުތީބު ކުރެވިފައިވާ ގޮތާއި އެ ކެންޑިޑޭޓުންގެ ނަންތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްތެރޭ އާންމު ކުރާނެ ކަމަށް ބަޔާޏުގައި ވަނީ ބުނެފައެވެ.

އަންނަ އަހަރު ކުރީކޮޅު ބާއްވާ މަޖިލިސް އިންތިހާބުން މެޖޯރިޓީ ނެގުމަށްޓަކައި ޕީޕީއެމް.ޕީއެންސީން ހިފާފަ ހުރި އަމާޒާއެކު 354 މެންބަރުން ޕާޓީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމައި މިހާރު ވަނީ ފޯމު ހުށަހަޅާފައެވެ. އޭގެތެރެއިން 10 ބޭފުޅަކަށް ވަނީ ޕްރައިމަރީއަކާ ނުލައި ޕާޓީ ޓިކެޓް އެދާއިރާތަކުން ކަށަވަރުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ މަޖިލިސް އިންތިހާބު އަންނަ އަހަރު ކުރީކޮޅު ބާއްވަން ވަނީ ހަމަޖެހިފައެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝާނާއި ބައެއް އިތުރު ޕާޓީތަކުން ގުޅުނަމަވެސް، މިހާތަނަށް ނިންމާފައި ވަނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް އެކަނި މަޖިލިސް އިންތިޚާބުގައި ކުރިމަތިލުމަށް ފުރުޞަތު ދިނުމަށްކަމަށް ކަމަށެވެ. އަދި އެމްޑީއޭ އަދި އެމްއެންޕީއާއި އެކު އޭރު އެއްބަސްވުންތަކަކަށް އައިނަމަވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ދިނުމާއި ގުޅޭ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.